ވިޔަފާރި

އެޗްޑީސީން އަޅާ 1300 ފްލެޓު އަންނަ އަހަރު ޖުލައިގައި ނިމޭނެ

Feb 21, 2020
2

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅައި 1،300 ފްލެޓްގެ މަސައްކަތް އަންނަ އަހަރު ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު އަވަސްއަށް ވިދާޅުވީ ދެވަނަ ފިޔަވަހީގައި އަޅަނީ އެ ކުންފުނިން ލޯނެއް ނަގައިގެން ހަދަމުން އަންނަ 1342 ފްލެޓެއް ކަމަށާއި އެތަން ހަދާ ނިމި އަގުތައް ޔަގީންވުމުން އެތަން ވިއްކަން ހުޅުވާލާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުލައި މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"މިތަން ކުއްޔަށް ދޭކަށް ނުނިންމަން އަދި ވަކި އަގެއް ވެސް ކަނޑަނޭޅޭ. މިއީ ވިއްކުމަށްޓަކައި ލޯނެއް ނަގައިގެން އަޅުގަނޑުމެން އަޅަމުން އަންނަ ފްލެޓެއް،" ސުހައިލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްރޫއާ ގުޅޭ އިތުރު މަައުލޫމާތު މި މަހު ހައިރައިޒް ކުންފުނިން ބާއްވާ "ލިވިން އެކްސްޕޯ" ގައި އެޗްޑީސީން އާއްމު ކުރާނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ޗައިނާ ކުންފުންޏަކަށް ހަވާލުކޮށްގެން 7،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. ސަރުކާރުން އަންނަނީ މި އަހަރު ތެރޭ އެ ފްލެޓުތައް ވެސް ނިންމާ ރައްޔިތުނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެޑިޓަރުގެ ނޯޓު

މި ހަބަރުގައި ފްލެޓްތައް ކުއްޔަށް ދޫކުރަން ފަށަން އުޅޭ ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. މިހާރު ހަބަރު ވާނީ އިސްލާހު ކުރެވިފަ އެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.