ވިޔަފާރި

ޓީޖީއެސްޓީ އިތުރުވެ، ރިސޯޓު ކުލީގެ އާމްދަނީ މަދުވެއްޖެ

Feb 20, 2020

ކުއްޔަށް ދޫކޮށްފައިވާ ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ އާމްދަނީ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ މި މަހުގެ ހަ ވަނަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ އިން އާމްދަނީގެ ގޮތުގައި ލިބުނީ 526.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް މި ޓެކުހުން 575.1 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ.

މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓުގައި ޓީޖީއެސްޓީއިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ތިން ބިލިއަން ރުފިޔާ އެވެ.

މި މުއްދަތުގައި ކުއްޔަށް ދޫކޮށްފައިވާ ރިސޯޓުތަކުން ކުލީގެ ގޮތުގައި 42.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 54.7 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. މި އަހަރު ރިސޯޓު ކުލިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާ އެވެ.

ޓޫރިޒަމާ ގުޅުންހުރި އެހެން ފީތަނުގެ ތެރެއިން ލޭންޑް އެކުއެޒިޝަން ފީ ނަގާ ގޮތަށް މިދިޔަ އަހަރު ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. މި ކުލިން މިއަހަރު 297 ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 150 ރިސޯޓު ހިންގަ އެވެ. ނަމަވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް މަދުވެފައި ވާތީ ޓޫރިޒަމާ ގުޅުންހުރި އާމްދަނީ އަށް ދަށްވުމެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.