އާއްމުގޮތެއްގައި ހޮސްޕިޓަލަށް ޒިޔާރަތްކުރާކަށް ވަކި ވަގުތެއް ނޯވެ އެވެ. ބައްޔެއްގެ އުނދަގޫވާން ފެށީމަ އަވަހަށް ޑޮކްޓަރަކަށް ދައްކަން ހޮސްޕިޓަލަށް ދަނީ އެވެ. ވޭނެއް އަޅާ މީހަކަށް އެއީ ކޮން ވަގުތެއްތޯ އެއް ނުބެލޭނެ އެވެ. ނަމަވެސް ދުރާލާ ރާވައިގެން ޑޮކްޓަރު އެޕޮއިންޓްމަންޓެއް ހޯދައިގެން ހޮސްޕިޓަލަށް ދާ މީހުންނަށް ދާނެ ވަކި ގަޑިއެއް ނިންމުމުގެ އިޚްތިޔާޜު އޮވެ އެވެ.
ވަރަށް ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި މެންދުރުފަހުގެ ވަގުތުގައި ހޮސްޕިޓަލަށް ދިއުން ރަނގަޅެއް ނޫނެވެ. އަދި ވީވަރަކުން މިކަން ނުކޮށް ވޭތޯ ބަލަން ޖެހޭނެ އެވެ. މެންދުރުފަސް ގަޑިގައި ހޮސްޕިޓަލަށް ދިއުން ރަނގަޅު ނޫން ހަތަރު ސަބަބެއް ދިރާސާކުރަ ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.
ފުރަތަމަ ސަބަބަކީ ގިނަ މީހުން މެންދުރު ކެއުމަށްފަހު ތިބޭނީ ނިދި އަންނަ ގޮތް ވެފަ އެވެ. އަދި އެމީހުންގެ އުފެއްދުންތެރިކަން އެ ގަޑީގައި ވަރަށް ދަށްވާނެ އެވެ. އެހެންވީމާ ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ވެސް އެންމެ ލަސްވާނީ މި ގަޑީގައި ކަމަށް ބެލެވެނީ އެވެ. ހަވީރު ތިނެއް ޖަހާ އެހާކަންހާއިރު ހޮސްޕިޓަލަށް ޒިޔާރަތްކޮށްފިނަމަ ޑޮކްޓަރުންނާއި ނަރުހުންގެ ކޮންސެންޓްރޭޝަން ލެވެލް ވަރަށް ދަށުގައި ހުންނަކަން ފާހަގަ ކުރެވޭނެކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ބަލިމީހާ ދައްކާ ވާޙަކައަށް ދޭންޖެހޭ ސަމާލުކަން ދެވޭލެއް ކުޑަވާނެ ކަމަށް ވެއެވެ.
ޑިއުކް ޔުނިވަސިޓީން މިކަމާ ގުޅޭ ގޮތުން ހެދި ސްޓަޑީއަކުން ހާމަވެފައިވާ ގޮތުގައި ހޭނައްތާ ޑޮކްޓަރުން ވެސް އެންމެ ގިނައިން ގޯސް ހަދަނީ މެންދުރުފަހު އެވެ. ގޯސް ހެދެނީ ދޭންވާ ވަރަށް ސަމާލުކަން ނުދެވިގެންނެވެ.
ދެ ވަނަ ކަމަކަށް ދިރާސާގައި ފާހަގަ ކޮށްފައިވަނީ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހަދާނީ ޝިފްޓް ޑިއުޓީ ކަމަށް ވެފައި މެންދުރުފަހަކީ ޑިއުޓީ ބަދަލުވާ ގަޑީއަށް ވުމެވެ. ޑީއުޓީ ބަދަލުވާ ވަގުތަކީ ހުރިހާ އެންމެންވެސް ވަރަށް ހެލިފެލިވެ ވަރަށް ހާސްކަންމަތީގައި އުޅޭ ވަގުތަކަށް ވާނެ ކަމަށާއި އެއްބަޔަކު މަސައްކަތް ނިންމާފައި އަވަހަށް ގެއަށް ދާން އުޅޭ ވަގުތެއްގައި ބަލި މީހުންނަށް އަޅާލެވޭ ވަރު ކުޑަވެ އެމީހުންގެ ޚިދުމަތްތައް ލަސްވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
އެހެންވެ ވަގުތުކޮޅު މަދުނަމަ އެއްގޮތަކަށް ވެސް މެންދުރުފަހު ހޮސްޕިޓަލުތަކަށް ދާން ނޫޅުމަށް ވެސް ލަފާ ދީފައި ވެއެވެ.
ތިން ވަނަ ކަމަކަށް ފާހަގަ ކޮށްފައިވަނީ ހޮސްޕިޓަލުތަކަކީ ވަރަށް ގިނަ ތަފާތު ބެކްޓީރިއާ އާއި ޖާމްސް އިން ފުރިފައިވާ ތަނެކެވެ. އެހެންކަމުން ހޮސްޕިޓަލަކީ ވަރަށް ސާފުތާޙިރުކޮށް ބާއްވަން ޖެހޭ ތަނެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލުތައް އެންމެ ސާފީ ހެނދުނާއި ހަވީރު އެވެ. އެންމެ ސާފު ނޫނީ މެންދުރު ގަޑީގަ އެވެ. ހޮސްޕިޓަލުގައި ބަލި މީހުންގެ ޚިދުމަތުގައި އުޅޭ 4000 މީހެއްގެ މެދުގައި 2015 ގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ހޮސްޕިޓަލް ސްޓާފުން ހެނދުނު އަތް ދޮންނަ ވަރަށް ވުރެ މެންދުރު އަތް ދޮންނަ މިންވަރު 38 ޕަސެންޓް ދަށެވެ.
ޔުނިވަސިޓީ އޮފް ޕެންސިލްވޭނިޔާ އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން ޓެސްޓް ސްކްރީނިން ހަދަން ބަލި މީހުން ކައިރީ އެންމެ ގިނައިން ޑޮކްޓަރުން ބުނަނީ ހެނދުނު ގަޑީގަ އެވެ. މެންދުރުފަސް ގަޑީގައި ޑޮކްޓަރަށް ދައްކާ މިހުންގެ ހަށީގަނޑުގައި ފުރާނައަށް ނުރައްކާ ބައްޔެއް ހުރިތޯ ބަލަން ޓެސްޓްކުރުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް މި ހޯދުމުގައި ފާހަގަ ކޮށްފައި ވެއެވެ. ސަބަބަކީ ދުވަހުގެ ގަޑިތައް ފާއިތުވަމުންދާ ވަރަކަށް ޑޮކްޓަރުންގެ މަސައްކަތް ގިނަވެ ވަރުބަލިވުމުގެ ސަބަބަން އިތުރަށް ސްކްރީން ކުރަން ބޭނުންވެގެން ލިޔާ މިންވަރު ދަށްވާނެތީ އެވެ.