ކުޅިވަރު

ރެއާލް ބަލިވެ ބާސާ އެއްވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލީގްގައި، ލެވަންޓޭ އަތުން ހިތްދަތި ގޮތަކަށް، ރެއާލް މެޑްރިޑް ބަލިވެ، އެއިބާ އާ ދެކޮޅަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ހަތަރު ލަނޑާއެކު ސްޕެނިޝް ލީގްގެ އެއް ވަނައިގައި ބާސާ ހަމަޖެހިލައިފި އެވެ.

އިއްޔެގެ މެޗުތަކުގެ ކުރިން، ތާވަލުގެ އެއް ވަނައިގައި އޮތީ ރެއާލް އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ އެއް ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. އެއިބާ އާ ދެކޮޅަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބާސާ އެއް ވަނަ މަގާމަށް އެރި ނަމަވެސް، ރެއާލްގެ މެޗުގެ ނަތީޖާއަށް އެ ޓީމުން މަޑު ކުރަން ޖެހުނެވެ. ލެވަންޓޭ އަތުން ރެއާލް މޮޅުވިނަމަ އެ ޓީމަށް އަނެއްކާވެސް އެއްވަނަ މަގާމު ލިބޭނެ އެވެ.

އެހެން ނަމަވެސް ލެވަންޓޭއިން 1-0 ން މެޗު ކާމިޔާބު ކުރީ މެޗުގެ 79 ވަނަ މިނެޓްގައި މޮރާލެސް ކާމިޔާބު ކުރި ލަނޑުންނެވެ.

އެއިބާ އާ ދެކޮޅަށް މެސީ ހަތަރު ލަނު ޖެހީ، އޭނާއަށް ލަނޑު ނުޖެހޭތާ ހަތަރު މެޗު ފާއިތުވެ ދިޔަ ފަހުންނެވެ. ބާސާގެ ފުރަތަމަ ލަނޑަކީ އޭނާގެ އިންޑަވިޖުއަލް ހުނަރު ވަރަށް މޮޅަށް ފެނިގެން ދިޔަ ލަނޑެކެވެ. ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ އާތޯ މެލޯ އެވެ.

ބާސާ އާއި ރެއާލް އާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ.