ވިޔަފާރި

2019 ގައި އަލަށް 79 ގެސްޓްހައުސް އާއި 18 ރިސޯޓު ހުޅުވި

Feb 21, 2020
3

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަލަށް 79 ގެސްޓްހައުސް އާއި 18 ރިސޯޓު ހުޅުވި ކަމަށް ޓޫރިޒަމް މިނިސްޓްރީ ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސައިޓުގައިވާ 2018 އަދި 2019 ގެ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 419 ގެސްޓްހައުސް އެވެ. ނަމަވެސް 2019 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 79 ގެސްޓްހައުސް އިތުރުވެ، 563 އަށް އިތުރު ވެފަ އެވެ.

މި އަހަރު ނިމުނުއިރު 9،216 އެނދު ގެސްޓްހައުސް ސިނާއަތުގައި ހުއްޓެވެ. މިއީ އޭގެ ކުރީ އަހަރު ނިމުނުއިރު ހުރި 8،017 ގެސްޓްހައުސްއާ އަޅާ އަޅާ ކިޔާނަމަ 1.119 އެނދު އިތުރުވުމެކެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ގެސްޓްހައުސްގެ އިތުރުން މިދިޔަ އަހަރު ދެން އެންމެ ގިނައިން ހުޅުވާފައިވަނީ ރިސޯޓު ތަކެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 157 ރިސޯޓެވެ. މިއީ 2018 ނިމުނުއިރު ރާއްޖޭގައި ހުޅުވާފައިވާ 139 ރިސޯޓާ އަޅާ ބަލާއިރު 18 ރިސޯޓުގެ އިތުރު ވުމެކެވެ. އަދި މުއްދަތުގައި ރިސޯޓުތަކަށް 4،471 އެނދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 35,016 އެނދު ރާއްޖޭގައި ހުރިއިރު، އޭގެ ކުރީ އަހަރު ރިސޯޓުތަކުގައި ހުރީ 30,545 އެނދެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ވަނީ 50،000 އަށްވުރެ އިތުރުވެފަ އެވެ.