ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކްރޫޒްލައިނާ މަނާ ކުރުމުން 12،000 ކެންސަލޭޝަން

Feb 27, 2020
4

ކޮވިޑް 19، އިގެ ބިރަށް ކްރޫޒްލައިނާތައް ރާއްޖެ އައުން ހުއްޓުވުމާ ގުޅިގެން، 12،000 އެހާ ޓޫރިސްޓުން މަދު ވެގެން ދާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން އަންދާޒާ ކޮށްފި އެވެ.

ސަރުކާރުން ވަނީ ކޮވިޑް 19 ދުނިޔޭގެ ބައެއް ގައުމު ތަކަށް ފެތުރެމުންދާތީ، ރާއްޖެއަށް ކްރޫޒްލައިނާތައް ދަތުރު ކުރުން ވަނީ ވަގުތީ ގޮތުން ދިވެހި ސަރުކާރުން މަނާ ކޮށްފަ އެވެ. މިފަހަރު ދަތުރުތައް މަނާ ކުރީ ކްރޫޒްލައިނާގެ މައި ސީޒަނާ ދިމާވެފައި ވަނިކޮށެވެ. އެހެން ގިނަ އަދަދެއްގެ ޓޫރިސްޓުން މަދުވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެ އަށް ހައި ޕްރޮފައިލް މީހުންނާއި ސެލެބްރިޓީން ގެންނަ ޖަމިއްޔާއެއް ކަމަށްވާ މާޔާ އިން ބުނި ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ މި ވަގުތަށް މުހިންމު ނިންމުމެކެވެ. ނަމަވެސް އެ ނިންމުމުގެ ސަބަބުން އޭޕްރީލާ ހަމައަށް އަންނަން އޮތް ފަސް ކްރޫޒްލައިނާއެއް މިހާރު ކެންސަލް ވެފައި ވެއެވެ. އެއާއެކު ގާތްގަނޑަކަށް 12،000 ޓޫރިސްޓުން މަދު ވެގެން ދާނެ ކަމަށް އެ ޖަމިއްޔާ އިން ލަފާ ކޮށްފައި ވެއެވެ.

"ފުރަތަމަ ކަމަކީ ރައްކާތެރިކަން. އެގޮތުން ބަލާއިރު ސަރުކާރުން ނިންމެވީ ރަނގަޅު ނިންމުމެއް،" މާޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖެ އައި ދިނުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކެއް ރާއްޖެއިން ވަނީ އަޅާފަ އެވެ. އެގޮތުން ޗައިނާ އަށް ރާއްޖެ އިން ކުރާ ޑައިރެކްޓް ފްލައިޓްތައް ކެންސަލްކޮށް، އެ ރޯގާ އުޅޭ އެއް ވެސް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ ހުއްޓާލާފަ އެވެ. މީގެ އިތުރުން އިރާނުން ނުވަތަ އީރާންގެ މަގުން ރާއްޖެ މީހުން އައުން މަނާކޮށް، ސައުތު ކޮރެއާގެ ދެ ސިޓީ އަކުން ވެސް މީހުން އައުން ވަނީ ހުއްޓާލާފަ އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ މި ބަލީގައި މިހާތަނަށް 81,283 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. މީގެ ތެރެއިން 2،770 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ރޯގާ 46 ގައުމަކުން ވަނީ ފެތުރިފަ އެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ކޮވިޑް 19 ގެ ސަބަބުން މިހާތަނަށް 13،000 ބުކިން ވަނީ ކެންސަލްވެފަ އެވެ. އެ އަދަދު އާންމު ކުރީ މިމަހު ކުރީ ކޮޅުގަ އެވެ. އޭގެ ފަހުން ކެންސަލޭޝަންގެ އަޕްޑޭޓެއް އައިސްފައެއް ނުވެ އެވެ.

އަދި ރާއްޖޭގައި ކޮވިޑް 19 ނޫޅޭތީ ބުކިން ތަކެއް އިތުރުވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މި ބަލީގެ ސަބަބުން ޓޫރިޒަމަށް ލިބޭ ސީދާ ގެއްލުމެއް ސަރުކާރުން އަދި ނުބުމެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ކެންސަލް ވަމުންދާ ބެޑް ނައިޓްސް ތަކަށް ބަލާއިރު 500 މިލިއަން ޑޮލަރު ވަރުގެ ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ.