އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހޭގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ އެއްގަމު އުޅަނދެއް ދުއްވަން ވާނީ އެއުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުންލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ތާޑް ޕާޓީ އިންޝުއަރަންސް ކުރުމަށްފަހުގައއި ކަމަށް އެއްގަމު ދަތުރުގަތުގެ ގާނޫނުގައި ބުނާ މާއްދާ އުނިކުރުމަށެވެ.
ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެއްގަމު އުޅަނގުތައް އިންޝުއަރެންސް ކުރެވެމުން ދިޔަނަމަވެސް ހިނގާފައިވާ އެކްސިޑެންޓްތަކަށް އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ.
އެގޮތުން، ރައްޔިތުންގެ އަތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ނަގަމުން ދާއިރު، އެކަމުން ދިވެހި ސަރުކާރަށްވެސް އަދި ދިވެހި ރައްޔިތަކަށްވެސް އެއްވެސް މަންފާއެއް ލިބެމުންނުދާ ކަމެއް ޤާނޫނަކުން ރައްޔިތުންގެ މައްޗަށް ލާޒިމުކުރެވިފައި އޮތުމަކީ ބަލައިގަންނަން ދަތިކަމެއްކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ތާޑް ޕާޓީ އިންޝުއަރަންސް އުވާލުމުގެ އިތުރުން، ނަޝީދު ވަނީ އެ ގާނޫނަށް އެހެން އިސްހާލެއްވެސް ހުށަހަޅުއްވައިފަ އެވެ.
އެއީ އުޅަނދެއް ގަރާޖެއްގައި ރަޖިސްޓްރީކުރުން ލާޒިމު ނުވާގޮތަށް ހުށަހެޅި އިސްލާހެކެވެ.
އެ އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެއުޅަނދެއް ބޭއްވުން ލާޒިމް ވެގެންނުވާ ކަމަށެވެ.
މި އިސްލާހުތަކުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފަ އެވެ.