ފާތުމަތު ދީމާ

ތައިލެންޑު މުބާރާތުން ދީމާއަށް ރިހި މެޑަލް

ޔޫތު ސްޕޯޓްސް މިނިސްޓްރީން ތަނަވަސް ކޮށްދިން ޓްރެއިނިން ފުރުސަތުގައި ތައިލެންޑްގައި ކޭމްޕް ކުރަމުންދާ ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ، ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުން ރިހި މެޑަލް ހޯދައިފި އެވެ.

ދިމާ ވާދަ ކުރީ ޗޮންބުރީ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގަ އެވެ. އެ ކަޓެގަރީގެ ފައިނަލުގައި ދީމާ ވާދަ ކުރީ ތައިލެންޑްގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ އެއް ވަނަ ކުޅުންތެރިޔާ އާ ދެކޮޅަށެވެ. ދީމާ މެޗުން ބަލިވީ 11-04، 11-06 އަދި 11-03 އިންނެވެ.

އޭނާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ތައިލެންޑްގެ އެ އުމުރުފުރާގެ ރޭންކިންގެ ދެ ވަނަ ހޯދާފައިވާ ކުޅުންތެރިޔާ ބަލި ކުރުމަށް ފަހު އެވެ. ތައިލެންޑްގެ ކުޅުންތެރިޔާ ފުރަތަމަ ދެ ގޭމް ހޯދާފައި ވަނިކޮށް ދީމާ މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ފަހު ތިން ގޭމް ކާމިޔާބު ކޮށްގެންނެވެ.

އެ މުބާރާތުން ޖާގަ ލިބެނީ ކޮލިފައިން ކުޅެގެންނެވެ. ކޮލިފައިންގައި ދީމާ ވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފަ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ތަނަވަސް ކޮށްދިން ޓްރޭނިން ފުރުސަތުގެ ދަށުން ޖޫން މަހާ ހަމައަށް ތައިލެންޑްގައި ދީމާގެ ޓްރެއިނިންތައް ކުރިއަށް ގެންދާނެ އެވެ. އޭނާ ތައްޔާރު ވަމުން ދަނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕަށެވެ.