ދުނިޔެ

"އީރާނު މައްސަލައިގާ އެމެރިކާގެ އާންމުން ތިބީ އިޒްރޭލާއެކު"

Sep 4, 2015

ތެލް އަވީވް (ރޮއިޓާރސް) އެމެރިކާއިން އީރާނާއެކު ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމާމެދު އެމެރިކާގެ ރައްޔިތުންގެ ހިޔާލު ހުރީ އިޒްރޭލާ އެއްގޮތަށް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ނުރައްކާ އިތުރުވާނެ ކަމަށާއި މި އެއްބަސްވުމާ ދެކޮޅު ހެދުމަށް އެމެރިކާގެ ކޮންގްރެސް އަށް ބޮޑުވަޒީރު ނަތަންޔާހޫ ކުރިން ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ކޮންގޮރެސް އިން ވަނީ އީރާން ޑީލަށް ތާއީދު ކޮއްފައެވެ.

"އިޒްރޭލެކޭ އެއްގޮތަށް އެމެރިކާގެ އާންމުންގެ ގިނަ ބަޔަކު އީރާނުގެ ނުރައްކާތެރިކަން ގަބޫލުކުރޭ. އީރާނަކީ އެމެރިކާގެ ދުޝްމަނެއް. އެމީހުން އެކަން ފާޅުގައި ބަޔާން ކުރޭ. އިޒްރޭލަކީ އެމެރިކާގެ އެކުވެރިޔެއް." ހިޔާލު ތަފާތުވިޔަސް އެމެރިކާއާއެކު އޮންނަ ގާތް ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނަތަންޔާހޫ ވިދާޅުވިއެވެ.

އީރާނާއެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމައްފަހު އިޒްރޭލާއެކު އެމެރިކާއިން އަސްކަރީ ގުޅުންތައް ވަރުގަދަ ކުރާނެ ކަމުގެ އިޝާރާތެއް އޮބާމާ ވެސް ވަނީ ދެއްވާފައެވެ. "އާއިލާގެ ތެރޭގައިވެސް އަދި ރަހުމަތްތެރިންގެ ތެރޭގައިވެސް ދެބަސްވުންތައް ހުންނާނެ. އިޒްރޭލަކީ ހަމައެކަނި ރަހުމަތްތެރިއެއް ނޫން. އެއީ އާއިލާ." އޮބާމާ ވިދާޅުވިއެވެ.

އިޒްރޭލުން ކަންބޮޑުވަނީ އީރާނާއެކު ހަދާފައިވާ އެއްބަސްވުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާތީ އާއި އަސްކަރީ ގޮތުން އިހްތިޔާރުތަކެއް ލިބިދީ ނިއުކްލިއާ ޕްރޮގްރާމް ވެސް ވަކި ހަމަޔަކުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިދީފައިވާތީ، ފުރުސަތުގެ ބޭނުންހިފައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަފާނެތީއެވެ. އެމެރިކާގެ ބައެއް އާންމުންނާއި ރިޕަބްލިކަން ޕާޓީގެ ވެރިންގެ ހިޔާލުވެސް ހުރީ މިހެންނެވެ.