ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފެނިވަޑައިގަންނަވަނީ ކުރާނެ ކަމެއް ނެތި ހުންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށާ މި ސަރުކާރުން ރައްޔިތުންނަށް ހާސިލްކޮށްދެވޭނެ ކަމެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް އޮފީހުގައި ބާއްވަމުންދާ ސިލްސިލާ ބައްދަލްވުންތަކުންތަކުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުޅިވަރާ، މަޖަލަށް މިހާ ގިނަ ވަގުތު ހޭދަކުރައްވާ ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަން އެހެން ދިމާވަނީ އޮފީހުގައި ކުރައްވާނެ ކަމެއް ނެތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ދުވަހަކު ރައީސް ސޯލިހް ހުންނަވަނީ ރަށަކުން ނުވަތަ ޖަމާއަތަކުން ދައުވަތެއް ދެއްވާތޯ އިންތިޒާރުގައި ކަމަށެވެ. އެގޮތުން ރަށެއްގެ އަތިރިމަތީގައި މަންޑި މުބާރާތެއް ބޭއްވިނަމަވެސް އެ މުބާރާތެއްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
"...ނިކަން ވިސްނާ ވަޑައިގަންނަވާ އެ ބޭފުޅުންނަށް ވަގުތު އޮތް މިންވަރު، ރަށެއްގެ ހެލްތް ޕޯސްޓަކަށް 50 އަހަރު ފުރުން ފާހަގަކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެބަ ވަޑައިގަންނަވާ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް. ރަށެއްގެ އަތިރިމަތީގައި ބާއްވާ މަންޑި މުބާރާތެއް ޝަރަފްވެރިކޮށްދެއްވުމަށް ދައުވަތު ލިބުނަސް އެތަނަށް ރައީސުލްޖުމްހޫރިއްޔާ އެބަ ވަޑައިގަންނަވާ. އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވަނީ ރައްޔިތުން ކުރާ ކަންތައްތަކުގައި ބައިވެރިވެވަޑައިނުގަންނަވާށެކޭ ނޫން. އެކަމަކު އަޅުގަނޑުމެންނަށް މިކަމުން ދޭހަކޮށްދެނީ އޮފީހުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅޭތަން."
އޭގެ ބަދަލުގައި ނިމިދިޔަ ދިޔަ ފަސް އަަހަރު އޮފީހުގައި ކުރާނެ މަސައްކަތް އޮތް ރައީސަކު އުޅުއްވި ގޮތްވެސް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ރައީސްގެ ޒަމާއަތުގައި ގައުމަށް އައި ހެޔޮ ބަދަލުތަކާއި، ކުރިއެރުމާއި ތަރައްގީވެސް ފެނިވަޑައިގެންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސްގެ އަމަލުތައް ހުރި ގޮތުން ބުނެދެނީ މި ސަރުކާރުން ގައުމަށް ގެންނާނެ ބަދަލެއް އަދި ތަރައްގީގެ ކުރިއެރުމެއްވެސް ނެތުން ކަމަށެވެ.