ކުޅިވަރު

ފެނާންޑޭޒް، ސްކޯލްސް އާއި ވެރޯންއާ އެއްގޮތް: އޮލޭ

މެންޗެސްޓާ ޔުނައީޓަޑްގެ އާ މިޑްފީލްޑަރު ބުރުނޯ ފެނާންޑޭޒް އަކީ ޔުނައިޓަޑްގެ ކުރީގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޕައުލް ސޯކްލްސް އާއި ހުއާން ސަބެސްޓިއަން ވެރޯން އާ އެއްގޮތް ކަމެއް ހުރި ކުޅުންތެރިޔެއް ކަމަށް ޔުނައިޓަޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން ޖަނަވަރީއިން ޓްރާންސްފާގައި ޔުނައިޓަޑަށް ބަދަލުވި ފެނާންޑޭޒް އާ ބެހޭގޮތުން ޝޮލްޝަޔާ ބުނީ، އޭނާ އަކީ ވެރޯން އާއި ސްކޯލްގެ މިކްސްއެއް ކަމަށެވެ. ރޭ ވަޓްފޯޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ޔުނައީޓަޑް މޮޅުވި މެޗުގައި ފެނާންޑޭޒް ވަނީ ޔުނައިޓަޑަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.

"ފުރަތަމަ މިނެޓުން ފެށިގެން މި ކުޅުންތެރިންގެ ގުރޫޕްގެ މުހިންމު މެންބަރަކަށް އޭނާވި، އަހަންނަށް ސިފަ ކުރެވެނީ އޭނާއަކީ ސްކޯލްސް އާއި ވެރޯންގެ މިކްސްއެއް ކަމަށް، ވެރޯންގެ ޕާސަނަލްޓީ އަދި ސްކޯލްގެ ކޮލިޓީ،" ފެލިކްސް އާ ބެހޭ ގޮތުން ސޮލްޝަޔާ ވާހަކަ ދެއްކި އެވެ.

ސްކޯލްސް ވަނީ ޔުނައިޓަޑަށް ކުޅުނު 716 މެޗުގައި 155 ލަނޑު ޖަހާފަ އެވެ. ވެރޯން ވަނީ ޔުނައިޓަޑްގައި 82 މެޗު ކުޅެފަ އެވެ.

ސޮލްޝަޔާ ބުނީ، ސަޕޯޓަރުން އެންމެ ގަޔާވަނީ އެފަދަ ކޮލިޓީ އާއި މެންޓަލްޓީ ހުންނަ ކުޅުންތެރިންނާ މެދުގައި ކަމަށެވެ. އޭނާ ބުނީ ޔުނައިޓަޑް ބޭނުންވާ ސްޓައިލްގެ ކުޅުންތެރިޔަކަށް ފެނާންޑޭޒް ވެފައިވާ ކަމަށެވެ.

"އަހަންނަށް ހީވަނީ މިދުވަސްވަރުގެ ޓްރާންސްފާ މާކެޓް ހިނގާ ގޮތަށް ބަލާއިރު، އަހަރެމެންނަށް މި ހެދުނީ ރަނގަޅު ޑީލެއްހެއްން." ސޮލްޝަޔާ ބުންޏެވެ.

ރޭގެ މެޗުގައި ޔުނައިޓަޑްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އާއި މޭސޮން ގްރީންވުޑް އެވެ. ގްރީންވުޑް ލަނޑު ޖެހީ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މޮޅާއެކު ޔުނައިޓަޑް ވަނީ ތާވަލުގެ ފަސް ވަނަ އަށް އަރާފަ އެވެ. އެ މަގާމުގައި އޮވެ ލީގް ނިންމާލެވުނަސް ޔުނައިޓަޑް ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނެ އެވެ. އެއީ ޔޫރަޕްގެ މުބާރާތްތަކުގައި ކުރިއަށް އޮތް ދެ އަހަރު މެންޗެސްޓާ ސިޓީއަށް ބައިވެރި ނުވެވޭނެ ގޮތަށް ޔޫއެފާއިން އެ ޓީމަށް އަދަބު ދީފައި ވުމުންނެވެ.