ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ހިލާފުވުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ އިނާޔަތްތައް ކަނޑާލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ޕާޓީގެ ޗެއާޕާސަނަށް އަންގައިފި އެވެ.
އެމްޑީޕީން ބޮންޑޭއަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ މިދިޔަ އަހަރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)އިން ނެރުނު ތިން ވިޕްލައިނަކާއި ހިލާފަށް ވޯޓު ދެއްވުމުންނެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ބޮންޑޭއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ތިން ވިޕްލައިނަކާ ހިލާފުވެވަޑައިގެންފައިތީ އެ ޕާޓީގެ ޕީޖީގެ ހިންގާ ގަވައިދާއި އެއްގޮތުގެ މަތިން އަޅާ ފިޔަވަޅެއްގެ ގޮތުން އެ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދަންނަވާފައިވާނެ ކަމަށެވެ.
ބޮންޑޭ ހިލާފުވިކަމަށް އަސްލަމްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ތިން ވިޕްލައިނަކީ ސަޕްލިމެންޓްރީ ބަޖެޓާއި މި އަހަރަށް ލަފާކުރި ބަޖެޓްގެ އިތުރުން ޖީއެސްޓީ ބޮޑުކުރުމުގެ ބިލު ފާސް ކުރުމަށް ނެރުނު ތްރީލައިން ވިޕެވެ.
އަސްލަމްގެ ސިޓީގައި ވަނީ ވިޕްލައިނެއް ނެރެފިނަމަ މަޖިލީހަށް ހާޒިރުވެ ވޯޓުލާން ޕީޖީގެ މެންބަރުންނަށް މަޖުބޫރުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީގެ ލީޑަޝިޕަށް ގަބޫލުކުރެވޭ ވަރުގެ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ ކުރިން ހުއްދަ ނުނަގާ މަޖިލީހަށް ހާޒިރު ނުވެ ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެމްޑީޕީގެ ހިންގާ ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ދޭނީ އިންޒާރެެވެ. ދެވަނަ ފަހަރު އިންޒާރާއެކު މާފަށް އެދުމަށް އަންގާނެ އެވެ. ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފު ވެއްޖެ ނަމަ އިނާޔަތްތައް އުނި ކުރާނެ އެވެ.
ހަތަރުވަނަ ފަހަރު ކުށް ތަކުރާރު ކޮށްފި ނަމަ އަދި ޕާޓީގެ މަގާމެއްގައި ހުރިނަމަ އެ މަގާމުން ވަކިކޮށް އެއް އަހަރު ވަންދެން އެތެރޭގެ އިންތިހާބެއްގައި ކުރިމަތި ނުލެވޭނެ އެވެ. ފަސްވަނަ ފަހަރު ޕާޓީން ވަކި ކުރާނެ އެވެ.
އަސްލަމްގެ ސިޓީއަށް ޖަވާބުދެއްވުމަށް ބޮންޑޭ ވަނީ އަސްލަމްއަށް ސިޓީއެއް ފޮނުއްވާފަ އެވެ. ބޮންޑޭގެ ސިޓީގައި ބުނެފައިވަނީ އޭނާ އިންތިހާބު ކުރީ ރައްޔިތުން ކަމަށާއި އޭނާ ވޯޓުލައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ފާއިތުވީ ހަތަރު އަހަރު އެމްޑީޕީގެ ޕީޖީން ނެރެފައިވާ ވިޕަށް ވޯޓު ދޭން މަޖިލީހުގެ އެތައް ޖަލްސާއަކަށް އަސްލަމްވެސް ހާޒިރުވެވަޑައިނުގެން ވިޕާ ހިލާފުވެފައިވާ ކަމަށެވެ.
ވިޕްލައިނާ ހިލާފުވާ ވަކި ބަޔަކަށް ފިޔަވަޅުއެޅުމަކީ އަނިޔާއެއްގެ ގޮތުގައި ބޮންޑޭ ވަނީ ސިފަކުރައްވާފަ އެވެ. އަދި މިއީ ވަކި ފިކުރެއް ނެތިކޮށްލުމަށް ކުރާކަމެއް ކަމަށް ވިދާޅުވެ ބޮންޑޭ ވަނީ މިއަދު މަޖިލީހުގެ ޖަލްސާގައިވެސް ވާހަކަދައްކަވާފަ އެވެ.