ހަބަރު

ދެ ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

Jan 6, 2015

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވީ ކުރިން އިކޮނޮމިކް މިނިސްޓަރު ކަމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާ ކުރެއްވި އަހުމަދު މުހައްމަދެވެ. ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަން ކުރެއްވީ މ. ކްރެސްޓްވުޑް އަބްދުﷲ ހަމީދެވެ. އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ރުހުން ދީފަ އެވެ.