ދުވަލަކު 10،000 ފިޔަވަޅު ހިނގާނަމަ ބަރުދަން ލުއި ވާނެކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް އެމެރިކާގެ ކޮލެޖެއްގެ ކިޔަވާކުދިންތަކެއް ހޯދި ހޯދުމަކުން ދެއްކި ގޮތުގައި 10،000 ފިޔަވަޅު އެޅިޔަސް ބަރުދަނެއް ލުޔެއް ނުވެ އެވެ.
ހަ މަސްވަންދެން މި ކުދިން ހެދި މި ދިރާސާގައި ކޮލެޖުގައި އުޅޭ 120 ކުދިން ބައިވެރިވި އެވެ. މީގެ ތެރެއިން ބައެއް ކުދިން ދުވާލަކު 15،000 ފިޔަވަޅަށް ހިނގި ނަމަވެސް ދިރާސާ ނިންމާލިއިރު މި ކުދިންގެ ބަރުދަން ވީ އިތުރެވެ. ފިޔަވަޅު ގުނުމުގެ އެކްސްޕެރިމެންޓްގައި ބައިވެރިވި ކިޔަވާކުދިން ދިރާސާ ކުރިޔަށް ގެންދިޔަ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް 1.5 ކިލޯ ބަރުވެފައި ވެއެވެ.
މި ހޯދުމުން ހާމަވެފައިވަނީ ކިތަންމެ ވަރަކަށް ހިނގިޔަސް ބަރުދަން ލުއި ނުވާ ކަމެވެ. ދުވާލަކު 10،000 ފިޔަވަޅަށް ހިނގުމަކީ ދުނިޔޭގައި ވަރަށް ފުޅާކޮށް ގިނަ ބަޔަކު ފޮލޯކުރާ ކަމެކެވެ. މިވަރަށް ހިނގީމަ 2000 އާއި 3500 ކެލޮރީޒް އަ ދެމެދުގެ މިންވަރެއް ކޮންމެ ހަފުތާއަކުވެސް އަނދައިގެން ދާކަމަށް ވެއެވެ. ނަމަވެސް ހިކުމުގެ ބޭނުމުގައި ހިނގާ މީހުންނަށް މީގެން ރަނގަޅު ނަތީޖާއެއް ނުފެނެ އެވެ.
ޖާނަލް އޮފް އޮބޭސިޓީގައި ޝާއިއުކޮށްފައިވާ މި ސްޓަޑީ ބުނާ ގޮތުން ދިރާސާގެ ބައިވެރިންގެ ތެރެއިން އެއްބަޔަކު ކޮންމެ ދުވަހަކު 10،000 ފިޔަވަޅު ހިނގިއިރު އަނެއްބަޔަކު 12،500 ފިޔަވަޅު އަނެއްބަޔަކު 15،000 ފިޔަވަޅު ހަފުތާއަކު ހަ ދުވަހު ހިނގާފައި ވެއެވެ. މި މީހުންގެ ގައިން ކޮންމެ ހަފުތާއަކު އަނދާފައިވަނީ 2000 ކެލޮރީޒް އާއި 3500 އެކްސްޓްރާ ކެލޮރީޒް އެވެ. ބަރުދަން ލުއިކުރުމަށް މިއީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވެސް މި ސްޓަޑީގައި ބަޔާން ކޮށްފައި ވެއެވެ.
އެމެރިކާ މީހަކު އެވްރެޖްކޮށް ދުވާލަކު 5،000 އާއި 7،000 އާ ދެމެދުގެ ފިޔަވަޅު އަޅަ އެވެ. ނަމަވެސް ހެލިފެލިވެ އުޅުން މަދު މީހުން އަޅަނީ 1،000 ފިޔަވަޅާއި 3،000 ފިޔަވަޅާ ދެމެދުގެ އަދަދެކެވެ. މި ދިރާސަ ބުނާ ގޮތުން ބަރުދަން ލުއިކުރުމަށް ހަމައެކަނި ވަކި ވަރަކަށް ފިޔަވަޅު އަޅައިގެނެއް ނުފުދެ އެވެ. ކެއުން ވެސް ކޮންޓްރޯލްކުރަން ޖެހެ އެވެ.
ދިހަ ހާހަށް ވުރެ ގިނަ ފިޔަވަޅު ކޮންމެ ދުވަހަކު އަޅައިގެން ބަރުދަން ލުއި ނުވިޔަސް އެމީހާގެ ފިޒިކަލް އެކްޓިވިޓީ އިތުރުވުމުގެ ސަބަބުން އޭނާގެ ސިއްހަތަށް އޭގެ ރަނގަޅު ފައިދާ ލިބޭކަމަށް ވެސް މި ސްޓަޑީގައި ބަޔާންކޮށްފައި ވެއެވެ.
ފިޔަވަޅު ގުނައިގެން ކޮންމެ ދުވަހަކުވެސް ވަކި ވަރެއް ހަމަ ކުރުމުގެ ވާހަކައަކީ މީހާ ހެލިފެލިވެ އުޅޭ ވަގުތު ގިނަ ކުރުމަށް ހިތްވަރު ދިނުމަށް ދައްކަ ވާހަކަ އެއް ކަމަށް ގަބޫލު ކުރެވެ އެވެ. ބަރުދަން ލުއި ނުވިޔަސް ގިނައިން ހިނގި ވަރަކަށް އެމީހާގެ ސިއްހަތަށް އޭގެ ރަނގަޅު އަސަރުކުރާނެ ކަމަށް މިފަހަރުގެ ދިރާސާކުރި ސައިންސްވެރިން އެއްބަސްވެ އެވެ.