ހަބަރު

މިހާތަނަށް 27،000 މީހުން ރީ ރަޖިސްޓްރީވެއްޖެ: އަކްރަމް

އަންނަ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ރީ ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 27،000 މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރުޖަމާން އަހުމަދު އަކްރަމް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރީ ރެޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު، އަތޮޅުތަކުންނާއި މާލެއިން މިހާތަނަށް 27،000 މީހުން ރެޖިސްޓްރީވެފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރިރެޖިސްޓްރީ ކުރަންޖެހޭނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާތަން ބަދަލުވެފައިވާ ފަރާތްތަކުން އެކަނި ކަމަށާއި އެހެން ކަމުން ރެޖިސްޓްރޭޝަނަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް 27،000 އެއްހާ މީހުން ރީރެޖިސްޓްރީވެއްޖެ. މީގެތެރެއިން ޖަލުތަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތައް އިސްތިސްނާ ވާނެ. ޖަލުގެ ރީރެޖިސްޓްރޭޝަން ފޯމުތައް މާދަމާ ބަލްކުކޮށް ގެންނާނެ. މާދަމާ މީ ރިރެޖިސްޓްރޭޝަންގެ ބޮޑު ދުވަހެއް. މިފަހަރު ރީރެޖިސްޓްރޭޝަނަށް އިންނާނީ ލުއިތަކެއްވެސްދީފަ. އެއީ މަޖިލިސް އިންތިހާބުގައި އެމީހަކު ވޯޓުލާން ރަޖިސްޓްރީކުރި ތަން ނޫން އެހެންތަނެއްގައި މިފަހަރު (ކައުންސިލް އިންތިހާބު)ގައި ވޯޓުލާނަމަ ރަޖިސްޓްރީ ކުރަން މިޖެހެނީވެސް." އޭނާ ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ފުރުސަތު ހުޅުވާލިއިރު އިއްޔެއާ ހަމަޔަށް ވޯޓު ފޮށި ބަހައްޓަން ކަނޑައެޅި އަދަދަކަށް މީޙުން ރެޖިސްޓްރީވެފައިވަނީ ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުން އެކަނި ކަމަށެވެ. އަދި ވިދާޅުވީ ވޯޓް ފޮށި ބެހެއްޓުމަށް ފުރުސަތު ހުޅުވާލި 53 ރިސޯޓްވެސް ވޯޓް ފޮށި ބެހެއްޓީ އެ ރިސޯޓަކަށް ވޯޓްލުމަށް 50 މީހުން ރަޖިސްޓްރީކޮށްފިނަމަ ކަމަށެވެ.

ރީރެޖިސްޓްރޭޝަންގެ މުއްދަތު މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ހާއްސަކޮށް ރިސޯޓުތަކުގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރެޖިސްޓްރީވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.