ވިޔަފާރި

ޓޫރިޒަމް ސީއެސްއާރު ފައިސާގެ ބޮޑު އަދަދެއް ނުލިބި

Feb 23, 2020

ރިސޯޓްތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ދައްކަން ޖެހޭ ސީއެސްއާރު ފައިސާގެ ބޮޑު އަދަދެއް ދައުލަތަށް ނުލިބި ހުރިކަން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ނެރެފައިވާ 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން އިންވެސްޓަރުން ދައްކާ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި އިންވެސްޓަރުންނަށް 120 މިލިއަން ރުފިޔާ ދައްކަން އަންގާފައިވެ އެވެ. ނަމަވެސް މީގެތެރެއިން ލިބިފައިވަނީ 95،103،706 މިލިއަން ރުފިޔާ އެވެ. މި ފައިސާ ސަރުކާރު ކުންފުނިތަކާއި ކޯޕަރޭޓް ސޮސައިޓީތައް ހިމެނޭ ގޮތަށް 11 ތަނަކަށް ޖަމާކޮށްފައިވެ އެވެ.

ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ މާލީ ބަޔާންތަކުގައި މި މައުލޫމާތު ހިމަނާފައި ނެތްކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވެ އެވެ. އަދި އޮޑިޓް އޮފީހުން މި މައުލޫމާތު ހޯދާފައިވަނީ ކުންފުނިތަކުގެ މާލީ ހިސާބުތައް ހާވައިގެންނެވެ.

ފައިސާ ބަލައިގަތުމުގެ އުސޫލާ ހިލާފު

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ސީއެސްއާރުގެ ގޮތުގައި ނަގާ ފައިސާ ސަރުކާރުގެ ފައިސާ ބަލައިގަތުމާއި ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ސީދާ އެހެން ފަރާތްތަކުގެ ކައުންޓަށް ޖަމާ ކުރަމުން ދިއުމުގެ ސަބަބުން، ފައިސާ ނަގަމުން ގޮސްފައިވަނީ ހަމަކަމެއްނެތި ދެފުއް ފެންނަ އުސޫލެއްގެ ދަށުން ނޫންކަން ހާމަވާ ކަމަށް ބުނެފައިވެ އެވެ.

ސީއެސްއާރު ފައިސާ ޖަމާކުރި ކުންފުނިތައް

ސިފައިންގެ އެކުވެރި ކުންފުނި

ސިފައިންގެ އެކުވެރި ކުންފުނި ނުވަތަ ސިފްކޯ އަށް ދައްކަން ޓޫރިޒަމް މިނިސްޓްރީން އަންގާފައި ވަނީ 52 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކުންފުންޏަށް ލިބިފައިވަނީ 47 މިލިއަން ރުފިޔާ އެވެ. ބާހީހުރި 4.5 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައެއް ނުވެ އެވެ. ސިފްކޯއިން ފައިސާ ހޭދަކޮށްފައިވާ ގޮތް:

* ސިފައިންގެ ސްޕެޝަލް އޮޕަރޭޝަން ބޯޓުން ބަންނަން: 2.4 މިލިއަން
* ފިޝަރީޒް މިނިސްޓްރީގެ މަރާމާތަށް: 2.2 މިލިއަން ރުފިޔާ
* އެޓާނީ ޖެނެރަލް އޮފީހުގެ މަރާމާތަށް: 4.5 މިލިއަން ރުފިޔާ
* އާރަށުގެ ގެކޮޅާއި ތޮށިލުމާއި ބީޗް ހަދަން: 38 މިލިއަން ރުފިޔާ

އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް 36 މިލިއަން ރުފިޔާ ޖަމާކުރަން އިންވެސްޓަރުންނަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވެ އެވެ. ނަމަވެސް އެ ކުންފުންޏަށް ލިބިފައިވަނީ 31 މިލިއަން ރުފިޔާ އެވެ. ބާކީހުރި 5.2 މިލިއަން ރުފިޔާ ނުލިބެ އެވެ.

ސްޓެލްކޯ

ސްޓެލްކޯއަށް ސީއެސްއާރުގެ ގޮތުގައި ލިބިފައިވަނީ 9.3 މިލިއަން ރުފިޔާ އެވެ. އަދި މީގެތެރެއިން 5.6 މިލިއަން ރުފިޔާ ވަނީ ސީއެސްއާރުގެ ގޮތުގައި ހޭދަކޮށްފަ އެވެ.

އެމްޓީސީސީ

އެމްޓީސީސީ އަށް 14 މިލިއަން ރުފިޔާ ދައްކަން ޓޫރިޒަމް މިނިސްޓްރީން އިންވެސްޓަރަށް އަންގާފައިވެ އެވެ. ނަމަވެސް މި ފައިސާގެ ތެރެއިން 13.6 މިލިއަން ރުފިޔާ ލިބިފައެއް ނުވެ އެވެ. އެ ކުންފުންޏަށް ލިބިފައިވަނީ 632،222ރ. އެވެ.

ޕަބްލިކް ސާވިސް މީޑިއާ

ޕީއެސްއެމްއަށް ހަތް މިލިއަން ރުފިޔާ ދޭން އިންވެސްޓަރަކަށް މިނިސްޓްރީން އެނގި އެވެ. ނަމަވެސް މި ފައިސާގެ ތެރެއިން ލިބިފައިވަނީ 6.7 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން 308,400ރ. ލިބިފައެއް ނުވެ އެވެ.

އެސްޓީއޯ

އެސްޓިއޯ އަށް 314،830ރ. ދޭން އިންވެސްޓަރަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވެ އެވެ. ނަމަވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މި އުސޫލު މިދިޔަ އަހަރުގެ ތެރޭގައި ބަދަލުކޮށްފަ އެވެ. އުސޫލަށް ގެނައި ބަދަލާއެކު މިހާރު ސީއެސްއާރު ފައިސާ ދައްކަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީގެ އިތުރުން ސީއެސްއާރު ފައިސާ ނެގޭނެ އުސޫލެއް ވެސް ކަނޑައަޅާފައިވެ އެވެ.