އަންހެނުންނަށް ބޭނުންވާ ސެނިޓަރީ ޕްރޮޑަކްޓްސް މުޅިން ހިލޭ ދޭން ސްކޮޓްލެންޑްގެ ޕާލަމެންޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ހުއްދަ ދީފަ އެވެ. ހުރިހާ އަންހެނުންނަށް މީގެ ހުރިހާ ބާވަތެއް ހިލޭ ލިބޭ ގޮތަށް ހަދާ މިއީ ދުނިޔޭގެ ފުރަތަމަ ގައުމެވެ.
އާ ގާނޫނުގެ ދަށުން ސެނިޓަރީ ޕެޑްސް އާއި ޓެމްޕޮންސް ފަދަ ތަކެތި އާންމު ތަންތަނުގެ ތެރޭގައި ހިމެނޭ ކޮމިއުނިޓީ ސެންޓަރާއި ޔޫތު ކްލަބް، ފާމަސީ ފަދަ ތަންތަނުން ހިލޭ ލިބެން ހުންނާނެ އެވެ. މި ކަމަށް އެ ގައުމުގެ ސަރުކާރުން އަހަރަކު 31.2 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ޕީރިއަޑްވުމުން ބޭނުންކުރާ ސާމާނުގެ ގޮތުގައި ހިމެނޭ މި ތަކެތި ހިލޭ ދޭން ސްކޮޓްލެންޑްގެ ޕާލަމެންޓުން ފާސްކޮށްފައި ވަނީ 112 ވޯޓުންނެވެ. ނުފެންނަ ކަމަށް އެކަކުވެސް ވޯޓެއް ނުދެ އެވެ.
މި ބިލް މިހާރު އޮތީ ދެ ވަނަ ސްޓޭޖަށް ފޮނުވާފަ އެވެ. ސްކޮޓްލެންޑްގެ ޕާލަމެންޓް މެންބަރުން ބޭނުން އިސްލާހުތަކެއް މި ބިލަށް ގެނެވޭނީ މި މަރުހަލާގަ އެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަމުން ބިލް ހުށަހެޅުއްވި މޮނިކާ ލެނޮން ވިދާޅުވީ މިއީ ތާރީޚީ ބިލެއް ކަމަށާއި ދެ ޖިންސުގެ ހަމަހަމަ ކަމަށް ސްކޮޓްލެންޑުން ދޭ ސަމާލުކަން މި ބިލުން ހާމަވާ ކަމަށެވެ.
އެހެން މެމްބަރަކު ވިދާޅުވީ އާއްމު ފާޚާނާތަކުގައި ޓޮއިލެޓް ޕޭޕަރު ހިލޭ ލިބެން ހުންނަ ގޮތަށް ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ލިބެން ނުހުންނަންވީ ސަބަބެއް ނެތް ކަމަށެވެ.
ސްކޮޓްލެންޑުން 2018 ގައި ވަނީ އެ ގައުމުގެ ސްކޫލްތަކާއި ކޮލެޖުތައް އަދި ޔުނިވަސިޓީތަކުގައި ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ލިބޭ ގޮތް ހަދައިގެން ތާރީޚުގެ ތެރެއަށް ވަދެފަ އެވެ. ތައުލީމު ދޭ މަރުކަޒުތަކުގައި ސެނިޓަރީ ޕްރޮޑަކްޓްސް ހިލޭ ލިބެން ހުންނަ ގޮތް ހެދި ފުރަތަމަ ގައުމަކީ ވެސް ސްކޮޓްލެންޑެވެ.