ހަބަރު

ދިވެހި އިންޝުއަރެންސްގެ އެމްޑީ ކަމަށް އަމީލް

ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިން އެލައިޑް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވެވި އަހްމަދު އަމީލް ހަމަޖައްސައިފި އެވެ.

ދިވެހި އިންޝުއަރެންސުން ބުނީ އަމީލް އެ މަގާމަށް ހަމަޖެއްސީ އެ ކުންފުނީގެ ފައުންޑަރު އަބްދުލްވާހިދު ތައުފީގު އެ ކުންފުނީގެ ޗެއާމަން ކަމަށް ވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ.

ޗެއާމަން ވާހިދު ވިދާޅުވީ މި ބަދަލާއެކު އެ ކުންފުނި ވެގެން ދާނީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތްދޭ އެންމެ ގާބިލު މުވައްޒަފުން ތިބި އެއް ކުންފުންޏަށް ކަމަށެވެ.

ދިވެހި އިންޝުއަރެންސްގައި ތިބީ 100 ޕަސެންޓް ދިވެހިން ކަމަށާ އެ މުވައްޒަފުން އަބަދު ވެސް މަސައްކަތް ކުރާނީ އިންޝުއަރެންސް ދައިރާ އިން ދިވެހިން ތަމްރީނު ކުރަން ކަމަށް ވެސް ވާހިދު ވިދާޅުވި އެވެ.

އަމީލް އާއި ވާހިދަކީ ރާއްޖޭގެ އިންޝުއަރެންސް ދާއިރާގައި 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މީގެ ކުރިން އެ ދެ ބޭފުޅުން ވަނީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑުގެ އެމްޑީކަން ކުރައްވާފަ އެވެ.