ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަލާން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތިން މެންބަރަކު ސަލާން ވިދާޅުވެފައިވާ ކަމަށެވެ. އެއިން އެއް މެންބަރަކީ މަޖިލީހުގެ ރައީސް ނަޝީދު ކަމަށެވެ. -- މިއީ 19 ވަނަ މަޖިލިސް ފެށުން ފަހުން މަޖިލީހުގެ ޖަލްސާއަކަށް ނަޝީދު ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.
އީވާ ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދު ސަލާން ވިދާޅުވި ސަބަބު ބަޔާންކޮށް މަޖިލީހުގެ އިދާރާއަށް ނޯޓެއް ވެސް ވަނީ ފޮނުވައިފަ އެވެ. އެ ނޯޓުގައިވާ ގޮތުން މިއަދުގެ ޖަލްސާއަށް ނަޝީދު ސަލާން ވިދާޅުވީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ތުލުސްދޫގައި މިއަދު ފަށާ ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
"މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކަށް ހުރި ގެއްލުންތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި އަދި މި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަލަށް ގާއިމު ކުރެވުނު މޯލްޑިވްސް ކޮރެލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކަށް ރާވައި އެކުލަވާލެވި ކަމާ ގުޅޭ މައްސަލައިގެ ދެލިކޮޕީއެއް ހުށަހެޅި އެއަށް މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރުން." ނޯޓުގައި އޮތް ކަންކަން އީވާ ވިދާޅުވި އެވެ.
މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ކޮރަލް ފެސްޓިވަލްގެ ނަމުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ރާޅާ އެޅުމަށް ދަސްކޮށްދިނުމާއި، ސްނޯކްލީން ދަތުރުތަކާއި، ލައިވް މިއުޒިކާއި، ކުރެހުމާއި ފަންނުވެރިކަމާއި، މޫސުމީ ބަދަލުތަކާއި ފަރުތަކާ ގުޅޭ ތަޖުރިބާކާރުންތަކެއްގެ ޕެނަލް ޑިސްކަޝަނެއް ވެސް ހިނގާނެ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގަންނަވާނަމަ ސަބަބު ބަޔާންކޮށް މަޖިލީހަށް ސަލާމް ވިދާޅުވާން ޖެހެ އެވެ. ނޫނީ ރަސްމީ ދަތުރުފުޅެއްގައިވާނަމަ އެ ކަމެއް ބަޔާންކޮށް އަންގަން ޖެހެ އެވެ. އެއްވެސް ސަބަބެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް މެންބަރުގެ މުސާރައިން އުނިކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.