ލައިފްސްޓައިލް

ހަ އަހަރުގެ ކުއްޖަކު ހައްޔަރުކުރި މައްސަލަ ބޮޑުވެއްޖެ

ސްކޫލުގައި ބަސް ނާހާ އުޅެގެން ހަ އަހަރުގެ ކުއްޖަކު ހައްޔަރު ކުރާ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވަމުން އެބަދެ އެވެ. މި ވީޑިއޯއިން ފެންނަނީ އެ ކުއްޖާ ވަރަށް ބާރަށް ރޮމުން އޭނަ ހައްޔަރު ނުކުރުމަށް ޕޮލިސް އޮފިސަރަށް އާދޭސްކުރާ މަންޒަރެވެ. އަދި ދެ ވަނަ ފުރުސަތެއް ދިނުމަށް ވެސް އެ ކުއްޖާ ވަރަށް އާދޭސް ކުރެ އެވެ.

"އަހަންނަށް އެހީވޭ. އަހަރެން ބޭނުމެއް ނޫން ޕޮލިސް ކާރުގައި ދާކަށް،" ކުއްޖާ ރޮމުން ރޮމުން ކިޔަމުން ދިޔަ އެވެ.

މި ކުއްޖާ ހައްޔަރު ކޮށްފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ އޯލަންޑޯގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ކުއްޖާގެ ކުށަކީ ސްކޫލުގެ ސްޓާފުންތަކެއްގެ ގައިގައި ޖަހާ ކޮއްޕާ ހެދުމެވެ.

މި ކުއްޖާގެ އާއިލާގެ ލޯޔަރަށް މި ފުޓޭޖް ލިބިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ވީޑިއޯ ލިބުމުން އެ އާއްމުންނަށް ދައްކަން އާއިލާއިން ބޭނުން ވެގެން ސޯޝަލް މީޑިއާގައި ޝެއާ ކުރީ އެވެ.

ގްރޭޑް 1 ގައި ކިޔަވާ މި ކުއްޖާ ހައްޔަރުކުރީ ބަސްނާހާ ހަޑިކޮށް އުޅެގެނެވެ. މި ކުއްޖާ ބިޑި އަޅުވައިގެން ޕޮލިސް ކާރުގެ ފަހަތު ސީޓަށް ލައިގެން ގެންގޮސް ފިންގަޕްރިންޓް ނަގާ މަގް ޝޮޓް ވެސް ނެގި އެވެ.

މި ވީޑިއޯ ރެކޯޑް ކޮށްފައިވަނީ އޯލަންޑޯ ސްކޫލްގެ ސެކިއުރިޓީ އޮފިސަރު ޑެނިސް ޓާނާގެ ބޮޑީކެމް އިންނެވެ. މި ކުއްޖާ ހައްޔަރުކުރީ ޓާނާ އެވެ. ސްކޫލުން ބުނީ ކުއްޖާ ހައްޔަރުކުރީ ކްލާސްތެރޭގައި ބަސްނާހާ އުޅޭތީ ކަމަށެވެ.

މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ވަރަށް ނުރުހުން ފާޅުކޮށްފައި ވެއެވެ. އަނެއް ބަޔަކު ބުނަނީ މިއީ ކަޅު ނަސްލުގެ ކުދިންނަށް އެމެރިކާގައި އުޅެންޖެހޭ ހާލުކަމަށެވެ.

ވީޑީއޯއަށް ކޮމެންޓްކުރި އެހެން މީހަކު ބުނީ މި ކުއްޖާގެ މުޅި އުމުރަށް ވެސް މި ކަން ހަނދާން ނުނެތޭނެ ކަމަށާއި މި ކުއްޖާ ހައްޔަރުކުރި މީހާއަށް އެ ކުރެވުނީ ކިހާ ގޯސް ކަމެއްކަން ވިސްނޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"މި ހާދިސާއިން އަރައިގަންނަން ކުއްޖާއަށް ވަރަށް އުނދަގޫވާނެ. ގާނޫނުތައް ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް މި ކުއްޖާއަށް ދުވަހަކުވެސް އިތުބާރު ނުކުރެވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކޮމެންޓްކުރި އިތުރު މީހަކު ބުނެފައި ވެއެވެ.

އޯލެންޑޯ ފުލުހުން ފަހުން ވަނީ މި ކުއްޖާ ހައްޔަރުކުރި އޮފިސަރު މަގާމުން ވަކިކޮށްފަ އެވެ. އޮފިޝަލުން ބުނެފައިވަނީ އެމީހާ ފުލުހުންގެ ޕޮލިސީ އާ ޚިލާފުވެފައިވާ ކަމަށާއި ކުޑަ ކުއްޖާ ހައްޔަރުކޮށްފައިވަނީ ސުޕަވައިޒަރުގެ ހުއްދަ ހޯދުމަކާ ނުލާ ކަމަށެވެ.