ހަބަރު

އިންސާނީ ހައްގުތަކާއި ބެހޭ ވެރިޔާއާ ޝާހިދު ބައްދަލުކުރައްވައިފި

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނާ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ މިއަދު ޖެނީވާގައި ހުންނަ އދ ގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އިންސާނީ ހައްގުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކަމަނާއާ ހިއްސާކުރައްވާފައެވެ. އަދި އެމަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމަށްފަހު ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އެރުވި ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިސާލެއް ކަމަށް ހައި ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.