ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކޮވިޑް 19ގެ ބިރު، އިޓަލީގެ ވަރުގަދަ މެޗުތައް ކެންސަލް

ކޮރާނޯ ވައިރަސް (ކޮވިޑް 19) ގެ ބިރު ބޮޑުވެ އިޓާލިއަން ލީގްގެ ވަރުގަދަ މެޗުތައް ކެންސަލް ކޮށްފި އެވެ.

އިޓަލިއަން ލީގްގައި، މިއަދު ކުޅެން ހަމަޖެހިފައިވާ ވަރުގަދަ ތިން މެޗުގެ ތެރޭގައި އިންޓަ މިލާން އާއި ސަމްޕްޑޯރިއޯގެ މެޗު، ހެލަސް ވެރޯނާ އާއި ކަލިއަރީގެ މެޗު އަދި އެޓަލާންޓާ އާއި ސަސުލޯގެ މެޗު ވަނީ ކެންސަލް ކޮށްފަ އެވެ.

މި މެޗުތައް ކެންސަލް ކުރީ، އިޓަލީގެ ބޮޑުވަޒީރު ޖުސުއްޕެ ކޮންޓޭގެ ހާއްސަ ގަރާރަކުންނެވެ. ބޮޑުވަޒީރު އިއްޔަ ވިދާޅުވީ، ވެނެޓޯ އާއި ލޮމްބާޑީ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތެއް ކެންސަލް ކުރުމަށް ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ އިޓަލީގެ އުތުރު ސަރަހައްދުގައ އޮންނަ ލޮމްބާޑީ މީހަކަށް ވައރަސް ޖެހި މަރުވުމާ ގުޅިގެންނެވެ. އެއީ އިތަލީން ކޮވިޑް 19 ޖެހި މަރުވި ދެ ވަނަ މީހާ އެވެ. ލޮމްބާޑީގެ ސްކޫލްތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތައްވެސް ވަނީ ބަންދު ކޮށްފަ އެވެ.

ޗައިނާގެ ހުއާންއިން ފެތުރެން ފެށި، ކޮރޯނާ ކެޓަގަރީގެ ވައިރަސްއަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ދީފައިވާ ނަމަކީ ކޮވިޑް 19 އެވެ. އޗައިނާގެ 75567 މީހުންނަށް ވައިރަސްގެ އަސަރު ކުރި އެވެ. އޭގެތެރެއިން 2239 މީހުން ވަނީ މަރުވެފަ އެވެ. ޗައިނާގެ އިތުރުން 26 ގައުމެއްގައި މި ވައިރަސް ދަނީ ފެތުރެމުންނެވެ.