ދުނިޔެ

ބުލީގެ ޝިކާރައަކަށްވި 9 އަހަރުގެ ކުއްޖާގެ އަސަރުގަދަ ވާހަކަ

އޮސްޓްރޭލިޔާ އަންހެނަކު ސޯޝަލް މީޑިއާގައި ދާދިފަހުން ޝެއާކުރި ހިތްހަލާކުވާ ކަހަލަ ވީޑިއޯއެއް ފެނިފައި ދުނިޔޭގެ ގިނަ ބައެއްގެ ހިތަށް ވަރަށް އަސަރު ކޮށްފި އެވެ. މި ވީޑިއޯގައި ފެންނަނީ އެ އަންހެންމީހާގެ ނުވަ އަހަރުގެ ދަރިފުޅަށް ސްކޫލްގައި އަބަދު ކަހަލަ ގޮތަކަށް ދިމާވަމުންދާ ބުލީކުރުމުގެ މައްސަލަތަކުގެ ސަބަބުން ކުއްޖާ އަށް ވަރަށް އަސަރުކޮށްގެން ރޮމުން ދާތަނެވެ. އަދި ދުނިޔެ އުޅެން ކުއްޖާ ބޭނުންނުވާކަމަށް ބުނާ ތަނެވެ.

ޔަރައްކާ ބޭލްސް ނަމަކަށް ކިޔާ މި އަންހެންމީހާ ސޯޝަލް މީޑިއާގައި ޝެއާކުރި ފަސް ވަރަކަށް މިނިޓްގެ މި ވީޑިއޯގެ ކެޕްޝަނަކަށް އޭނާ ލިޔެފައިވަނީ މިއީ ބުލީކުރުމުން ނުކުންނަ ނަތީޖާ ކަމަށެވެ. އަދި މި ވީޑީއޯ ޝެއާ ކޮށްލުން ފިޔަވައި މިކަމާ ހަދާނެ ގޮތެއް ނޭނގިފައިވާ ކަމަށް ވެސް ޔަރައްކާ ލިޔެފައިވާ ކެޕްޝަންގައި ވެއެވެ.

ޔަރައްކާގެ ނުވަ އަހަރުގެ ދަރިފުޅު ކުއާޑަން އަކީ އުފަންވިއިރުވެސް އޭކޮންޑްރޮޕްލޭޝިއާ ކިޔާ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. މި ބައްޔަށް ޑުވޯފިޒަމް ވެސް ކިޔަ އެވެ. ސަބަބަކީ ބަލި ޖެހޭ ކުދިން ޑުވޯފެއްގޮތަށް ކުޑަކޮށް ތިބޭތީ އެވެ.

ޔަރައްކާ މި ވީޑިއޯ ނަގާފައިވަނީ އޭނާގެ ދަރިފުޅު ކުއާޑެން ގޮވައިގެން ސްކޫލުން ގެޔަށް ދިޔަ މަގުމަތީގަ އެވެ. އަދި މިއަދަކީ ވެސް ދަރިފުޅަށް ބުލީކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި ދުވަހެއް ކަމަށާއި ޕްރިންސިޕަލް އާ ވެސް ގުޅައިގެން އެ ވާޙަކަ ދެއްކި ކަމަށް ޔުރެއްކާ ބުނެފައި ވެއެވެ. މި ވީޑިއޯ ޝެއާކުރަން ބޭނުންވީ ބުލީކުރުމުން ކުރާ އަސަރުތައް އެންމެންނަށް ވެސް އެނގެން ބޭނުންވާތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އޭނާ ބޭނުންވަނީ މި ވީޑިއޯ ބަލާފައި އެންމެންވެސް އެމީހުންގެ ދަރިންނާއި އެކުވެރިން އަދި އާއިލާގެ މީހުންނަށް ބުލީކުރުމަކީ ކިހާ ގޯސްކަމެއްކަން ވިސްނައިދީ އޮޅުން ފިލުވައިދިނުމެވެ. ބުލީކުރުމުގެ ސަބަބުން ކުޑަކުދިން އަމިއްލައަށް މަރުވާލެއް ގިނަކަމަށް ވިސްނާޅުމަށް ވެސް އޭނާ އެދިފައި ވެއެވެ.

"މިއީ ބުލީކުރުމުން ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ކޮށްފައިވާ އަސަރު. މިއީ ސްކޫލަކަށް ގޮސް ކިޔަވަން ބޭނުންވި ކުއްޖަކަށް ދިމާވި ކަމެއް. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ކުއްޖާއަށް މަލާމާތާއި ފުރައްސާރަ ކުރުމާއި ނަންނަމުން ގޮވުން ފަދަ ކަންތައްތަކާ ކުރިމަތިވޭ. މިއަދު ކުއާޑެން އަހަރެން ކައިރީގައި ބުނީ ވާގަނޑެއް ދޭށޭ. އަމިއްލައަށް މަރުވާށޭ ބޭނުމީ،" ކުއާޑެންގެ މަންމަ ވަރަށް އަސަރާއެކު ކިޔައިދީފައި ވެއެވެ.

ފޭސްބުކްގައި ޝެއާކުރި މި ޕޯސްޓް މިހާތަނަށް 17 މިލިއަން މީހުން ބަލާ ލައިކް ދީފައި ވެއެވެ. އެވެސް އެންމެ ދެ ދުވަހުގެ ތެރޭގަ އެވެ. ޔަރެއްކާ އާއި ކުއާޑެން އަށް ހިތްވަރުދިނުމުގެ ބަސްތަކުން ކޮމެންޓް ސެކްޝަންވެސް ވަނީ ފުރިފަ އެވެ. ވަރަށް ގިނަބަޔަކު މި ދެ މައިންނަށް ހިތްވަރުދީ ތާއީދުކުރަމުންދާއިރު މި މައްސަލަ ޔަރެއްކާ އާއި އޭނާގެ ދަރިފުޅަށް ދިމާވާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ނޫހަކާ ވާޙަކަ ދައްކަމުން 2019 ގައި ޔަރެއްކާ ބުނެފައިވާ ގޮތުގައި މީގެ ތިން އަހަރު ކުރިން ވެސް އުމުރުން އެންމެ ހަ އަހަރުގައި ވެސް ކުއާޑެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ވެއެވެ.

ކުއާޑެންގެ ވީޑިއޯ ބަލާފައި ދުނިޔޭގެ ނަން މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ގިނަ ބަޔަކު ވެސް އޭނާއަށް ސަޕޯޓްކޮށް ވެވުނު އެހީއެއް ފޯރުކޮށްދޭން ނިންމާފައި ވެއެވެ. އެގޮތުން އޮސްޓްރޭލިޔާގެ އެކްޓަރު ހިއު ޖެކްމަން ޓުވީޓްކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނާއަކީ މިހާރު އެ ދެ މައިންގެ އެކުވެރިއެއް ކަމަށެވެ.

"ކުއާޑެން، ތިއީ ހީކުރާ ވަރަށް ވުރެ މާ ހިތްވަރުގަދަ ކުއްޖެއް. ހެޔޮނުވާނެ. އެންމެންވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތަމާ. ބުލީކުރުން އޯކޭއެއް ނޫން،" ހިއު ޖެކްމަންގެ ޓުވީޓްގައި ބުނެފައި ވެއެވެ.

އެމެރިކާގެ މަޝްހޫރު ކޮމޭޑިއަން ބްރެޑް ވިލިއަމްސް ވަނީ ކުއާޑެންއަށް އެހީވުމަށް "ގޯ-ފަންޑް މީ ޕޭޖް"އެއް ހިންގައިގެން 170،000 ޑޮލަރު މިހާތަނަށް އެއްކޮށްދީފަ އެވެ. މި ފައިސާއިން ކުއާޑެން އާއި އޭނާގެ މަންމަ އެމެރިކާގެ ކެލިފޯނިޔާގައި އޮންނަ ޑިޒްނީލޭންޑަށް ފޮނުވަން ކޮމޭޑިއަން ގަސްތުކުރެ އެވެ. މިއީ ކުއޭޑެން ހިތްހަމަޖައްސާ އުފާކޮށްލަން އޭނާ ކޮށްދޭން އުޅޭ ކަމެކެވެ.