ލައިފްސްޓައިލް

އިމްތިހާނު ކާޑު ނުލާ ދެވުމުން އެހީތެރިވީ ފުލުހެއް!

އިމްތިހާނު ހޯލަށް ވަންނަ ބޭނުންވާ ކާޑު ހަނދާން ނެތި ގޭގައި ބާއްވާފައި ދެވިއްޖެނަމަ އެ ކުއްޖަކު ވާނެ ދެރަ ހީކޮށްލާށެވެ. އަދި އިންޑިޔާ ކަހަލަ ބިން ބޮޑު ގައުމެއްގައި ގިނަ ކުދިން ވަރަށް ދުރުން އިމްތިހާނު ހޯލަށް ދާއިރު ކާޑު ބަލާ ދާން ޖެހިއްޖެ ނަމަ އަލުން އެކަމަށ ްދާނެ ވަގުތު ވެސް ވަރަށް ނުލިބޭނެ އެވެ. އިމްތިހާނު ހޯލުގައި ތިބޭ އިންވިޖިލޭޓަރުން ކުދިން ހޯލަށް ވައްދާނީ ކާޑު ބަލާފަ އެވެ. ކާޑު ނެތި ވަންނަން ހުއްދައެއް ނުދޭނެ އެވެ.

އިންޑިއާގެ ވެސްޓް ބެންގާލްގެ ސްކޫލެއްގެ ދަރިވަރަކަށް ދާދިފަހުން މިފަދަ މައްސަލައެއް ދިމާވި އެވެ. ކުއްޖާގެ ނަސީބު ރަނގަޅުކަމުން އެ ދުވަހު އިމްތިހާނު ހޯލު ކައިރީގައި ވަރަށް ރަނގަޅު ފުލުހަކު ހުރުމުން އޭނާ ވަނީ ވަގުތުން ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިންޑިއާގެ ނޫހެއްގައިވާ މި ޚަބަރުގައިވާ ގޮތުން ގްރޭޑް 10 ގައި ކިޔަވައި އިމްތިހާނު ހަދަން ދިޔަ މި ކުއްޖާއަށް ހަނދާން ނެތި ގޭގައި އިމްތިހާނު ހޯލަށް ވަންނައިރު ކޮންމެހެން އޮންނަން ޖެހޭ ކާޑު ބާއްވާފައި ހިސާބުގެ އިމްތިހާނަށް އާދެވުމުން ހަދާނެ ގޮތް ހުސްވި އެވެ.

ކުއްޖާ އިމްތިހާނު ހެދި ސެންޓަރުގެ ބޭރުގައި އެ ވަގުތު ޑިއުޓީއަށް ހުރީ ސާޖަން ޗޭތަންޔާ މަލިކް އެވެ. މި ކުއްޖާ ސާޖަންޓް ކައިރިޔަށް ގޮސް އޭނާއަށް ވަރަށް ދެރަވެފައި އޭނާގެ މައްސަލަ ކިޔައިދިނެވެ. ކުއްޖާގެ ގެ ހުރީ އިމްތިހާނު ހަދާ ސެންޓަރާ ފަސް ވަރަކަށް ކިލޯ މީޓަރު ދުރުގައި ކަމުން ސާޖަންޓް ވަގުތުން ކުއްޖާގެ މަންމައަށް ގުޅައިގެން އެ ގެޔަށް ގޮސް ކުއްޖާގެ ކާޑު ގެނެސް ހަވާލު ކޮށްދިނެވެ.

ފުލުސް މީހާ ރަނގަޅުކަމުންގޮސް ވަރަށް އަސަރުކޮށްފައި ހުރި ކުއްޖާ ބުނި ގޮތުގައި ސާޖަންޓުގެ ހެޔޮކަން އޭނާ މުޅި އުމުރަށް ވެސް ހަނދާން ކުރާނެ ކަމަށެވެ. އޭނާއަށް އިމްތިހާނު ދެވޭގޮތްވީ އެ މީހާގެ ރަނގަޅުކަމުން ކަމަށް އެ ކުއްޖާ ބުންޏެވެ.