ހަބަރު

ތާޑްޕާޓީ އިންޝޫރަންސް އުވާލާ ބިލު ބާތިލު

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދު ނުލިބި، އެ ބިލު ބާތިލުވެއްޖެ އެވެ.

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ އެއްގަމު އުޅަނދެއް ދުއްވަން ވާނީ އެއުޅަނދެއް އެކްސިޑެންޓް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށް ފަހުގައި ކަމަށް އެއްގަމު ދަތުރުގަތުގެ ގާނޫނުގައި ބުނާ މާއްދާ އުނި ކުރުމަށެވެ.

ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެއްގަމު އުޅަނގުތައް އިންޝުއަރެންސް ކުރެވެމުން ދިޔަ ނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ.

އެގޮތުން، ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ނަގަމުން ދާއިރު، އެކަމުން ދިވެހި ސަރުކާރަށް ވެސް އަދި ދިވެހި ރައްޔިތަކަށް ވެސް އެއްވެސް މަންފާއެއް ލިބެމުންނުދާ ކަމެއް ގަނޫނަކުން ރައްޔިތުންގެ މައްޗަށް ލާޒިމު ކޮށްފައި އޮތުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށެވެ.
އެ އިސްލާހު މިދިއަ އޯގަސްޓް މަހު މަޖިލީހަށް ބަލައިގެންފައި ވާއިރު، އެ ބިލު ދިރާސާ ކުރި މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ވަނީ ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށްފައި އެވެ.

މިގޮތުން، އެ މުއައްސަސާތަކުން ބުނީ ތާޑު ޕާޓީ އިންޝުއަރެންސް މެދުވެރިކޮށް އެކްސިޑެންޓުތަކުގައި މީހުނަށާއި އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައި ދެވޭ ކަމަށެވެ.

އެހެންކަމުން، ބަދަލު ހޯދައިދެވޭނެ އިތުރު ގޮތެއް ނުހޯދައި، ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ބައިނަލްއަގުވާމީ މުއާހަދާ، ވިއޭނާ ކޮންވެންޝަންގައި ބައިވެރިވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި އެ ގައުމެއްގައި ތާޑު ޕާޓީ އިންޝުއަރެންސް އޮތުން ލާޒިމުވާ ކަމަށެވެ.

އެއާއެކު އެ އިސްލާހަކީ މަޖިލީހުން ފާސްކުރަން ނުފެންނަ ބިލެއް ކަމަށް، ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެ ބިލު ފާސްކުރަން މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، އެ އިސްލާހާ ދެކޮޅަށް 46 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.

އޭގެ ފަހުން، އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނެގުނު ވޯޓުގައި ވެސް، 51 މެންބަރުން ވޯޓު ދީފައިވަނީ އެގޮތަށް އަމަލުކުރަން ނުފެންނަ ކަމަށެވެ. އެ ހުށަހެޅުމާ އެގޮތަށް ވޯޓު ދެއްވީވެސް އެންމެ ތިން މެންބަރުންނެވެ.

އެއާއެކު، އެ ބިލު ބާތިލުވެފައިވާކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައި އެވެ.