އޮފްބީޓް

ފްރާންސްގައި ތަތްމަކުނުގެ އުނދަގޫ އިންތިހާއަށް

ފްރާންސަށް އާ މައްސަލައަކާ ކުރިމަތިވެއްޖެ އެވެ. އެ ގައުމަށް ކުރިމަތިވެފައިވަނީ އެނދުގައި އާއްމުކޮށް އަޅާ ތަތްމަކުނުގެ އުނދަގުލާ އެވެ. ތަތްމަކުނުގެ މައްސަލަ ސީރިއަސްވެ ފްރާންސް ސަރުކާރުން މިހާރު ވަނީ ތަތްމަކުނާ ދެކޮޅަށް އެންޓި-ބެޑްބަގް ކެމްޕެއިނެއް ވެސް ލޯންޗުކޮށްފަ އެވެ.

ތަތްމަކުނު ނައްތާލުމަށް ޚާއްސަކޮށްގެން ވެބްސައިޓެއް ލޯންޗުކުރުން ވެސް މި ކެމްޕެއިންގެ އެއް ކަމެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. އަދި ހޮޓްލައިން ނަމްބަރަކާއި ފަރުނީޗަރު ފަދަ ތަކެތީގައި ތަތްމަކުނު އާލާ ވިޔަ ނުދޭން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ވެސް މި ކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދާނެ އެވެ.

މި ވެބްސައިޓް ބުނާ ގޮތުގައި އާފަލެއްގެ އޮށެއް ވަރުގެ މި ކުޑަކުޑަ ތަތްމަކުނުން އެ ގައުމުގެ ކޮންމެ ފަރުދަކަށް ވެސް އަސަރުކޮށްފާނެ އެވެ. މި ވެބްސައިޓުގައިވާ މައުލޫމާތުގައިވާ ގޮތުން ތަތްމަކުނު އާއްމުކޮށް ދިރިއުޅެނީ އަދި އާލާވަނީ އަނދިރި ތަންތަނުގަ އެވެ. މާނައަކީ ސޯފާ ފަދަ ފަރުނީޗަރުގެ ކަންތަކުގަޔާއި އެނދުގެ ކަންކަނަކީ މި ތަކެތި އެންމެ ފަސޭހައިން އާލާވުމުގެ ނުރައްކާ އޮތް ތަންތަނެވެ.

ސައިންޓިފިކް ނަމުން ސައިމެކްސް ލެކްޓުލަރިއަސް ކިޔާ މި ކުޑަކުޑަ މަކުނު ދިރިއުޅެނީ އިންސާނުންގެ ގައިން ލޭ ބޮއިގެންނެވެ. އެންމެ ރެޔަކު 90 ފަހަރަށް ވެސް މިސޮރު ހެފުމުގެ ފުރުސަތު އޮވެ އެވެ. ތަތްމަކުނު ހަފާ ތަންތަނާއި މަދިރި ހަފާ ތަންތަން ހުންނަނީ ވަރަށް އެއްގޮތަކަށް ކަމަށް ވާތީ ގައިގައި ހެފީ މަދިރިއެއްކަން ނުވަތަ ތަތްމަކުނެއްކަން ވަކިކުރަން އުނދަގޫ ވެދާނެ އެވެ.

ފްރާންސްގައި ތަތްމަކުނުގެ މައްސަލަ މިހާ ބޮޑުވާން މެދުވެރިވި ސަބަބަކީ އެ ގައުމަށް ބޭރު ގައުމުތަކުން ޒިޔާރަތްކުރާ މީހުން ގިނަ ވުމެވެ. އަދި ތަތްމަކުނު ފަދަ އެއްޗެތި މަރަން ތައްޔާރުކޮށްފައިވާ އިންސެކްޓިސައިޑްސްގެ އަސަރު ތަތްމަކުނަށް ނުކުރުމެވެ.

ތަތްމަކުނުން ސަލާމަތްވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވެބް ސައިޓުގައި މަކުނު އެޅުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް ވެސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ހޮޓާތަކުގައި ތިބޭ ގެސްޓުން ގެންނަ ފޮށިތައް ބިންމަތީގައި ބެހެއްޓުމުގެ ބަދަލުގައި ރެކްތަކުގައި ބެހެއްޓުމާއި ހޮޓަލަށް ޗެކް ވެފައި ކޮޓަރި ބޭނުންކުރުމުގެ ކުރިން ތަތްމަކުނު ހުރިތޯ ރަނގަޅަށް ޗެކް ކުރުމުން ހިމެނެ އެވެ.

އަދި ލާފައި ހުންނަ އަންނައުނު އަލުން ލުމުގެ ކުރިން 60 ޑީގްރީ ސެލްސިއަސްގެ ނުވަތަ އެއަށް ވުރެ ވެސް ހޫނު ފެނުން ދޮވެގެން ބޭނުންކުރުމަށް ވެސް އިރުޝާދު ދީފައި ވެއެވެ.

ފްރާންސްގައި އެންމެ ފަހުން ތަތްމަކުނުގެ އުނދަގޫ މިހާ ބޮޑުވެފައިވަނީ 1950 ވަނަ އަހަރު އެވެ.