އެމްޑީޕީން ވަކިވުމަށް ބޭނުންވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ސްޓޭންޑަޑެއް މި ބިލުގައި ނެތް ކަމަށެވެ.
"މިހާރު ސްވިސް ޗޮކުލެޓުގެވެސް، ޓޮބްލެރޯންގެ އެ ސްޓޭންޑަޑް ނެތިގެން ސްވިސް މައުންޓެއިން ނަގާގޮތަށް މިހާރު ނިންމައިފި. އެ ސްޓޭންޑަޑް ނެތީމަ،" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ އޭނާވެސް ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށާއި އެމްޑީޕީގެ ސްޓޭންޑާޑް ރުޖޫއަވުމުން އެނބުރި ޕާޓީއާއި ގުޅޭނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސް ނަޝީދާއި ސީރިއަސްކޮށް މަޝްވަރާ ކުރައްވަން ބޭނުން ކަމަށްވެސް ބޮންޑޭ ވިދާޅުވި އެވެ.
ޕާޓީން ވަކިވުމަށްފަހު ހުންނާނީ ދުރުގައި ކަމަށް ވިޔަސް ފިކުރެއްގެ ދިރުން ހަރަކާތުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއްވެސް ބޮންޑޭ ދެއްވި އެވެ. ބޮންޑޭ ވިދާޅުވީ ފިކުރެއްގެ ދިރުން ހަރަކާތަކީ ކޮންމެހެން ސޮއި ބޭނުންވާ ކަމެއް ނޫން ކަމަށާއި އެ ހަރަކާތުގައި އޮތީ އެމްޑީޕީގެ ސާފު ތިލަފަތް ކަމަށެވެ.
މީގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަކިކުރިޔަސް މި ބިލަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަފީފް ވިދާޅުވީ ވިޕްލައިނެއް ނެރުނަސް އެއާ ހިލާފު ވާނެ ކަމަށާއި އަދި އެއީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.