ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސްގެ ސަބަބުން ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ގެ ބިރު ބޮޑުވެ، މުޅި ދުނިޔެއަށް ބޮޑު ރޯގާއެއް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދީފައިވާ ކަމަށާ އެހެން ކަމުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ހުރިހާ ގައުމުތަކަށް ވެސް އެ ޖަމިއްޔާއިން އިރުޝާދު ދެމުންދާ ކަމަށެވެ.

ކޮރޯނާއިން ރައްކާތެރިވުމަށް ރާއްޖެއިންވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރުން ފެށިގެން އިރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ އައުމުން މަނާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައުތުކޮރެޔާގެ ދެ ސިޓީއަކުންވެސް މީހުން އައުން މަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އީރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ އައުމުން މިވަގުތަށް އަޅުގަނޑުމެން މި މެދުކަނޑާލީ. ހަމަ އެއާއެކު ސައުތުކޮރެޔާ، މިއީ ކޮރޯނާ ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުންދާ އެއް ގައުމު. އެހެން ކަމުން ސައުތު ކޮރެއާއިން މީހުން އާދެވޭނެ ގޮތްތަކާމެދުވެސް މިހާރު އަޅުގަނޑުމެން މިވަނީ ގޮތްތަކެއް ނިންމާފައި. އެގޮތުން ސައުތުކޮރެޔާގެ ދެ ސަރަހައްދަކުން މީހުން އައުން މި މެދުކަނޑާލަނީ. އެއީ ސައުތުކޮރެޔާގެ ދެ ސަރަހައްދެއް ކަމަށްވާ ޑޭބޫ އަދި ޖޭޔޮންގގޮކް، މި ދެ ސަރަހައްދުން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތަކާއެކު ހާލަތަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ.

މިރޭ ސަރުކާރުން ވަނީ ކުރޫޒް ލައިނާތައް ރާއްޖެ އައުންވެސް މަނާކޮށްފައެވެ.

މީގެ ކުރިން ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލާ، އެ ގައުމުން މީހުން އެތެރެވުންވެސް ރާއްޖެއަށް ވަނީ މަނާކޮށްފައެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިމިވަނީ އިއްޔެ ޗައިނާއިން އެ ބައްޔަށް ޕޮޒިޓިވްމި މީހުންނަށްވުރެ ދުނިޔޭގެ އެހެން ގައުމުތަކުން ޕޮޒިޓިވިން މީހުންގެ އަަދަދު ގިނަވުމުންނެވެ. މިއީ މިދިޔަ ޑިސެންބަރު މަހު މި ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ.

މީގެ އިތުުރުން ޗައިނާއަށް ދަތުރުކޮށްފައިނުވާ މީހުންގެ ގައިންވެސް މި ވައިރަސްގެ އަސަރު ފެންނަމުންދާތީ މުޅި ދުނިޔެއަށް ބޮޑު ރޯގާގެ ބަލި މަޑުކަމެއް ޖެހިދާނެ ކަމަށް ތައްޔާރީ ހާލުގައި ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެދިފައެވެ.