ހަބަރު

އިންޝޫރަންސް ވިޔަފާރި "ކާޓެލް" އެއްގެ ގޮތު ސިފަކޮށްފި

Nov 4, 2020
1

ރާއްޖޭގައި އިންޝޫރަންސް ވިޔަފާރި ހިންގަނީ "ކާޓެލް" އުސޫލުންކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ތުހުމަތުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހުށަހަޅުއްވާފައިވާ އިންޝުއަރެންސް ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ރާއްޖޭގައި މިހާރުދެމުންދާ އިންޝޫރަންސްގެ ހިދުމަތްތައް ޒަމާނީކޮށް، އެ ހިދުމަތްދޭ ކުންފުނިތައް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޝޫރަންސްގެ ވިޔަފާރިތައް ހިންގީ "ކާޓެލް" އުސޫލުން ނާޖާއިޒު ގޮތުގައި ބަޔަކަށް ފައިސާ ނަގައިދިނުމަށް ކަމަށެވެ.

"ކާޓެލް ސިސްޓަމަށް ހިންގީ ދިވެހި އިންޝޫރަންސް. އެސްޓީއޯ ހިންގީ ކާޓެލް ގޮތަށޭ. އެ ކާޓެލްގެ ދަށުގައި އޮންނަނީ އެލައިޑް އިންޝޫރަންސް. އެއީ ކާޓެލްއެއް. ކޮންމެވެސް ނުފޫޒުގަދަ މީހަކު މި ބުނަނީ ތިމަންނާ އަތުގައި އެބައޮތޭ އުޅަނދެއް. ތިމަންނާ އަތުގައި އެބައޮތޭ ވެހިކަލެއް. ތިމަންނާ އަތުގައި އެބަހުއްޓޭ ބޭސްފިހާރައެއް. ދެން ރޯކޮށްލަނީ ބޭސް ފިހާރަ. އިންޝޫރަންސުލް ލާރި ދެނީ. ކޮންމެވެސް އުޅަނދެއް ފައްތާލަނީ. ފައްތާލާއިރުގައި ކާޓެލުން އޮންނާނީ ރޭވިފައި ދޭނެ ވަރުވެސް ކަނޑައެޅިފައި،" ބޮންޑޭ ތުހުމަތުކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބޭރުގެ އިންވެސްޓްމަންޓުތަކަށް އިތުބާރު ހޯދައި ދިނުމަށްޓަކައިވެސް، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބެލެނިވެރިކަމުގެ ދަށުން އިންޝޫރަންސްގެ ހިދުމަތްތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

ބޮންޑޭގެ ކުރިން ވާހަކަ ދެއްކެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވެސް ވިދާޅުވީ އިންޝޫރަންސާބެހޭ މުއާމަލާތްތައް "ކޮފީ މޭޒު"ތަކުން ނިންމަމުންދާ ކަމަށާއި، އަދި ބަދަލު ލިބެންޖެހޭ ފަރާތްތަކަށް ހައްގު ބަދަލު ލިބެމުންނުދާ ކަމަށެވެ.

އަދި ސަރުކާރުގެ އިންޝުއަރެންސް ކުންފުންޏާއި އަޅާބަލާއިރު އަމިއްލަ ބަޔަަކު އުފައްދައިގެން އުޅޭ އިންޝުއަރެންސް ކުންފުންޏަށް ލިބޭ ފައިދާ މާބޮޑު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިގޮތުން، އެލައިޑް އިންޝޫރަންސް ހިންގަމުންދާ ގޮތާބެހޭ ގޮތުންވެސް ޝަހީމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ނޫނެއް ނޫން ނެތިގެން މިއުޅެނީ. މިހާރުގެ ސަރުކާރުގެ އިންޝުއަރެންސް ކުންފުނީގެ ހާލަކީ ބޯޑުގައި ތިއްބަވަންޖެހިވަޑައިގަންނަވާ ހަތް މެމްބަރުން. މިހާރުވެސް ތިބީ ހަތަރު މެމްބަރުން. ތިން މެމްބަރުން މަދު. އިންޝުއަރެންސް ކުންފުނިން ބަދަލުދޭ އިރު ދެބައިކުޅަ އެއްބައި މަދު،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ނާޝިޒު ހުށަހެޅުއްވި ބިލުގައި މައިގަނޑު ގޮތެއްގައި ވަނީ އިންޝޫރަންސް ވިޔަފާރި ރެގިއުލޭޓް ކުރުމާއި، ޕޮލިސީ ހޯލްޑަރުންގެ ރައްކާތެރިކޮށްދިނުމާއި، އެ ވިޔަފާރީގައި ވާދަވެރިކަން އުފެއްދުމާއި، އާއްމު ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އިގުތިސޯދަށް ހިއްސާ ކުރާ ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުން ހިމެނެ އެވެ.