ރިޕޯޓް

ރިވިއު ކުރުމުގެ ބަހުސަށް ނިމުމެއް ބޭނުން!

ގާނޫނީ ވަކީލަކު ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް، އޭނާގެ ނުކުތާއެއް ވަރުގަދަ ކުރައްވަން ފާހަގަ ކުރެއްވިއެވެ. އެއާއެކު މައްސަލަ ބައްލަވަން އިންނެވި ފަނޑިޔާރު އެ ވަކީލާ، އެއްސެވީ ސުވާލެކެވެ. "ތީ ފަހުން ބަދަލު ގެނެސްފައިވާ ނިންމުމެއް ނޫންތޯއޭ"އެވެ. މި ސުވާލު އުފެދެނީ އެންމެ މަތީ ކޯޓުގެ ފަހުގެ ނިންމުން އެއީ ނިހާއީ ނިންމުމެއްގެ ގޮތުގައި އޮތުމުގެ ޔަގީންކަން ނެތީމައެވެ. މިއީ މައްސަލައެކެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމްތައް އެ ކޯޓުން ރިވިއު ކުރުމާ ގުޅޭ ބަހުސް ފެށިގެން ދިޔައީ އެކެއް ފެބުރުއަރީގެ މަޝްހޫރު ބޮޑު އަމުރު ރިވިއު ކުރަން އެ ކޯޓަށް ބައިބަޔަށް ހުށަހެޅިގެން ދިޔަ މައްސަލާގައެވެ. އޭރު ފަސް ފަނޑިޔާރުން ނެރުއްވި އެ އަމުރު ބޮޑު ބައެއް ތިން ފަނޑިޔާރުން ރިވިއުކޮށް ބާތިލް ކުރެއްވިއެވެ.

އެކަމާ ބަހުސް ބޮޑުވެފައިވަނިކޮށް ސުޕްރީމް ކޯޓުގެ އިތުރު ބޮޑެތި ނިންމުންތަކެއް ބަދަލު ގެނައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައި އޮތް ބޮޑު ޖަލު ހުކުމަކީ ރަނގަޅު ޖަލު ހުކުމެއް ކަމަށް އެ ކޯޓުން ނިންމާފައިވާ ނިންމުން މުޅިން އަނެއް ފުށަށް ޖެހިއެވެ. އެ ތިން މައްސަލާގެ އިތުރުން ވެސް އެންމެ ފާހަގަވި މައްސަލައަކީ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ސުޕްރީމް ކޯޓުން އިއްވާފައިވާ އެއީ ނިހާއީ ހުކުމެކެވެ. ނަމަވެސް އެ ހުކުމް ނިހާއީ ނުވީ، އެ ޖަލު ހުކުމް ބާތިލް ކުރުމާ ހަމައިންނެވެ. ގާނޫނުގައި އަސާސާގައި ބުނާ ހަމައެއް ހަމަޔަކަށް ނުވީއެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި އޮތީ މިހެނެވެ؛ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

ސިޔާސީ ގޮތުން އަންނަ ބަދަލާއެކު ސުޕްރީމް ކޯޓުން އިއްވާފައިވާ ނިހާއީ ހުކުމްތަކަށް ބަދަލު އަންނަނަމަ، އެއީ ޝަރުއީ ނިޒާމްގެ ތެރޭގައި އޮތް ބޮޑު މައްސަލައަކަށްވާނެ އެވެ. މިވަނީ ވެފައެވެ. އޭރު އެ ކަންބޮޑުވުމަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ބޭފުޅުން މާބޮޑު ސަމާލު ކަމެއް ނުދެއްވިއެވެ. އެ ބަހުސް ހުޅުވާލައްވަން ބޭނުންފުޅެއް ނުވިއެވެ. އެ ބަހުސްގައި އަތް އަޅުއްވައިގެން އެ ބޭފުޅުން ތިއްބަވަނިކޮށް ޖެހިވަޑައިގެންނެވީ ސުޕްރީމް ކޯޓުން ދޫކުރައްވައި ނުކުމެވަޑައިގަންނަވާށެވެ. ހުކުމްތައް ރިވިއު ކުރެއްވި ހުރިހާ ބޭފުޅުން އެވަނީ ބެންޗުން ވަކިވެފައެވެ.

ބެންޗުން މުޅިން އާވެއްޖެއެވެ. މުޅިން އާ، ގާބިލް ބޭފުޅުންތަކެއް ބެންޗަށް އަރާވަޑައިގެންނެވީއެވެ. އެކަމަކު އަނެއްކާވެސް ސުޕްރީމް ކޯޓުން ހުކުމްތައް ރިވިއު ކުރުމުގެ ބަހުސް މިއޮތީ ބޮޑުވެފައެވެ. ބޮޑު ހުކުމެއް ރިވިއު ކުރުމުގެ މަރުހަލާ އަނެއްކާވެސް އޮތީ ފެށިފައެވެ. މި ސަރުކާރާއެކު އައި ބަދަލު ދިނުމުގެ ރޯޅީގެ ތެރެއިން ދީބާޖާ ކުންފުންޏަށް ބޮޑު ބަދަލެއް ނަގައިދޭން ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމެވެ.

ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރެއްވީ ވަކިވެގެން ވަޑައިގެންފައިވާ ސުޕްރީމް ކޯޓުގެ ބެންޗުންނެވެ. އެ ފަނޑިޔާރުންނާމެދު ރައްޔިތުންގެ މަޖިލީހުން ނުރުހުނު ގޮތަށް ދީބާޖާ ހުކުމާމެދު ވެސް މަޖިލިސް ރުޅިއައެވެ. މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ބަހުސްކޮށް، ނިންމީ ހުކުމް ރިވިއު ކުރަން އެދެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ދަންނަވާށެވެ. އެ ދެންނެވުން ދަންނަވަން ތަޅުމުން ވެސް ފާސްކުރިއެވެ. މި މަރުހަލާ ކުރިއަށްދިޔައިރު ބަންޑާރަ ނައިބު ވަނީ އެ ހުކުމް ރިވިއުއަށް ހުށަހަޅައިގެން ވެސް ކޯޓުގައި ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ މެދުމިނުމުގެ ހައްލެއް ހޯދުމަށް ކުންފުންޏާއެކު ބަންޑާރަ ނައިބު ގެންދެވީ މަޝްވަރާ ވެސް ކުރައްވަމުންނެވެ.

މަޖިލީހުން ދެންނެވި ދެންނެވުމަށް ބެއްލެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދީބާޖާ ހުކުމް ރިވިއު ކުރަން ބަންޑާރަ ނައިބަށް އަންގަވާފައެވެ. އެހެންވެ ނާކާމިޔާބުވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބަށް އޮތްއިރު ވެސް އެ ކޯޓަށް މައްސަލަ ހިއްޕަވައިގެން ވަޑައިގެންނެވީއެވެ. ރިވިއު ކުރަން ހުށަހެޅި މި މައްސަލާގައި އަދި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައެވެ.

މިހާ ހިސާބަށް ދިޔައިރު މިކަމުގައި ގާނޫނީ ބޭފުޅުން ވިދާޅުވާ އެއްޗެއް މުހިންމުވެއެވެ. ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކަށް އަލުން ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދީފައެއް ނެތެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލު ކުރެވޭނެ އެއްވެސް ގާނޫނީ ފުރުސަތެއް ނެތެވެ. އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ވެސް ނެތެވެ.

"ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެ ފުރުސަތުތައް އޮންނަ ގާނޫނީ އޮނިގަނޑުތައް ހުރޭ، ނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެއް، ސުޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމެއް، އެހެންވީމަ ފަހުން ކުރާ އަމުރަކުން އެ ބަދަލެއް ނުކުރެވޭނެ، އެއަށް ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށް ވެސް ނުލިބޭ،" އާޒިމާ ވިދާޅުވިއެވެ. -- އަވަށްޓެރި އިންޑިއާގެ ސުޕްރީމް ކޯޓަށް ރިވިއު ޕެޓިޝަން ހުށަހެޅޭނެ ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ލިޔެފައި އޮވެއެވެ.

އާޒިމާއާ ހިލާފަށް މިހާރުގެ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުގެ ހިޔާލު މިކަމުގައި ތަފާތެވެ. މައުމޫން ހަމީދު ފާހަގަ ކުރައްވާފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް ރިވިއު ކުރެވޭނެއެވެ. ދެއްކެވި ގާނޫނީ މާއްދާއަކީ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ)އެވެ. އެ މާއްދާގައި ވަނީ މިހެނެވެ؛ ގާނޫނީ އުސޫލަކާ ބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް، ނުވަތަ ބާތިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއް ނެތޭއެވެ.

ގާނޫނުގެ މި މާއްދާ އެހެން ވަކީލަކު މާނަ ކުރައްވަނީ ތަފާތު ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާއްދާގައި ބުނަނީ ހަމައެކަނި ގާނޫނީ އުސޫލަކާ ބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުތަކަށް ބަދަލު ގެނެވިދާނެއޭއެވެ. ނިހާއީ ހުކުމެއްގެ ވާހަކައެއް ނެތެވެ. އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ގާނޫނީ އުސޫލެއް ރިވިއު ކުރުމަކީ ކުރިން ނިންމާފައިވާ އުސޫލެއް ބާތިލް ކުރުމެއް ނޫނެވެ. ނަމަވެސް އެފަދަ އެހެން މައްސަލައެއް ފެންމަތިވާ ހާލު، ކުރީގެ އުސޫލަށް ބަދަލު ގެންނަން ފެންނަނަމަ، އާ އުސޫލެއް އާ މައްސަލާގައި ކަނޑައެޅުމެވެ. ކުރީގެ އޮތް އުސޫލު އެ އޮތް ގޮތަށް އޮންނާނެއެވެ. ނަމަވެސް އަބަދުވެސް އަމަލު ކުރަމުންދާނީ ކަމެއްގައި ކަނޑައަޅާ އާ އުސޫލަށެވެ.

މިފަހުން އެފަދަ މައްސަލަ ނިންމުމެއް ސުޕްރީމް ކޯޓުން އައެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރީގައި އެ ކޯޓުން ކަނޑައަޅާފައި އޮތް ގާނޫނީ މަނާ ކުރުން އެހެން ގޮތަކަށް ބަދަލު ކުރުމެވެ. މީގެ ސަބަބުން ކުރިން ނިންމާފައިވާ އެއްވެސް ނިންމުމަކަށް އަސަރެއް ނުކުރެއެވެ. އެ ނިންމުންތައް އެގޮތުގައި ހުރީއެވެ. އެއިން އެއްވެސް ހުކުމެއް ބާތިލެއް ވެސް ނުވާނެއެވެ.

"ގާނޫނީ މަނާ ކުރުމެއް ނޫނީ ޝަރުއީ އުސޫލެއް ކުރިން ކަނޑައަޅާފައި އޮތީ ގޯސް ކަމަށް ދެކޭނަމަ އެ ކަމެއް އާ އުސޫލަކުން ބަދަލު ކުރެވިދާނެ، އެއީ އޮތް ބާރެއް، އެކަމަކު، މައުޟޫއީ ގޮތުން ބަލައި ނިހާއީ ހުކުމެއް ނެރެފައި އޮތް މައްސަލައެއްގެ ހުކުމް އެކޮޅުކޮޅުން ނުޖެހޭނެ، އެއީ ސުޕްރީމް ކޯޓަށް ލިބޭ ބާރެއް ނޫން،" ވަކީލަކު ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ހިޔާލު ވެސް ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއު ކުރުމުގެ ބާރު އެ ކޯޓަށް ނުލިބޭ ނަމަ އައިސީސީޕީއާރު މުއާހަދާގެ 14 ވަނަ މާއްދަގެ ހަވަނަ ނަންބަރުގެ ބޭނުމެއް ނެތެވެ. އެ މާއްދާގައި ބުނާ ގޮތުން "މިސްކަރޭޖް އޮފް ޖަސްޓިސް" ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުން ކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމް ކުރެއެވެ.

އެކަަމަކު، މި ދޮރު އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތަށް ހުޅުވެފައި އޮންނަން ވެއްޖެނަމަ، އެއްވެސް ދެބަސްވުމަކަށް ދާއިމީ ނިމުމެއް ނާންނާނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކަވަޑައިގަންނަވައެވެ. އެ ފަހަރު ބަދަލުދޭން ނިންމައި އަނެއް ފަހަރު ނުދޭން ނިންމައި، އެއް ފަހަރު ޖަލަށްލާ އަނެއް ފަހަރު ޖަލަށް ނުލާން އެއް މައްސަލައެއްގައި ނިންމާނަމަ، އިންސާފު ހޯދަން ކޯޓަށް ދަނީ ކީއްކުރަން ހެއްޔެވެ؟ ރިވިއު އުސޫލަކީ ރާއްޖޭގައި އަމަލު ކުރާނެ އުސޫލަކަށް ހަދާ ކަމުގައި ވިޔަސް އެކަން ކުރެވޭނެ ވަކި މުއްދަތަކާއި ކިހާ ފަހަރަކުތޯ ސާފުވެގެން ދިޔުން ވެސް ނުހަނު މުހިންމެވެ.

އެހެންވެ، ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗުން ނިންމާ ނިންމުން ވެގެންދާނީ ވަރަށް މުހިންމު، ބޮޑު ނިންމުމަކަށެވެ. ކުރީގެ ފަނޑިޔާރުން އަތްއަޅުއްވައިގެން ތިއްބެވި ބަހުސް، އާ ފަނޑިޔާރުން ހުޅުވާލައްވައި އެކަމުގައި ޝަރުއީ އުސޫލެއް ކަނޑައަޅުއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިހާރު ގާނޫނީ ނިޒާމްގެ ތެރޭގައި އެންމެ ބޮޑު ސުވާލަށް ޖަވާބެއް ހޯދުމަށް މި ނިންމުން ވަރަށް ބޭނުންވެއެވެ.