ލައިފްސްޓައިލް

އިނގިލިން ކަށި ގޮއްވީމަ ވާގޮތް އެނގޭތަ؟

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބައެއް ފަހަރު ހިފިފައި ހުންނަ އާދަތަކުގެ ސަބަބުން ނޭނގި ނަމަވެސް އެކަންކަން ކުރެވޭ ގޮތް ވެއެވެ. އެ ގޮތަށް ކަންތައް ކުރުމުން ފަހުން ލިބިދާނެ ސިއްހީ ގެއްލުމަކާ މެދު ވެސް ވިސްނައެއް ނުލެވެ އެވެ. ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލް ހެއްބަލްގެ ކޮންސަލްޓަންޓް އޮތޮޕީޑިކްސް ޑރ. ރަވީޗަންދުރަ ކެލްކަރް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ކަށިގޮއްވުމަކީ ބައެއް މީހުންނަށް ވަރަށް ފަރިތަ ވެފައި ހުންނަ އާދައެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 54 ޕަސެންޓް މީހުން އިނގިލިން ކަށި ގޮއްވަ އެވެ. އަދި މާ ގިނައިން އެކަން ކުރެވެން ފެށުމުން އެއީ އާދައަކަށް ވެއެވެ. އަދި ނުވިސްނާ ހުރެގެން ވެސް އެކަން ކުރެވެ އެވެ.

ޑރ. ރަވީޗަންދުރަ ވިދާޅުވީ މިގޮތަށް ކަށިގޮއްވަން ފަރިތަ ވާ ސަބަބުތަކުގެ ތެރޭގައި ކަށި ގޮއްވީމަ އެކިޔާ އަޑަކީ ބައެއް މީހުން ހިތްހަމަޖެހޭ އަޑަކަށް ވުން ހިމެނެ އެވެ. އަދި ކަށި ގޮއްވާލެވުނީމަ ކުރެވޭ އިހްސާސެއްގެ ސަބަބުން ވެސް ބައެއް މީހުން އެކަން ކުރެ އެވެ.

އަނެއް ބަޔަކު ކަށިގޮއްވަނީ އެކަން ކުރީމަ އިނގިލީގެ ބަދަތަކުގެ ދޭތެރޭގައި އިތުރު ޖާގަ ހެދި ޓެންޝަން ކުޑަވެ ހުޅުތަކުގެ މަސައްކަތް ހަލުވި ވާނެކަމަށް ދެކޭތީ އެވެ. ނަމަވެސް މިކަން މިގޮތަށް ވާނެ ކަމުގެ ހެއްކެއް ޑޮކްޓަރީ ގޮތުން ނެތް ކަމަށް ޑރ. ރަވީޗަންދުރަ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ބައެއް މީހުން ސްޓްރެސްވެ ހިތް ނުތަނަވަސްވާ ކަހަލަކަމެއް ދިމާވީމަ ވެސް އިނގިލިން ކަށި ގޮއްވަ އެވެ. އިނގިލިތައް ވަކި ގޮތަށް އޮއްބީމަ ކަށި ގޮވާ އަޑު ކިޔަނީ ކީއްވެ ހެއްޔެވެ؟ އަދި އެ އަޑަކީ ކިހިނެއް ނިކުންނަ އަޑެއް ހެއްޔެވެ؟

ޑޮކްޓަރު ވިދާޅުވީ އިނގިލިން އެ އަޑު ކިޔާ ވަކި ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް އެކަން ދިމާވަނީ ހުޅުތަކުގައި ހުންނަ ފްލުއިޑްގައި ނައިޓްރޮޖަން ބަބްލްސް އުފެދޭތީ ނުވަތަ ފަޅައިގެން ދާތީ ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަނީ އެ އަޑު އަންނަނީ ހުޅުގެ ވަށައިގެންވާ ލިގަމެންޓްސް ހަރަކާތްކުރާ ގޮތަކުން ކަމަށެވެ. ޓެންޑަންސް ނުވަތަ މަސްލްސް ހުޅުމައްޗަށް އަރާއިރު ކިޔާ އަޑެއް ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

މިކަމުގެ ލިބޭ ގެއްލުމާ ބެހޭ ގޮތުން ޑރ. ރަވީޗަންދުރަ ވިދާޅުވެފައިވަނީ ކަށި ގޮއްވުމުން މާ ބޮޑު ގެއްލުމެއް ލިބޭ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކަށިގޮއްވާއިރު ތަދުވާނަމަ އަދި ކަށި ގޮއްވުމުން ދުޅަވެ ނުވަތަ ހުޅުގެ ޝޭޕަށް ބަދަލު އަންނަ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ފަދަ ކަމަކަށް ވެދާނެ ކަމަށާއި އާތުރައިޓިސް ފަދަ މައްސަލައެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.

އަދި ވަރަށް މަދު ހާލަތެއްގައި ކަށި ގޮއްވަނިކޮށް އިނގިލި ހުޅުން ނެއްޓުމާއި ހުޅުގެ ވަށައިގެންވާ ލިގަމެންޓްސް އަށް ގެއްލުން ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރެއްވާފަ އެވެ. ކަށި ގޮއްވުމުން އެއްވެސް ތަދެއް ނުވަތަ ދުޅަވުން ފަދަ ކަމެއް ދިމާނުވާނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އެފަދަ ކަމެއް ހުރިނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.

އާއްމުގޮތެއްގައި ކަށި ގޮއްވައިގެން ހުޅަށް ގެއްލުންވެ އާތުރައިޓިސްގެ މައްސަލަތައް ދިމާނުވާ ކަމަށާއި ނަމަވެސް އުމުރުން ދުވަސްވެފައި ތިބޭ މީހުންގެ ކަށިތައް ހުންނާނީ ބަލިކަށި ވެފައިކަމަށް ވާތީ އެމީހުން ކަށީ ގޮއްވާނަމަ ވަރަށް ފަސޭހައިން ހުޅުތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާއްމު ތަނެއްގައި ހުރެގެން ކަށި ގޮއްވުމަކީ ބައެއް މީހުންގެ ބޮލަށް ތުރާވާ އަދި އަދި ހިތްހަމަނުޖެހޭ ކަމަކަށް ވެދާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހާސްވެ ކަންބޮޑުވާ ކަންތައް މެދުވެރިވީމަ ކަށި ގޮއްވަން އާދަވެފައި ތިބޭ މީހުން ސްޓްރެސް ބޯލް އެއް ފަދަ އެއްޗެއް އަތުޖެހޭ ފަށުގައި ގެންގުޅުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އޭރުން ބޯޅަ ފިއްތައިގެން ކަށި ނުގޮއްވާ ފަރުޖެއްސޭނެ ކަމަށާއި މާ ބޮޑަށް މި އާދަ ހިފިފައި ތިބޭ މީހުން ރަބަރު ބޭންޑެއް އަތުކުރީގައި އަޅައިގެން އުޅުން ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ކަށިގޮއްވާ ހިތްވާ ކޮންމެ ފަހަރަކު ރަބަރު ބޭންޑު ދަމާލާފައި ދޫކޮށްލުމުން އެ ވާ ތަދަކާއެކު ކަށި ގޮއްވާ ހިތް ކެނޑޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.