ލައިފްސްޓައިލް

ޓީންއޭޖް ކުދިން މާ ގިނައިރު އިށީނދެ ތިބޭނަމަ ޑިޕްރެޝަނަށް މަގުފަހިވޭ

ފުރާވަރުގެ ކުދިން މާ ގިނަ ވަގުތު އެއްތަނެއްގައި އިށީނދެ ތިބުމަކީ ޑިޕްރެޝަން ކަހަލަ ނަފްސާނީ މައްސަލަތައް މެދުވެރިވެދާނެ ސަބަބެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޖާނަލް ލާންސެޓް ސައިކޭޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި 12 ވަރަކަށް އަހަރުގެ ކުދިން އާއްމުކޮށް ހެލިފެލިވާ ވަރަށް ވުރެ އިތުރަށް ކޮންމެ ދުވަހަކުވެސް 60 މިނެޓް އިރު ގޭތެރޭގައި ހިނގާލުން ނުވަތަ ގޭގެ ކޮންމެވެސް ކަމެއް ކޮށްލުން ފަދަ ލުއިލުއި ހަރަކާތެއް ކޮށް އުޅުނު ނަމަވެސް އެކުދިންނަށް 18 އަހަރު ފުރޭއިރު ޑިޕްރެޝަންގެ އަލާމާތްތައް ފެންނަލެއް 10 ޕަސެންޓް ދަށްވެ އެވެ.

"އަހަރެމެންގެ ހޯދުމުން ދެއްކި ގޮތުގައި ޅަފުރައިގެ ކުދިން މިޒަމާނުގައި ގިނަ ވަގުތު ހޭދަކުރަނީ ވަރަށް ހަރަކާތް މަދުކޮށް. އެހެންވެ ފުރާވަރަށް އަރާ ކުދިންނަށް 18 އަހަރު ފުރޭއިރު ޑިޕްރެޝަންގެ މައްސަލަތަކުގެ ނުރައްކާ އިތުރުވޭ،" އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ ކޮލެޖް ލަންޑަނުން ކުރި މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. އާރޮން ކަންޑޮލާ ވިދާޅުވެފައި ވެއެވެ.

ޑރ. ކަންޑޮލާ ވިދާޅުވީ ކޮންމެހެން ކޮންމެ ދުވަހަކު މާ ގަދަޔަށް ކަސްރަތު ނުކުރިޔަސް ހެލިފެލިވެ އުޅޭ ވަގުތު ގިނަކޮށްލާ އިށީނދެގެން އިންނަ ވަގުތު މަދުކޮށްލުމުން ވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ އެވެ.

ސައިންސްވެރިންގެ މި ހޯދުމުން ދެއްކި ގޮތުގައި ވަރުގަދަ ކަސްރަތުތައް ނޫނަސް އާދައިގެ ގޮތެއްގައި ކަސްރަތު ލިބޭ ކަހަލަ ކަންތައްތައް ފުރާވަރު އުމުރުގައި ކޮންމެ ދުވަހަކުވެސް ކުރާނަމަ ޑިޕްރެޝަންގެ މައްސަލަތައް މަދުވާނެ އެވެ.
ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ހެލިފެލިވެ އުޅުން މަދުވެ އަބަދު ތަންތަނުގައި އިށީނދެ އިނުމުގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ދަށްވުމަކީ ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ.

މި ދިރާސާއަށް މައުލޫމާތު ހޯދާފައިވަނީ ފުރާވަރު އުމުރުގެ 4،257 ކުއްޖެއްގެ މައުލޫމާތަށް ބަލައިގެންނެވެ. ޔުނިވަސިޓީ އޮފް ބްރިސްޓޯލުން މި ކުދިންގެ މައުލޫމާތު އެއްކޮށްފައިވަނީ އުފަން ވީއްސުރެ މިހާތަނާ ޖެހެންދެނެވެ. އުމުރުން 12 އަހަރާއި 14 އަހަރާއި 16 އަހަރުގައި މަދުވެގެން ތިން ދުވަހު 10 ގަޑިއިރު އެކްސެލެރޯމީޓަރެއް މި ކުދިންގެ ގައިގައި ހަރުކޮށްފައި ބަހައްޓައިގެން ވެސް މި ކުދިންގެ ސިއްހީ މައުލޫމާތު ނަގާފައި ވެއެވެ.

އަދި ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ މޫޑު ގޯސްވުމާއި އެއްވެސް ކަމަކުން ހިތްހަމަޖެހުން ނުލިބުން، ކަންކަމަކަށް ކޮންސެންޓްރޭޓް ކުރަން ދަތިވުން ފަދަ ކަންތައްތައް މި ކުދިންނަށް ދިމާވި މިންވަރާ ބެހޭ މައުލޫމާތު ވެސް އެއްކޮށްފައި ވެއެވެ.

އެކްސެލެރޯމީޓާސް ހަރުކުރުމުން ކުދިން ދިރިއުޅޭ ގޮތުގެ ސާފު މައުލޫމާތުތައް ހޯދަން މާ ފަސޭހާވި ކަމަށާއި ތެދު މައުލޫމާތު ހޯދަން މިގޮތް މާ ރަނގަޅު ކަމަށެވެ.

ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި ފުރާވަރު ކުދިންގެ މެދުގައި ޑިޕްރެޝަންގެ މައްސަލަތައް މިހާރު އަޖައިބުވާހާ ގިނަ އެވެ. ސަބަބެއް ކަމަށް ވަނީ ގޭމް ކުޅުމާއި ފޯނު އަދި ލެޕްޓޮޕް ފަދަ ތަކެތި ހިފައިގެން ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެ ތިބުމެވެ.