ކްރިސްޓިއާނާ ރޮނާލްޑޯ

ލަނޑު ޖެހުމުގެ ރެކޯޑަކާ ރޮނާލްޑޯ ހަމަކޮށްފި

ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައި، އިޓާލިއަން ލީގްގެ ލަނޑު ޖެހުމުގެ ރެކޯޑަކާ، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެއްވަރު ކޮށްފި އެވެ.

ސްޕަލްއާ ދެކޮޅަށް ރޭ ޔުވެންޓަސް 2-1 ން މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު އޭނާ ވަނީ، ފިޔޮރެންޓީނާ އަށް ކުޅުނު އާޖެންޓީނާގެ ފޯވަޑް ގެބްރިއަލް ބަޓިސްޓޫޓާ އާއި ސަމްޕްޑޯރިއާގެ ފޯވަޑް ފަބިއޯ ކްއަލިރެޔާ ހެދި ރެކޯޑާ އެއްވަރު ކޮށްފަ އެވެ.

ބަޓިސްޓުޓާ އެ ރެކޯޑް ހެދީ، ފިއޮރެންޓީނާގައި 1994-95 ސީޒަންގަ އެވެ. ކްއަލިރެޔާ ރެކޯޑާ އެއްވަރު ކުރީ މިދިޔަ ސީޒަންގަ އެވެ.

ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ ފެށީ ޑިސެމްބަރު އެކެއްގައި ސަސުލޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު އެވެ. އެ މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އެދުވަހުން ފެށިގެން، ރޮނާލްޑޯ ވަނީ 11 މެޗުގައި 15 ލަނޑު ޖަހާފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ، އިންޓަ މިލާން އާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފިނަމަ އޭނާ އަށް އެ ރެކޯޑް މުގުރާލެވޭނެ އެވެ. ރޭގެ މެޗަކީ ރޮނާލްޑޯ ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗެވެ.