ލައިފްސްޓައިލް

ބްލެކް އޭލިއަން އަކަށް ވާހިތުން މީހަކު ބުއްދި ފަސްވެފައި

އިންސާނާ ހައްދަވާފައިވާ ސިފަ ނޫން އެހެން ސިފައެއް ޖެހެން ބައެއް މީހުން ދެވި ހިފައިގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ދެއެވެ. އަމިއްލަ ހަށިގަނޑަށް އެކި ކަހަލަ ބަދަލުތައް ގެނެސް އެ މީހަކު އެ ބޭނުންވާ ސިފައަކަށް ބަދަލުވާން މިފަދަ މީހުން ނުކުރާ ކަމެއް ނޯވެ އެވެ. ފްރާންސްގެ އެންތަނީ ލެފްރޭޑޯ އަކީ މީގެ ތެރެއިން ވެސް އަރާހުރި މީހެކެވެ. "ބްލެކް އޭލިއަން" އެއްގެ ސިފަ ޖެހޭ ހިތުން އޭނާވަނީ ދުނިޔޭން މޮޔަވާ ދަރަޖައަށް ގޮއްސަ އެވެ.

އޭނާގެ ގައިގެ އެކި ތަންތަނަށް ތަފާތު ބަދަލުތައް ގެންނަމުން ގޮސް އެންމެ ފަހުން މިހާރު އޭނާ ބޭނުންވަނީ އަތް ވެސް ޖަނަވާރުންގެ އަތުގެ މޮއްގަނޑު ހުންނަ ގޮތަށް ހުންނާށެވެ. އެހެންވެ އަމިއްލައަށް މިހާރު އޭނާ ވަނީ އަތުގެ ދެ އިނގިލި ވެސް ބުރިކޮށްލާފަ އެވެ.

މީގެ ކުރިން އޭނާ ވަނީ ނޭފަތާއި މަތީ ތުންފަތް ކަނޑާލާފަ އެވެ. އަދި ދޫ ދެބައިކޮށް ދެ ލޮލުގެ ކަޅީގަޔަށް ދަންދެން ވަނީ އެކި ކަހަލަ ޓެޓޫ ޖަހާފަ އެވެ. މިހާރު ވެސް އޭނާގެ ސޫރަ ފެނިފައި މީހުން ބިރުން ހަލާކުވާ ވަރު ވެއެވެ. ނަމަވެސް އަދި ވެސް ލެފްރޭޑޯ ހިތްހަމަޖެހޭ ވަރެއް ނުވެ އެވެ.

އެކި ކަހަލަ ސާޖަރީ ހަދަމުން ގޮސް އަމިއްލަ ސިފަ އެއްގޮތަކަށް ވެސް ވަކި ނުވާ ވަރަށް ބަދަލުވެފައި ހުއްޓަސް ލެފްރޭޑޯ ބުނަނީ އަދިވެސް އޭނާ ބޭނުން ވަރަށް ބަދަލު ނުގެނެވޭ ކަމަށެވެ. އަދި ހާސިލުކުރެވުނީ އެންމެ 35 ޕަސެންޓް ކަމަށެވެ.

އެއް އަތުގެ ދެ އިނގިލި ބުރިކޮށްލާފައިވާއިރު އަނެއް އަތުން ވެސް ދެ އިނގިލި ބުރިކޮށްލަން މިހާރު ތައްޔާރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން އޭނާ ވަނީ ދެ ކަންފަތް ވެސް ކަނޑާލާފަ އެވެ. އަދި ނޭފަތް ކަނޑާލީ މިދިޔަ އަހަރު ސްޕޭނަށް ގޮހެވެ. އެއީ ފްރާންސްގައި އެ ކަހަލަ ސާޖަރީތައް ހެދުން މަނާ ކަމަކަށް ވީމަ އެވެ.

ލެފްރޭޑޯ ބުނީ ހަށިގަނޑަށް މި ގެންނަ ބަދަލުތަކަކީ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމަށް ކުރާ ކަމެއް ކަމަށެވެ. ވަރަށް ކުޑައިރުއްސުރެ ބިރުވެރި އެއްޗެތީގެ ސިފަ ޖެހެން އޭނާގެ ވަރަށް ބޮޑު ޝައުގެއް ހުރި ކަމަށް ވެސް ލެފްރޭޑޯ ބުންޏެވެ.