ކުލާހަށް ދާން ގެއިން ނުކުތީ ބައްޕަ ގުޅުމުންނެވެ. ބައްޕަ އިނީ ތިރީގައެވެ. އަހަރުމެން މި އުޅެނީ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައެވެ. އަވަސް އަވަސްކޮށްލައިގެން ތިރިއަށް ފޭބި އިރު ދުވާރު ކައިރީ ސައިކަލު މަތީގައި ބައްޕަ އިނެވެ. އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމުން ބައްޕަގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ނިތް އަރުވައިލިއެވެ. މެދުމިނުގެ ނޭވާއެއް ބޭރުކޮށްލަމުން ސައިކަލުގެ ފަހަތަށް އިޝާރާތްކޮށްލިއެވެ.
"މަންމަ ގުޅީމަ ލަސްވީ،" ބައްޕަގެ މޫނަށް ބަލައިމުން އަހަރެން ބުނެލީމެވެ. "ބޮޑު ވާހަކަގަނޑެއް ފަށައިގެން."
ބަދަލުގައި ބައްޕަ އެއްޗެކޭ ނުބުނެއެވެ. ސައިކަލު އިސްޓާޓުކޮށްލީއެވެ. މާލޭގެ ބާރުބޮޑު މަގުތަކުގައި ދުއްވުމަކީ ކިހާ އުނދަގޫ ކަމެއްކަން އެނގޭނީ ދުއްވާ މީހަކަށެވެ. ސައިކަލު ފަހަތުގައި އިން އިރުވެސް އަހަރެން އިނީ ބޮލަށް އުނދަގޫވާ ގޮތް ވެފައެވެ. ހަނި ދޭތެރެ ދޭތެރެއިން ވަންނަމުން، ދަތި ދޭތެރެ ދޭތެރެއިން ނުކުންނަމުން ގޮސް މަޖީދީމަގަށް ނިކުމެވުނީ ފަސްވަރަކަށް މިނެޓު ދުއްވި ފަހުންނެވެ. ބައްޕަ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކޮން ވާހަކައެއްތަ ދެއްކީ؟" ބައްޕަ ހަމަޖެހިލަމުން ސުވާލުކޮށްލިއެވެ.
"ރަށު ސިއްހީ މަރުކަޒުގައި ވަޒީފާއެއް އެބަ އޮތޯ. މުސާރަ ވެސް ރަނގަޅޯ. ދޮންބެ ބުނެއްފިޔޯ އެޕްލައިކުރަން." އެއް ނޭވާއިން އަހަރެން އަމުނައިލީމެވެ.
"ދެން ދޮންތި ކީކޭ ބުނީ؟"
"އަހަރެން ބުނިން ސްކޮލަރޝިޕް ދޫކޮށްލަން ޖެހޭނޭ ޖޮބަށް ދަންޏާ. އޭރުން އަނެއްކާ ޔުނިވަރސިޓީއަށް ތިން ސެމިސްޓަރއަށްވާ ލާރި ދައްކަން ޖެހޭނޭ." ބައްޕައަށް އިވޭ ވަރަށް އަހަރެން ބުނެލީމެވެ. "މި ސެމިސްޓަރ ނުލައި ބާކީ އޮތީ ވެސް ދެ ސެމިސްޓަރއޭ."
ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖެއްސިއެވެ. ނުވިސްނާ އިނުމުން އަހަންނަށް ސިހުން ލިބުނެވެ. އަހަރެންގެ މޫނު ޖެހުނީ ބައްޕަގެ ބުރަކަށީގައެވެ. ބައްޕައަށް ތަދު ވެސް ވާނެއެވެ. އަހަރެންގެ ނޭފަތަށް ވެސް ތަދުވިއެވެ. ނޭފަތުގައި އަތް ޖައްސާލައިގެން އިނދެ ކުރިއަށް ބަލައިލީމެވެ. ވީ ގޮތެއް ބަލައިލުމަށެވެ.
ހަނި ދޭތެރެއަކުން ދާން އުޅެނިކޮށް ސައިކަލަކާއި ކާރެއް ޖެހި މުޑިއެރީއެވެ. މި ޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. ތަނަކަށްދާން ލަސްވެގެން އުޅެންޏާ ހައްތަހާ ވާނީ ލަހެވެ. ކުރިއަށް ދެވެން އޮތް ހުރިހާ މަގުތަކެއް ބަންދުވަމުން ދިޔައެވެ. ބަރުގޮނުގެ އަޑުން މުޅި ތަން ގުގުމަމުން ދިޔައެވެ.
ހިތަށް އެރިއެވެ. ކަމެއްވާ އިރަށް އެކަމުގެ ރުޅި ބަރުގޮނަށް އުފުލަން ޖެހެނީ ކީއްވެ ބާވައެވެ؟ ދިވެހިންނަކީ މީ ކެތްތެރިކަމަށް ސުމެއް، ކެތްކުރަން މަރެއް ކަމަށް މީހުން ބުނަނީ ހަމަ ރަނގަޅަށެވެ. އެކްސިޑެންޓްވެގެން ހަލާކުވި ސައިކަލާއި ކާރުގެ މައްސަލަ ބަލަނީ ބަރުގޮނުން ހެއްޔެވެ؟ ކިތައްމެ ވަރަކަށް ބަރުގޮނު އެޅިޔަސް އެކަންކަން އަވަސްވާނެ ހެއްޔެވެ؟ އުސޫލުތަކާއި ގަވާއިދުތައް ހުންނަނީ ކަމެއް ވީމަތާއެވެ. ދެފަހަރަކު ބައްޕަ ޗުއް ޖަހައިލިއެވެ. ބޮލަށް އުނދަގޫވެގެންނެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ.
"ދިހަމިނެޓު ހިނގައިފި."
"ހިނގައިލައިފަ ދާންވީ ކަން ނޭނގެ. ދުރެއް ވެސް ނޫނެއްނު." ތަނުގެ ހަލަބޮލިކަމަށް ކަޅި އަޅަމުން ބުނެލީމެވެ. "ދެން މިތަނުން ސަލާމަތެއް ނުވާނެ. މުޅިތަން ޖޭމުވީނު. ދެން ވެސް އަވަސްވާނީ ހިނގައިލައިފަ ދިޔައީމަ."
އެންމެފަހުން ސައިކަލުން ފައިބައިގެން ހަނި ދޭތެރެ ދޭތެރެއިން ފުރޭނެމުން ކަހަލަ ގޮތަކަށް ދުވާރު މައްޗަށް އެރީމެވެ. ދެތިން ފޫޓަށް ހިނގައިލި ތަނާ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލީމެވެ. އެ ގުޅަނީ ދީމާއެވެ. ކުލާހަށް ނުގޮސްގެންނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.
"ތާށިވެގެން ސައިކު ނުގުޑައިގެން ހިނގާފަ މިދަނީ." ފޯނު ނެގި ގޮތަށް އަހަރެން ބުނެލީމެވެ.
"ގަޑި ކެންސަލް ވެއްޖެ. ސަރ ކޮންމެވެސް މީޓިންއަކަށް ދާތީ އޯ." ދީމާ ހިނިގަނޑެއް ޖަހައިލިއެވެ. "އަހަރުމެން ކަމެއް ރާވަނީ މި. ނުހާ އައީމަ ދެން ފައިނަލް ވާނީ."
ކުއްލިއަކަށް އަހަރެންގެ ގައިގާ މީހަކު ލައިގަތެވެ. އެމީހާ ޖެހުނީ އަހަރެންގެ ކަނާއަތް ފަރާތުގައެވެ. ޖެހުނު ގޮތުން އެއްލައިގެން ގޮސް ކުރިމަތީ ހުރި މީހާގެ ގައިގައި ވެސް ލައިގަތެވެ. އެއާއެކު އަތުގައި އޮތް ފޯނު ވެއްޓުނެވެ. ފޯނު ވެއްޓި ޖެހުނު ގޮތުން ފޯނާއި ބެޓެރި ދެ ތަންވިއެވެ. އަތަށް ވީ ތަދުން އަހަންނަށް ހުރެވުނީ ވައަތުން ކަނާއަތު އުޅަނބޮށީގައި ހިފަހައްޓާލައި ގެންނެވެ. ބަލައިލެވުނީ ގައިގަތް ލައިގަތް މީހާގެ މޫނަށެވެ.
"ސޮރީ! ވަރަށް ބޮޑަށް ސޮރީ!" އެ ޒުވާނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. "ބަލައި ނުލައި ދޮރާށިން ބޭރަށް ނުކުމެވުނީ."
ބަދަލުގައި އަހަރެން އަނގައަކުން ނުބުނަމެވެ. އުޅަނބޮށްޓަށް ވީތަނުން އުޅަނބޮށީގައި ހިފަހައްޓާލައިގެން ހުރެވުނީއެވެ. އޭރު އަހަރެންގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.
"މީ ހޫދު!" އެ ޒުވާނާ އަމިއްލައަށް ތައާރަފުވެ ސަލާމަށް އަތްދިއްކޮށްލިއެވެ. "އަހަންނަށް އެނގޭ ސޮރީއަކުން ނުފުދޭނެކަން ވެސް."
ހޫދުގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. ސަލާންކޮށްލަން އޭނާ ދިއްކޮށްލި އަތަށް ބަލައިލެވުނީ އިރުކޮޅެއް ފަހުންނެވެ.
"އޯހ ސޮރީ!" ހޫދު ރަކިވާ ގޮތްވިއެވެ.
އޭނާ ބަލަމުން ދިޔައީ ސީދާ އަހަރެންގެ މޫނަށެވެ. އަހަންނަށް ވެސް ބަލައިލެވުނީ ހޫދުގެ މޫނަށެވެ. އޮމާން ކުލަ އަލި މޫނެކެވެ. އަޅައިގަންނަ ކަހަލަ ގޮތެއް އެ މޫނުގައި ހުއްޓެވެ. ލުއި ހިނިތުންވުމަކުން، އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. ބޮލުގެ އިސްތަށިތައް ހިއްލާލެވިފައިވާ ގޮތުން ހޫދުގެ ތަރުތީބުކަން ހާމަކޮށްދެއެވެ. ދަށަށް ޖަހައިލައި ފައި ހުރިލެއް ފުރިހަމަ ކަމުން އޭނާއަކީ ހަރުދަނާ މީހެއްކަން ކަށަވަރުވިއެވެ. އަހަންނަށް ބަލައިލެވުނީ ދެ ފަޅި ވެފައިވާ އަހަރެންގެ ފޯނަށެވެ.
އެއާއެކު ހޫދު ވެސް ބަލައިލީ ފޯނަށެވެ. އޭނާ ތިރިވެ ފޯނާއި ބެޓެރި ނެގިއެވެ.
"ފޯނުގެ ދުވަސް ދިޔައީ ކަން ނޭނގެ ދޯ." ހޫދު ހިނިތުންވެލިއެވެ.
މީ ކޮންކަހަލަ މީހެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ބަލައި ނުލައި އުޅެން ހަދައިގެން ހުރިހާ ގެއްލުމެއް މި ލިބުނީ އަހަންނަކަށް ނޫން ހެއްޔެވެ؟ ބަދަލުގައި އޭނާ އެކުރީ މަލާމާތެކެވެ. ޖެއްސުމެކެވެ. ޔަގީނެވެ. އޭނާ ޖޯކު ޖަހައިލީ އަހަރެންގެ ފޯނަށެވެ. ފޯނުގެ ފެންވަރަށެވެ. އަހަންނަކީ އަދި ކިޔަވާ ކުއްޖެކެވެ. އަހަންނަށް ލިބޭނީ މައިންބަފައިން ދިން އެއްޗެކެވެ. އެމީހުން ހޯދައިދިން އެއްޗެކެވެ. މާލޭގައި ބޮޑު ކުލިދީ ކޮޓަރި ހިފައިގެން އުޅެމުން ބިލްތަކާ ކެއިން ބުއިމަށް ޚަރަދުބަރަދު ކޮށް ނިންމާފައި ދެން އޮންނާނީ އަނގަޔާ އަތާ ދިމާ ނުވާވަރު ވެފައެވެ. އެހެން ނޫނަސް އަހަރުމެންނަކީ މުއްސަނދި ބައެއް ނޫނެވެ. ލިބޭހާ ވެސް އެއްޗަކީ ބައްޕަ ކުރާ މަސައްކަތަކުން ލިބޭ އެއްޗެކެވެ. މަންމައާއި އިތުރު ތިން ކޮއްކޮ އުޅެނީ ރަށުގައެވެ. އެމީހުންނަށް ވެސް ކުރާން ޖެހޭ ޚަރަދު ވަކި ކުޑައެއް ނޫނެވެ. އަހަރެމެންނަކީ ފަޚުރުވެރި ރާއްޖެ ތެރޭ މީހުންނެވެ. އެކަމަކު އަހަރުމެންނަކީ ފުދިގެން އުޅެން އާދަވެފައިވާ މީހުންނެވެ.
"ފޯނުގެ ޑިސްޕްލޭ ވެސް މިއޮތީ ގޮސް." އަނެއްކާ ވެސް ހޫދު ހިނިތުންވެލިއެވެ.
އަހަރެން ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ސީދާ ހޫދުގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ.
"ހިނގާ ޑޮކުޓަރަށްދާން." ހޫދު އަނެއްކާ ވެސް ވާހަކަދެއްކިއެވެ. "ތަދުވަންޏާ އެކްސްރޭ ނަގައި ބަލަންވާނެ."
އަހަންނަށް ދަތި ގޮތަކަށް ހިންދިރުވާލެވުނެވެ. ހޫދުގެ ބަސްމަގާއި އޭނާގެ ހަރަކާތްތައް ތަރުޖަމާ ކުރަން ދަތިވާ ގޮތްވާން ފެށުމުންނެވެ. އޭނާއާ މެދު ހިތަށް އެރުވުނު ވަހުމުތަކުގެ ސަބަބުންނެވެ.
"ކީއްވެ އަނގައިން ނުބުނަނީ." ހޫދު އަނެއްކާ ވެސް ވާހަކަދެއްކިއެވެ. "ވާހަކަ ނުދައްކަނީ ކީއްވެތަ؟ އަހަންނަކީ ގޯސް މީހެއް ވީމަތަ؟"
އިރުކޮޅެއް ވަންދެން ހޫދު ބަލަހައްޓައިގެން ހުރީއެވެ. އަހަރެން ވެސް ބަހެއް ނުބުނެ ހުރީއެވެ.
"ނުހާ ތި ހުރީ އަހަރެން ދެކެ ރުޅި އައިސްދޯ؟" ސީދާ އަހަރެންގެ ނަމުން އޭނާ މުހާތަބު ކުރިއެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނެވެ. ހޫދަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ނަން ބުނެވުނު ހެއްޔެވެ؟ މާކުރިން ވެސް ހޫދު އަހަރެން ދަންނަނީ ހެއްޔެވެ؟ ސުވާލުގެ މައްޗަށް ފަރަކު ސުވާލެއް އިތުރުވަމުން ދިޔައެވެ. ދެ ލޯ ކުޑަކޮށްލަމުން މޫނަށް ހަރަކާތެއް ގެނެވުނެއެވެ. ހޫދަށް އަހަރެން އެނގުނީތީ ހައިރާން ވެގެންނެވެ.
"ނަން އެނގުނީމަ ހައިރާންވީ ދޯ!" ހޫދު އަހަރެންގެ ހިތް ކިޔައިލި ކަހަލައެވެ.
ބަދަލުގައި އަހަންނަށް ބޮލުން ހަރަކާތްކޮށްލެވުނެވެ.
"މި އޮތީނު ނަން." ހޫދު ދައްކައިލީ ފޯނުގެ ކަވަރުގައި އެލުވާލާފައިވާ މިނާތަކެވެ.
އޭގައި އަހަރެންގެ ނަން ލިޔެފައި އޮތް ތަން އޭނާ ދައްކާލިއެވެ. އަހަންނަށް ހިނިތުން ވެވުނެވެ. ހަމަ ޖެހިލެވުނެވެ. ފާޑަކަށް ރަކިވެފައި ހީލެވުނެވެ.
"ކޮން ތާކަށް ތި ދަނީ؟" ހޫދު އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
"ފެކަލްޓީއަށް." ނިތުގެ އިޝާރާތުން އަހަރެން ދައްކާލީ އޭޑީކޭއާ ދިމާލެވެ.
"ހިނގާ އަހަރެން ގެން ގޮސްދޭނަން. މިހާރު ގަޑި ވެސް ޖެހިއްޖެ ދޯ." ހޫދު އަނެއްކާ ވެސް ބުނެލިއެވެ.
"ކެންސަލް." އަހަންނަށް ބުނެވުނީ އެވަރަށެވެ.
"އެބަ އަންނަން." ހޫދުގެ ޖީބަށް އަހަރެންގެ ފޯނު ލިޔެއެވެ.
އަހަންނަށް ބަލަން ހުރެވުނީއެވެ. އެއީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ އަހަރެންގެ ފޯނު ހަލާކުވީ އޭނާގެ ސަބަބުންނެވެ. ބަދަލުގައި އޭނާ އެ ދިޔައީ ފޯނު ވެސް ހިފައިގެންނެވެ. ހޫދު މިއީ އަނެއްކާ އަޑި ނޭގޭ ޒާތުގެ މީހަކީ ހެއްޔެވެ؟ ފޯނު ހިފައިގެން އޭނާ ފިލީ ހެއްޔެވެ؟ ހުރިހާ ދެރައެއް މި ލިބުނީ އަހަންނަށެވެ. ތަދުވީ އަހަންނަށެވެ. ހަލާކުވީ އަހަރެންގެ ފޯނެވެ. އެވަރުންވީ އެއް ނޫނެވެ. ފޯނު ވެސް ގެއްދިޔައީއެވެ.
އަހަންނަށް ބަލައިލެވުނީ މަގުގެ އަނެއް ފަރާތަށެވެ. އޭރު ހޫދު ސައިކަލަށް އަރަނީއެވެ. އޭނާ އަހަންނާ ދިމާ ބަލައި ވެސް ނުލައެވެ. އަހަރެން ވަކި އޭނާއާ ދިމާ ބަލަންވީ ކީއްވެ ހެއްޔެވެ؟ ބަލަން ޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ ނެތެވެ.
އެންމެފަހުން އަހަރެން ހިނގައި ގަތީމެވެ. މަޖީދީމަގުން ހުޅަނގަށެވެ. ދެތިން ފިޔަވަޅު އެޅުމަށްފަހު ފަސްއެނބުރި ބަލައިލީމެވެ. ހޫދު ފެނޭތޯއެވެ. ފެންނަ ގޮތެއް ނުވިއެވެ. ދުއްވާތަކެތިން މަގުވަނީ ތޮއްޖެހިފައެވެ. ލިބުނު މާޔޫސްކަމާއެކު ލަސްފިޔަވަޅު ތަކެއް އަޅަމުން ދިޔައީމެވެ.
އަހަރެންގެ ފަހަތުން ސައިކަލެއްގެ ބަރުގޮނުގެ އަޑާއެކު ނަމުން ގޮވާލިހެން ހީވުމުން ބަލައިލީމެވެ. ހީވީ ރަނގަޅަށެވެ. މީހަކު އަހަންނަށް ގޮވާލީއެވެ. އެއީ ހޫދެވެ. ލޮލަށް ހެޔޮވަރު އަވިއަނުގައި އޭނާ ފެންނައިރު ކުރިއަށް ވުރެ ރީތިހެން ހީވިއެވެ. އެ ހިނިތުންވުމުގައި ދަމާ ބާރެއް ހުރިހެން ހީވިއެވެ. ހޫދު އަހަންނާ އަރާ ހަމަކޮށްލިއެވެ.
"އަރައިބަލަ!" ހޫދު އިޝާރާތްކޮށްލީ އޭނާގެ ސައިކަލުގެ ފަހަތަށެވެ.
އަހަންނަށް ހުރެވުނީއެވެ. ދައުވަތު ގަބޫލުކުރަންވީ ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގިފައެވެ.
"އަހަރެން ގެންގޮސްދޭނަމޭ." އަނެއްކާ ވެސް ހޫދު ބުނެލިއެވެ.
"ތޭންކްސް. އާދެވުނީމި." މޫނުމަތިން ދެތިން ރޫ އަރުވާލަމުން ލޯ ކުޑަކޮށްލީމެވެ.
"ކުލާސް ކެންސަލްވެއްޖެއްނު. ދެން ކީއްކުރަން ދަނީ؟" އަވި އައިނު ނަގައި ހޫދުގެ ބޮލަށް ހެޔޮކޮށްލިއެވެ.
"ކިހިނެއް އެނގުނީ؟" ހައިރާން ކަމާއެކު އަހަންނަށް އަހައިލެވުނެވެ.
ހޫދު މީ އާދައިގެ މީހެއް ނޫނޭ ހިތްބުނެލިއެވެ. އޭނާ ކަންކަން ދެނެގަންނަން މޮޅީއޭ ވެސް ހިތަށް އެރިއެވެ. ކުލާސް ނެތްކަން އޭނާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"ނުހާ ބުނީމެއްނު ދެންމެ." ހޫދު ހިނިތުންވެލިއެވެ.
އަހަންނަށް ދެ ބުމަ އަރުވާލެވުނެވެ. ހިނިތުން ވެވުނެވެ. ކުލާސް ކެންސަލްވި ވާހަކަ ބުނެވުނު ހަނދާންވިއެވެ. ފާޑަކަށް ލަދުވެސް ގަތެވެ. ރަކިވެ އިސް ޖަހައިލެވުނެވެ.
"އަހަރެން ގަބޫލުކުރާނީ ސޮރީ ގަބޫލު ނުކުރާ ކަމަށް އަހަރެންގެ ދައުވަތު ގަބޫލުނުކޮށްފި ނަމަ." ހޫދުގެ މޫނު މަތިން ދެތިން ރޫ އަރުވާލިއެވެ.
"މަޖުބޫރު ކުރުވަނީދޯ! މާފުކޮށްފިން. އެކަމަކު ސައިކަލް ފަހަތަށް އެރޭކަށް ނެތް." އަހަރެން ބޭނުންވީ ގޮތް ދައްކާލާށެވެ. "މަސައްކަތެއް ނިންމަން މިދަނީ."
އަހަރެން ހިނގައިގަތީއެވެ. ދެތިން ފިޔަވަޅު އަޅައިލުމަށްފަހު ފަސް އެނބުރި ބަލައިލީމެވެ. ހޫދު ފެނޭތޯއެވެ. ސައިކަލް މަތީގައި އޭނާ އިނީއެވެ. ފާޑަކަށް ދެރަފެވައެވެ. މާޔޫސް ވެފައެވެ. ހިތުގައި ހަމްދަރުދީގެ އަސަރުތައް އުފެދެންފެށިއެވެ.
"މާ ހަމްދަރުދީ ވާނެ ކަމެއް ނެތް. މަ ނަމަވެސް ކަޑަވާނެ." ދީމާ އަހަންނާ ދިމާކޮށްލިއެވެ.
ލަސްވެގެން ޝަކުވާ ކުރާން ފެށުމުން ކަންކަން ވީގޮތް އެމީހުންނަށް ކިޔައިދޭން މަޖުބޫރުވީއެވެ. އެމީހުން ހީނހީނފައި އެ ވާހަކަ އާކުރަމުން ދިޔައެވެ. އެކަކު ނިމޭ އިރަށް އަނެއްކަކު ފަށައެވެ.
"އަޅޭ މަގޭ މައުސޫމު ފޯނު ގަނޑު. އެ ކޮބައިތަ؟ އެއަށް ވާނީ ކިހިނެއްބާ؟" ލަމްޔާއަށް ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ.
"ވަރުގަދަ ކްރަޝް އެކެއްނު ދޯ! ޔަގީން މި ފިލްމު ނިމޭނީ މަޖުނޫނު ދީވާނާ ވެގެން." ބިޝާރާ ވެސް އެމީހުންނާ ބައިވެރިވެ ހެމުން ދިޔައެވެ.
"އާނ! އަހަރެން މީ ހޫދު. ނުހާ ކިހިނެއްތަ؟ އަރަންވީނު އަހަރެންގެ ސައިކު ފަހަތަށް." އަނެއްކާ ވެސް ލަމްޔާ ފެށިއެވެ.
އެއާ އެކު އެންމެން އެކުގައި ހެމުން ދިޔައެވެ. އަހަންނަށް މަޑުން އިނދެވޭ ގޮތެއް ނުވިއެވެ. އެމީހުން ސަކަރާތުގައި ބައިވެރިވެވުނެވެ. ބަނޑުގައި އަތް އަޅައިގެން އިނދެއެވެ.
"ނޯ! އަހަރެންގެ ޕްރިންސް އަންނާނީ ހުދު އަހެއްގައި. ޕްރިންސް އިންނާނީ ހުދު ކޯޓެއް ލައިގެން. ތިޔައީ ހޮންޑާ ވޭވް ގަނޑެއް. އެވެސް ބާވެ ހަލާކުވެފަ." ބިޝާރާ ތުއިވެލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
އަނެއްކާ އެންމެން އެކުގައި ޕަކަޕަކަ ލައިފައި ހޭން ފެށިއެވެ. މުޅި ތަނުގައި ގުގުމަމުން ދިޔައީ އަހަރުމެންގެ ހުނުމުގެ އަޑެވެ. އަހަރުމެން އެކަކު އަނެއްކަކަށް ދިމާކޮށްކޮށްފާ ހޭ އަޑުންނެވެ. އަހަރުމެންނަށް ތިބެވުނީ ރެސްޓޯރެންޓެއްގެ ބޭރުވެށީގައި ކަން ވެސް އެނގުނީ ވެއިޓަރު އައިސް ކާނާތައް އަތުރަން ފެށުމުންނެވެ.
"އަޅެ ކީއްތަވާނީ އަހަރުމެން އެންމެންނަށް ކާންދޭން ހޫދު އެއްބަސް ކުރުވި ނަމަ." ދީމާ އަހަންނާ ދިމާއަށް ބަލައިލިއެވެ.
"އެބުނާހެން. މާކަ ބައިވަރެއް ވެސް ނޫން ވިއްޔަ ދޯ، މި ތިބީ އެންމެ ހަތަރު މީހުން ވިއްޔަ." ބިޝާރާ ޓިޝޫއިން ސަމުސާ ނަގަމުން ބަލައިލީ އަހަރެންގެ މޫނަށެވެ.
"ތި ބުނާ ހޫދެއް ވާނެ އަހަރުމެންނަށް ދައްކާލަން. ނުހާ ގަޔާ ނުވިޔަސް މަ ގަޔާ ވެދާނެ." ލަމްޔާ ހިނިތުންވެލިއެވެ.
އެންމެފަހުން ކެއުމައިގެން އެންމެން މަސްއޫލުވިއެވެ. ނަސީބަކުން ހޫދުގެ ވާހަކަ ހުއްޓައިލިއެވެ. ކުދިކުދި ވާހަކަތަކުން އެ މައުޟޫއު އޮބިގެން ދިޔައެވެ. އަހަންނަށް ފޯނު ނެތްކަމުގެ އިހްސާސް ކުރެވުނީ އެވަގުތުއެވެ. އަހަރެން ބަލައި ބައްޕަ އަންނާނެ ކަން ހަނދާންވުމުންނެވެ.
"އަޅޭ ބައްޕަ ގާތު ބުނީމޭ ފޯ ގަ ނިމޭނޭ. ޔަގީން މިހާރު ހުންނާނެ ބަލައި އައިސް. ކިހިނެއް ގުޅާނީ ވެސް؟" އަހަރެން ހާސްވެގެން ބުނެލެވުނެވެ.
"އަން. މަގޭ ފޯނުން ގުޅާ." ދީމާ ފޯނު ދިއްކޮށްލިއެވެ.
ބައްޕައަށް ގުޅައިފަ ކަންވީ ގޮތް ކިޔައިދިނީމެވެ. ނަސީބު ރަނގަޅެވެ. ބައްޕަ ހުރީ އޮފީސް ކަމެއްގައި ތިލަފުށްޓަށް ގޮހެވެ. ކައި ނިންމާފައި ބިލު ގެނައުމަށް ވެއިޓަރަށް އިޝާރާތްކޮށްލީ ދީމާއެވެ. ވެއިޓަރު ބިލު ލައިފައި އޮންނަ ކުޑަކުޑަ ފައިލް ގެނެސް ދިނީ އަހަންނަށެވެ.
"ކިހާވަރެއް ދޭންވީ؟" ބިޝާރާ އަހައިލިއެވެ.
"އެރި ވަރެއް އެނގުނީމައެއްނު." އަހަރެން ބިލުގެ ޖުމުލަ ބަލައިލަން ފައިލު ހުޅުވާލީމެވެ.
"އައިން!" ހައިރާން ކަމާއެކު އަހަންނަށް ބުނެލެވުނެވެ.
"ކިހިނެއްވީ؟ މާ ބޮޑުވީތަ؟" ދީމާ އަހައިލިއެވެ.
"ކޮންމެ ވެސް މީހަކު ސްޕޮންސަރ ކުރީއޯ." ބިލްގައި އޮތް ވާހަކަތައް ކިޔައިދިނީމެވެ.
ބިލާއެކު އެހެން ގަނޑުކޮޅެއް ވެސް އޮތެވެ. އަވަސް އަވަހަށް އަހަރެން ކިޔައިލީމެވެ.
"ހުރިހާ ކަމަކީ ވެސް އިއްތިފާގު. އަހަރުމެން މިތާ ތިއްބާ ނުހާމެން އައީ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ވެސް ނޫން. ބައެއް ފަހަރު މަގުމަތީގައި ހިނގާފައި ދަނިކޮށް ވެސް ނަސީބު ތިމާގެ ގައިގައި ޖެހި މުޑިއަރާފާނެ. މި ހަދިޔާ ގަބޫލުކުރާނެ ކަމަށް ހީކުރަން." ލަސްލަހުން އަހަރެން ކިޔައިލީމެވެ.
އެހެން މީހުން ތިބީ އަޑުއަހާށެވެ. ފާޑަކަށް ރަކިވެފައެވެ.
"ކޮބާ ހީވެއްޖެ. މިވީ ވަރަށް ކަޑަ ކަމެއް. އަހަރުމެން ދެއްކި ހުރިހާ ވާހަކައެއް އެ ސޮރަށް އިވުނީއެ." ދީމާ ވަށައިގެން ހޯދާލިއެވެ.
"އެހެންނޭ ވާނީ ފަތަރާސީކަން މާ ބޮޑުވީމަ!" ބިޝާރާ ތުން އަނބުރައިލިއެވެ.
"އަދި މަ ތަ ފަތަރާސީވީ؟" ދީމާ ހިތްހަމަ ނުޖެހުނެވެ.
"މީހުން ތެރޭގައި އުޅޭއިރު ވިސްނައިލަން ޖެހޭނެދޯ." ލަމްޔާ ވެސް މާޔޫސްވިއެވެ.
"ދެން ތި ކޮން ކަމެއް؟ ތި މީހުންނަކަށް ނޫނެއްނު މިކަމާ ކުރިމަތިލާން މި ޖެހޭނީ." އެކަކު އަނެއްކަކަށް ކުދި ކިޔަން ފެށުމުން އަހަރެން ބުނެލީމެވެ.
"ނޫނޭ! އަހަރުމެންގެ ސަބަބުން ނުހާއަށް ބުރައެއް އުފުލަން ޖެހޭނެތީ އެކަމާ މި ކަންބޮޑުވީ. ކޮންމެ ގޮތެއް ވިޔަސް އެބަ ޖެހޭ އޭނާއަށް މިކަން ވީގޮތް ކިޔައިދޭން. އެހެން ނޫނީ ހުންނާނީ އަހަރުމެން ދެކެ ރުޅި ގަދަވެފަ." ދީމާ އަހަރެންގެ އަތުގައި ހިފައިލިއެވެ.
"ދެން މާ ހާސްނުވޭ. ވީކަމެއް ވެ ނިމުނީ. ހޫދަށް ވެސް ވިސްނޭނެ. އެ ގަމާރެއް ނޫން ކަންނޭނގެ." އަހަރެން ތެދުވީމެވެ. "ދެން ހިނގާ ދަމާ. މިކަން ވެސް ނިމުނީނު."
އެންމެ އެކުގައި ރެސްޓޯރެންޓުން ނިކުތީމެވެ. އެކަކު ވެސް އަނެއްކަކާ ވާހަކައެއް ނުދައްކައެވެ. ކުރެވުނު ކަންތަކާ މެދު ފިކުރު ބޮޑުވީއެވެ. ލަދުގަތީއެވެ. އެމީހުން ދެރަވީ ހުރިހާ ކަމަކާ އަހަންނާ ކުރިމަތިލާން ޖެހޭނެތީއެވެ. ހޫދުގެ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަންނަށް މައްސަލައެއް ނެތެވެ. އަހަންނަށް މިއަދު ފެނުނު ހޫދުގެ ކިބައިން ފެނުނީ މާތް ސިފައެކެވެ. އޯގާތެރި ކަމެވެ. އަޅައިލުމެވެ. (ނުނިމޭ)