ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކްރޫޒް ލައިނާތައް ރާއްޖެ އައުން މަނާކޮށްފި

Feb 26, 2020
3

ކުރޫޒް ލައިނާތައް ރާއްޖެ އައުން ދިވެހި ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ސަރުކާރުގެ މި ނިންމުން އައީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ބަލި ރާއްޖެ އައުން ހުއްޓުވަން ކުރާ މަސައްކަތްތަކުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. މިރޭ މި ނިންމުން ރައީސް އޮފީހުގައި އިއުލާން ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާފައި ކުރޫޒް ލައިނާތައް ރާއްޖެ އައުން މެދުކަނޑާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އަދި ދެން ކުރޫޒް ލައިނާތަކަށް ހުއްދަ ދެވޭނީ ހާލަތު ބެލުމަށްފަހު ކަމަށް އަމީން ވިދާޅުވިއެވެ.

"މިހާރުގެ ހާލަތަށް ބަލާފައި، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު މިއަދު ނިންމެވީ ކްރޫޒް ލައިނާ ރާއްޖެއަށް އައުން މިވަގުތަށް މެދުކަނޑާލުމަށް. އެހެންވީމަ މިހާރުން ފެށިގެން ރާއްޖެއަށް ކްރޫޒްލައިނާ އައުމުގެ ހުއްދަ ދެން ދެވޭނީ މިހާލަތަށް އަންނަ ބަދަލަކަށްފަހު، އެކަން ރިވިއު ކުރުމަށްފަހު." އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ގެ ބިރު ބޮޑުވެ، މުޅި ދުނިޔެއަށް ބޮޑު ރޯގާއެއް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދީފައިވާ ކަމަށާ އެހެން ކަމުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ހުރިހާ ގައުމުތަކަށް ވެސް އެ ޖަމިއްޔާއިން އިރުޝާދު ދެމުންދާ ކަމަށެވެ.

ކޮރޯނާއިން ރައްކާތެރިވުމަށް ރާއްޖެއިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުން ފެށިގެން އިރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ އައުމުން މަނާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައުތުކޮރެޔާގެ ދެ ސިޓީއަކުންވެސް މީހުން އައުން މަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އީރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ އައުމުން މިވަގުތަށް އަޅުގަނޑުމެން މި މެދުކަނޑާލީ. ހަމަ އެއާއެކު ސައުތުކޮރެޔާ، މިއީ ކޮރޯނާ ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުންދާ އެއް ގައުމު. އެހެން ކަމުން ސައުތު ކޮރެއާއިން މީހުން އާދެވޭނެ ގޮތްތަކާމެދުވެސް މިހާރު އަޅުގަނޑުމެން މިވަނީ ގޮތްތަކެއް ނިންމާފައި. އެގޮތުން ސައުތުކޮރެޔާގެ ދެ ސަރަހައްދަކުން މީހުން އައުން މި މެދުކަނޑާލަނީ. އެއީ ސައުތުކޮރެޔާގެ ދެ ސަރަހައްދެއް ކަމަށްވާ ޑޭބޫ އަދި ޖޭޔޮންގގޮކް، މި ދެ ސަރަހައްދުން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތަކާއެކު ހާލަތަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ.