ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދިއްޖެ

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދޭން އެ މަނިކުފާނުގެ އާއިލާއިން އެދިއްޖެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ބުނީ އެމަނިކުފާނުގެ އާއިލާއިން އެކަމަށް ކަރެކްޝަންގައި މިހާރު އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއެވެ.

ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ޓެސްޓްތަކެއް ހެއްދެވުމަށް ތިން ދުވަސް ވަންދެން އެމަނިކުފާނު ވަނީ ހޮސްޕިޓަލްގައި ދާދި ފަހުން އެޑްމިޓް ކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ފަހުން އެ މައްސަލާގައި ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ހާލަތުގެ ވާހަކަތައް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށް ކޯޓުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ދެން ވެސް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޯޓުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.

އާއިލާއިން އެކަމަށް އެދުނު ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމުން ބޭރަށް ފުރުވާލަން ސަރުކާރުން ހުށައެޅި ކަމަށާ އެ ހުށައެޅުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާފައިވާ ކަމަށް ވަނީ އެނގިފައެވެ.

ރައީސް ޔާމީންގެ އަރިސް އަދި އެ މަނިކުފާނުގެ ޕާޓީގެ ތެރޭގައި ވެސް އިސްކޮށް އުޅުއްވާ އިތުބާރު ހިފޭ ބައެއް ބޭފުޅުން އަވަސްއަށް ކަަށަވަރު ކޮށްދެެއްވި ގޮތުގައި ރައީސް ޔާމީނަށް އެ ދެ ހުށައެޅުން ހުށައެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ޔާމީނާ ބައްދަލު ކުރައްވައިގެނެވެ. އިއްޔެ މާފުށީ ޖަލުގައި އޮތް އެ ބައްދަލްވުމުގައި ސަރުކާރުގެ ފަރާތުން ރައީސް ޔާމީނަށް ދެ ކަމެއް ހުށައަޅުއްވެވި އެވެ.

އެއީ މިހާރު ކޮށްފައިވާ ހުކުމާއި ގުޅިގެން ދައްކަވަންޖި ވަޑައިގަންނަވާ ފައިސާ ދައުލަތަށް ދެއްކެވުމަށާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. ފަރުވާއަށް ރާއްޖެއިން ބޭރުގައި ވަކި މުއްދަތެއް ހޭދަ ކުރެއްވުމަށް ޝަރުތު ކުރެއްވި ކަމަށް އެނގިފައި ވެއެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެންނަވާފަ އެވެ. އަދި ސަރުކާރުން ހުށައަޅުއްވާ ގޮތަށް ލުއި ހޯއްދެވުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.