ލައިފްސްޓައިލް

ގެއްލުނު އަނގޮޓިއެއް 47 އަހަރު ފަހުން ފެނިއްޖެ

ހައި ސްކޫލްގައި ކިޔެވި ދުވަސްވަރު ލޯބި ވެގެން އުޅުނު ފިރިހެންކުއްޖާ ދިން އަނގޮޓިއެއް ގެއްލުނުތާ 47 އަހަރު ފަހުން ފެނިއްޖެ އެވެ. މި އަނގޮޓީ ގެއްލުނީ 1973 ގައި ފިންލެންޑްގެ މައިނޭ ކިޔާ ރަށަކުންނެވެ. އެތައް ޒަމާނަކަށް ފަހު އަނގޮޓި ފެނުނީ އެ ގައުމުގެ ޖަންގައްޔެއްގެ ތެރެއިންނެވެ.

ޑެބްރާ މެކްކެނާ، 63، އަތުން އަނގޮޓި ގެއްލުނީ ޕޯޓްލޭންޑްގައި ހުންނަ މޯސް ހައި ސްކޫލްގައި ކިޔެވި ދުވަސްވަރު އެވެ. އޭނާ ބުނި ގޮތުގައި އަނގޮޓި ގެއްލުނުތާ އެހާ ގިނަ ދުވަސްވުމުން އޭނާ އެ އަނގޮޓިމަތިން ހަނދާން ވެސް ނެތިފައި ހުއްޓާ ޖަންގަލީގައި މަސައްކަތްކުރާ މީހަކަށް ބިންމަތީގައި ވަޅުޖަހާފައި އޮއްވާ އަނގޮޓި ފެނުނީ އެވެ.

އެ އަނގޮޓިއަކީ މެކްކެނާގެ މަރުވެފައިވާ ފިރިމީހާ ޝޯންގެ އެއްޗެކެވެ. ސްކޫލް ދައުރުއްސުރެ ވެސް މެކްކެނާ ލޯބިވެގެން އުޅުނީ ޝޯން އާ އެވެ. ކިޔަވާ ނިމިގެން ދެ މީހުން ކައިވެނިކޮށް ކައިވެންޏަށް 40 އަހަރު ވެފައި ވަނިކޮށް 2017 ގައި ޝޯން ވަނީ މަރުވެފަ އެވެ. އެއީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާތާ ހައެއްކަ އަހަރު ވީ ފަހުންނެވެ.

ޝޯން އެ އަނގޮޓި މެކްކެނާ އަށް ދިނީ ސްކޫލް ނިންމާފައި ކޮލެޖަށް ކިޔަވަން ދަމުންނެވެ. ނަމަވެސް އެއް ދުވަހަކު ޑިޕާޓްމަންޓް ސްޓޯރެއްގެ ތެރޭގައި މެކްކެނާއަށް އެ އަނގޮޓި ބޭއްވުނީ އެވެ.

މެކްކެނާ ބުނި ގޮތުގައި މެއިލްގެ ޒަރިއްޔާއިން އެ އަނގޮޓި އިހަށް ދުވަހު އޭނާގެ އެޑްރެހަށް މީހަކު ވަނީ ފޮނުވާފަ އެވެ. އަނގޮޓި ފެނުމުން އޭނާއަށް ރޮވުނު ކަމަށާއި މީހުން މިހާ ގޯސް ޒަމާނެއްގައި އެ އަނގޮޓި ޕޯސްޓްކުރި މީހާ ފަދަ މީހުން ވެސް އުޅޭކަން އެނގުމުން އުފާވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެމީހާއަށް އަނގޮޓި ފޮނުވަން އެނގުނީ އޭގައި މެކްކެނާގެ ނަން ޖަހާފައިވާތީ ކަމަށް ވަނީ ބެލެވިފަ އެވެ.