ލައިފްސްޓައިލް

ގަރަމް މަސާލާ - އެއްގޮތަކަށް ވެސް ދޫކޮށްނުލާތި

ކައްކަން ބޭނުން ކުރާ އެކި ކަހަލަ ހަވާދުގެ ބާވަތްތަކަކީ ހަމައެކަނި ކާއެއްޗެތީގައި މީރު ރަހަ ލައްވަން ބޭނުންކުރާ އެއްޗިއްސެއް ނޫނެވެ. މިފަދަ ހަވާދުގެ ބާވަތްތަކުގައި އެކި ކަހަލަ ބަލިބައްޔާ ހަނގުރާމަ ކުރުމުގެ ގާބިލްކަން ވެސް ހުރެ އެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްލުމުގެ އިތުރުން ދިފާއީ ބާރު ގަދަ ކުރުމަށާއި ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުކޮށްލާ ހަށިގަނޑު ސާފު ކޮށްލުމަށް ވެސް އެކި ކަހަލަ ސްޕައިސްތަކުން އެހީތެރިވެ އެވެ.

އެގޮތުން ގަރަމް މަސާލާ އަކީ ވެސް ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ގަރަމް މަސާލާގައި އެކުލެވެނީ ވަރަށް މީރުރަހަ ލާ ހަވާދުގެ ބާވަތްތަކުގެ ތެރެއިން ކޮތަންބިރި، ދިރި، ނަޓްމެގް، ފޮނިތޮށި، ކާފޫރުތޮޅި، މަސްޓަޑް ސީޑްސް، ދަވިއްގަނދު، އަސޭމިރުސް އަދި ކަރަންފުލެވެ. މި ހުރިހާ ބާވަތެއް އެއްކޮށްގެން ތައްޔާރުކުރާ ގަރަމްމަސާލާ އަކީ ކޮންމެ ދުވަހަކު ކައްކާ ތަފާތު އެއްޗެތީގައި ބޭނުން ކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ.

ގަރަމް މަސާލާ އަޅާފައި ހުންނަ ކާނާއިން ހަށިގަނޑުގެ ހޫނުމިން އިތުރުވާ ކަމަށް ބުނެ ވަރަށް ގިނަ މީހުން އެ ކާން އެހާ ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް ލައިފްސްޓައިލް ކޯޗެއް ކަމަށްވާ ލޫކް ކޯޓިންހޯ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ޝެއާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ގަރަމް މަސާލާ އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫނެވެ.

އެ ހަވާދުން ލިބޭ ގިނަ ގުނަ ފައިދާތައް ވެސް އޭނާ ކިޔައިދެއްވި އެވެ. އޭނާ ބުނި ގޮތުގައި އަޔުރްވެޑާ އަކީ ތަފާތު ފަރުވާއަށް ވަރަށް ރަނގަޅު އެއްޗެކެވެ.

"ވަރަށް ގިނަ ބަޔަކު ބުނޭ ގަރަމް މަސާލާ ނުކައްޗޭ. އެއީ ހަށިގަނޑުގެ ހޫނުމިން އިތުރުވާ އެއްޗެކޭ. އަހަރެމެންނަށް ހަގީގަތުގައި އެފަދަ ކާނާ ބޭނުންވޭ. ބައެއް މީހުންނަށް ގަރަމް މަސާލާ ނުކެވެނީ އެމިހުންގެ ހަށިގަނޑުގައި ހުންނަ ބައެއް މައްސަލަތަކާ ހެދި. ނަމަވެސް އެނޫން އެންމެންނަށް ކެވޭނެ،" އޭނާ ލިޔެފައި ވެއެވެ.

ގަރަމް މައްސާލާއިން ކާ ހިތް ޖެހި ހަޖަމުކުރުން އަވަސްވެ އެވެ. މިހެން ދިމާވަނީ ގަރަމް މަސާލާ އެކުލެވޭ ކާނާ ކެއުމުން ބަނޑުގައި ގެސްޓްރިކް ޖޫސް އިތުރު ވާތީ އެވެ. ކަރަންފުލާއި ދިރިއަކީ ހަޖަމުކުރުމުގައި މައްސަލައެއް ހުރިނަމަ އެ މައްސަލަ ހައްލު ކޮށްދޭނެ ބާވަތްތަކެކެވެ. އަދި ކަރަންފުލުން ވައިގެ މައްސަލަތަކަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެ އެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގޭހުގެ މައްސަލަ ބޮޑު މީހުން ގަރަމް މަސާލާ ފަދަ ހޫނު ގަދަ ކެއުންތައް ކާކަށް ނުވާނެ ކަމަށެވެ. ނަމަވެސް ކޯޓިންހޯ ބުނާ ގޮތުގައި މިއީ ކުށް ހީއެކެވެ. ހަޖަމުކުރުމުގެ ނިޒާމަށް ގަރަމް މަސާލާ އަކީ ވަރަށް ފައިދާޙުރި އެއްޗެއް ކަމަށާއި އޭގެ ސަބަބުން ޑައިޖެސްޓިވް އެންޒައިމްސް އުފެދޭލެއް އިތުރުވުމަށް އެހީތެރިކަން ލިބޭ ކަމަށެވެ. އަދި މެޓަބޮލިޒަމް ނުވަތަ ސަރުބީ ވިރުވައިދޭ ނިޒާމްގެ މަސައްކަތް ވެސް ރަނގަޅުވެ އެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުން ކެއުމަށް ވެސް މިއީ ރަނގަޅު އެއްޗަކަށް ވެއެވެ.

ގަރަމް މަސާލާ އަކީ އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ އެއްޗަކަށް ވާތީ ހަމުގެ މައްސަލަތަކަށް ހައްލު ލިބެ އެވެ. އަދި އިންފްލެމޭޝަނެއް އުފެދިއްޖެނަމަ އެއާ ހަނގުރާމަކުރުމަށް އެހީތެރިވެ އެވެ.

"އަހަރެމެންގެ ހަށިގަނޑަށް ހޫނުކަން ބޭނުންވޭ ހުރިހާ ވިހަތަކެއް ބޭރުކޮށްލަން ވެސް. ހަށިގަނޑު ހޫނުވާ ކަހަލަ ކާނާ ކެއުމުން ބޮޑުގޮހޮރު، ކިޑްނީ އަދި ލިވާ ފަދަ ތަންތަނުގައި ހުންނަ ވިހަތައް ބޭރުވެ އެ ގުނަވަންތައް ސާފު ކުރެވޭނެ،" ކޯޓިންހޯ ބުނެފައި ވެއެވެ.

މީގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މީހުންނަށް ވެސް ގަރަމް މަސާލާ ކެއުމުން އެކަން ހައްލު ކުރަން ފަސޭހަ ވެއެވެ. އެއީ ގަރަމް މަސާލާގައި އެކުލެވޭ ކަރަންފޫ، ކާފޫރުތޮޅި ފަދަ އެއްޗެތީގެ ސަބަބުންނެވެ.