ހަބަރު

ބިލާލް ފުރަތަމަ ރާއްޖެ އައީ ނަޝީދުގެ ވެރިކަމުގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ފުރަތަމަ ރާއްޖެ އައިސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނުގެ ރުހުން އޮވެގެންކަން ހާމަވެއްޖެ އެވެ.

ބިލާލް ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ ޖަމިއްޔަތުއް ސަލަފުގެ ފަރާތުން 2009 ވަަނަ އަހަރު އެވެ. އެ ޖަމިއްޔާއިން ވަނީ ދީނާ ދަރުސްތަކެއް ދިނުމަށް ބިލާލް ރާއްޖެ ގެނައުމުގެ ހުއްދައަށް އޭރު އިސްލާމިކް މިނިސްޓްރީއަށް ސިޓީއަކުން ދަންނަވާފަ އެވެ.

ޖުލައި 14، 2009 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ބިލާލް ރާއްޖެ ގެނައުމުގެ ހުއްދަ ދެއްވާ، ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަލަފުން ކުރާ މަސައްކަތަށް ޝުކުރުވެރި ދަންނަވާފަ އެވެ. އެ ސިޓީގައި އިސްލާމިިކް މިނިސްޓްރީގެ ފަރާތުން އޭރު ސޮއި ކުރައްވާފައި ވަނީ އޭރުގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ސަލަފުން ބިލާލް ފިލިޕްސް ރާއްޖެ ގެނައުމުގެ ހުއްދައަށް އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފަޔަކަށް އެދިފަ އެވެ. އިސްލާމިކް މިނިސްޓްރީން އެ ހުއްދަ ސަލަފަށް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަމުގައި އިއުތިރާޒެއް ނެތްކަމަށް އެންގުމުންނެވެ.

ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ބިލާލް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު މިކަން ހާމަ ކުރެއްވުމާއެކު ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންވެސް ވަނީ ބިލާލް ރާއްޖެ ގެނައުމަށް ދެކޮޅު ހައްދަވާ ވަރަށް ބިލާލަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ބަޔަކު ދެކޮޅު ހެދިނަމަވެސް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދިޔައީ ބިލާލް ރާއްޖެ ގެނައުމަށް ވެސް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވެސް ގެންދެވީ އެކަމަށް ގޮވާލައްވަމުންނެވެ.

ނަމަވެސް މިނިސްޓަރު މަހުލޫފް ރޭ ވިދާޅުވީ އުފެދިފައިވާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާގުޅުންހުރި ބައެއް އިދާރާޔަކުގެ ލަފާ ހޯދުމަށް ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.

ބިލާލަށް ޔޫޕަރްގެ ބައެއް ގައުމުތަކުން ފިޔަވަޅު އަޅާ އެ ގައުމުތަކަށް އެރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މުސްލިމުންގެ މެދުގައި އޭނާއަކީ ވަރަށް މަގުބޫލް އިލްމުވެެރިއެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޭނާގެ މަގުބޫލްކަން ބޮޑެވެ.