ހަބަރު

ރިނބުދޫ ސަގާފީ މަގު ހުޅުވާ "މަރިޔަންމާ" ކެންޕެއިން ފަށައިފި

ދ. ރިނބުދޫ ސަގާފީ މަގު ހުޅުވާ، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން މިއަދު އިފްތިތާހު ކޮށްފި އެވެ.

ރިނބުދޫ ސަގާފީ މަގު ހުޅުވައިދެއްވާ، "މަރިޔަންމާ" ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސަގާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރި ކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެކެވެ. މިމަގަކީ ރިނބުދޫގައި ލޯކަލް ޓްއަރިޒަމް ތަރައްގީ ކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއް ކަމަށް ކައުންސިލުން ބުނެއެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަގާފީ ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިއަދު އިފްތިތާހުކުރި "މަރިޔަމްމާ" ޕްރޮގްރާމަކީ އުފަންވެނި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާބަނޑު އަންހެނުންނާ އެމީހުންގެ ތުއްތު ދަރިންނާއި އެމީހުންގެ ފިރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދެވޭނެއެވެ.

މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގެ ބައިވެރިއަކަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވިއެވެ.