ލައިފްސްޓައިލް

މަންމައެއްގެ ހިތްވަރުން ޑައުން ސިންޑްރޯމް ކުއްޖަކަށް ކާމިޔާބު

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ދިރިއުޅުމަކީ ވަރަށް ތަކުލީފު ހުރި ކަމެކެވެ. ނަމަވެސް ކޮލަރާޑޯގެ އުމުރުން 15 އަހަރުގެ ކެނެޑީ ގާސިއާ އަށް ޑައުން ސިންޑްރޯމް ހުއްޓަސް ދިރިއުޅޭކަށް އުނދަގުލެއް ނޫނެވެ. އޭނާގެ ދިރިއުޅުން ވަރަށް އުފާވެރި އެވެ. އެއީ އޭނާގެ މަންމަ އޭނާއަށްޓަކައި ވީ ގުރުބާނީގެ ސަބަބުންނެވެ.

ކެނެޑީ އުފަންވުމާއެކު އޭނާއަކީ ޑައުން ސިންޑްރޯމް ހުރި ކުއްޖަކަށް ވާތީ އޭނާ ދޫކޮށްލަން ޑޮކްޓަރުން އޭނާގެ މަންމައަށް ލަފާ ދިނެވެ. އެޑޮޕްޝަން ސެންޓަރަކަށް ނުވަތަ އެނޫން ވެސް ބަލި ކުދިން ބައިތިއްބާ ތަނަކަށް ދިނުން ރަނގަޅުވާނެ ކަމަށް ވެސް ބުންޏެވެ. މާ ރަނގަޅު ދިރިއުޅުމެއް ކެނެޑީ އަށް ނޫޅެވޭނެ ކަމަށާއި ބޮޑުވީމަ ވެސް އުޅެން ޖެހޭނީ ޑައިޕާ ޖަހައިގެން ކަމަށް ވެސް ބުންޏެވެ.

ދަރިފުޅު އުޅޭނެ ހާލު ޑޮކްޓަރުން ކިޔައިދިނުމުން ހަގީގަތުގައި ވެސް ކެނެޑީގެ މަންމަ ރީނީގެ ހިތް ކުދިކުދިވި އެވެ. ނަމަވެސް 40 އަހަރުގެ މަންމަ އެއްގޮތަކަށް ވެސް އޭނާގެ ދަރިފުޅު އެހެން މީހަކަށް ދޭކަށް އެއްބަހެއް ނުވި އެވެ. އަދި ޑޮކްޓަރުން ބުނި ވާޙަކަ އަކީ ތެދެއް ނޫންކަން ސާބިތުކުރުމަށް އޭނާ ގަދައަޅާ މަސައްކަތް ފެށި އެވެ. އެދުވަސްވަރު އޭނާއަށް ފޫޅުމަޔަކާ ބައްދަލުވި އެވެ. އެ މީހާގެ ވެސް 16 އަހަރުގެ ޑައުން ސިންޑްރޯމް ކުއްޖެއް ހުންނަ ކަމަށް ރީނީ ކައިރީގައި އެމީހާ ބުންޏެވެ. މިއީ ދަރިފުޅަށް ވެސް ކުރިމަގެއް އޮތް ކަމުގެ އުންމީދު ރީނީއަށް ލިބިގެންދިޔަ ކަމަކަށް ވެއެވެ.

ނަމަވެސް ކެނެޑީ ގެންގުޅުމަކީ އޭނާގެ މަންމައަށް އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ވަކި ވަރަކަށް ބޮޑުވިތަނާ ކެނެޑީއަށް ލޭގެ ކެންސަރު ޖެހި އެ ބައްޔާ ހަނގުރާމަކޮށްފައި ވުމާއި މައިބަދަ ރަނގަޅުކުރުމަށް ވަރަށް ނުރައްކާތެރި ބޮޑު ސާޖަރީއެއް ވެސް ކެނެޑީ އަށް ހަދަން ޖެހުމެވެ. މި ސާޖަރީގައި ކުޑަ މައްސަލައެއް ޖެހުނަސް ކެނެޑީގެ ހަށިގަނޑުގެ ވާގިނެތުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތެވެ.

އިނގިރޭސި ވިލާތުގެ 'ދަ މިރާ' އަށް ދީފައިވާ އިންޓަވިއު އެއްގައި ރީނީ ބުނީ ކެނެޑީގެ ވަރަށް ގާތް ރަނގަޅު އެކުވެރިންތަކެއް އެބަތިއްބެވެ. އެ ކުދިން އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި ނެށުމާއި ލަވަކިޔުމާއި ތަފާތު ގޮތްގޮތަށް މޭކަޕްކޮށް އިސްތަށިގަނޑު ހެދުމަށް ކެނެޑީ ވަރަށް ލޯބިކުރެ އެވެ. އަދި ބޭބެއާއި އެކުވެރިންނާއެކު ފިލްމު ބަލަން ގޮސް ބައެއް ފަހަރަށް ގަވާއިދުވެސް މުގުރަ އެވެ. މާނައަކީ އެ އުމުރުގެ އެހެން ކުދިން ވެސް އުޅޭ ކަހަލަ އާދައިގެ ދިރިއުޅުމެއް ކެނެޑީ ވެސް އުޅެ އެވެ.

"ކެނެޑީ ވަނީ އަހަރެމެންގެ ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމަކާއި ހިނިތުންވުމެއް ގެނުވާފައި. ޒުވާން ވަމުންދާ ވަރަކަށް ކެނެޑީގެ ރީތިކަން ވެސް އިތުރުވާހެން ހީވޭ،" ކެނެޑީގެ މަންމަ ބުންޏެވެ.

މިހާރު ކެނެޑީ ވަނީ ޓެލެންޓް އެޖެންސީއަކަށް ސޮއިކޮށް ހޮލީވުޑާއި ނިއުޔޯކްގައި އޮންނަ އޮޑިޝަންތަކަށް ގޮއްސަ އެވެ.
އެމެރިކަން ގާލް، ޖަސްޓިސް ކްލޯތިން އަދި ޑިޒްނީގެ އިޝްތިހާރުތަކަށް ވެސް ކެނެޑީ މޮޑެލް ކޮށްދީފައި ވެއެވެ. މި ހުރިހާ ކަމެއް އޭނާއަށް ކުރެވުމުގެ ސިއްރަކީ އޭނާގެ މަންމަގެ ލޯތްބާއި އަޅާލުމެވެ.