"ގާނޫނު އަސާސީ އިސްލާހު ކޮށްފިނަމަ، އެއީ ދުސްތޫރީ ހަޔާތަށް ލޮޅުމެކެވެ." ޔަގީނުން ވެސް ރާއްޖޭގެ މިސްރާބު ހުރީ ދުސްތޫރީ ގޮތުން ލޮޅުމަކާ ދިމާއަށެވެ. އެއީ ރަނގަޅު ލޮޅުމެއްތޯ ނުވަތަ ނުބައި ލޮޅުމެއްތޯ ބަހުސްކުރަމާ ހިނގާށެވެ!
ގާނޫނު އަސާސީއަކީ ކޮންމެ ގައުމެއްގައި ވެސް އެމައްޗަށް ހުރިހާ ކަމެއް ތަރުތީބުވާ ގާނޫނީ ބިންގަލެވެ. ގާނޫނު އަސާސީ އާ ހިލާފަށް، ގާނޫނު ހަދާ މަޖިލިސް އިން ނުވަތަ ކޯޓަކުން އަދި ކިއެއްތަ ސަރުކާރުން ކުރުމުގެ ޖާގައެއްވެސް ނޯވެއެވެ. އެއަށް މިޔަނީ ކޮންސްޓިއުނަލް ސްޕްރަމަސީއެވެ.
ރާއްޖެއަށް 1932 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ހަތް ގާނޫނު އަސާސީއެއް އުފަންވެ އެ ގާނޫނު އަސާސީތަކަށް އެތަށް އިސްލާހެއް ގެނެސްފައެވެ. މިއިން ކޮންމެ ގާނޫނު އަސާސީގެ ފަހަތުގައި އާއި އިސްލާހެއްގައި ވަންހަނާ ވެފައިވާ އެތަށްކަމެއް ވާކަމަށް ބުނެވެ. ކޮންމެ މަގުސަދަކު މިފަދަ ބަދަލެއް އައިކަމުގައި ވިޔަސް މިއިން ކޮންމެ ފަހަރަކު ބޮޑު ދުސްތޫރީ ލޮޅުމެއް އާދެއެވެ.
އެހެނަސް، އެއަށް ވެސް ބަދަލު ގެންނަން މަޖުބޫރުވެއެވެ. ކުރިމަތިވާ ހާލަތްތަކާއި ދިމާވާ ކަންކަމާއެކު، އިސްލާހު ކުރަން ޖެހެއެވެ. އެންމެ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް އެކަން އެގޮތަށް ކުރެއެވެ. ކޮވިޑް-19އާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ރާއްޖޭގެ މިސްރާބު މިވަގުތު އޮތީ ގާނޫނީ ހުސްކަމާ ދިމާލަށެވެ. އެ ހުސްކަން އަންނަން ދެން އޮތީ ތިން ދުވަހެވެ. ފެހި ގާނޫނު އަސާސީއަށް ހަ ވަނަ އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައިމިވަނީ ގާނޫނީ ހުސްކަމަކަށް ދިޔުން ހުއްޓުވާށެވެ. އާ އިސްލާހު އަންނަން މި އުޅެނީ އެންމެ ފަހުން އައި ފަސްވަނަ އިސްލާހުގެ ހަނީމޫން ޕީރިއަޑް ވެސް ނުނިމެނީހެވެ.
ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްވެ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމައެވެ. އެ ކައުންސިލަރުންގެ ދައުރު ހަމަވެ، އިންތިހާބު ނުބޭއްވުން ރަށްރަށުގައި ކައުންސިލަރުން ނުތިބޭނެއެވެ. ހަދާނެ ގޮތެއް ނޯންނާނެއެވެ. އޭގެ ހައްލަކަށް މިހާރު މަޖިލީހަށް އަގުލަބިއްޔަތު ވެވިފައިވަނީ ގާނޫނު އަސާސީ އިސްލާހުކޮށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު، ހާއްސަ ހާލަތެއްގައި ދަންމާލާށެވެ. ނަމަވެސް މިކަމުގައި އަދިވެސް ބަހުސް އެބަ އޮތެވެ. ގާނޫނީ މި ބަހުސް އޮތީ ދުސްތޫރީ ލޮޅުމާ ދިމާއަށެވެ.
ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒާއި ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކަންބޮޑުވުމަކީ ހައްލު ހޯދުމަށް ކަމަށް ބުނެ ދުސްތޫރީ ލޮޅުމަކާ ދިމާއަށް ދިޔުމެވެ. ދުސްތޫރީ ލޮޅުމަކީ، ގާނޫނު އަސާސީއިން އެކުލެވިފައިވާ ނިޒާމަށް ގެއްލުންދެވުމެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ ފާއިޒު ވިދާޅުވި ގޮތުގައި ވަގުތީ ހައްލެއް ހޯދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު ވެސް އެ ދެވެނީ ދުސްތޫރީ ހަޔާތަށް ލޮޅުމެކެވެ. ޑރ. ދީދީ ވިދާޅުވި ގޮތުގައި މިހާރު މިއޮތީ ދުސްތޫރީ ޑިސްޕިއުޓެކެވެ. އެއަށް ބޭނުން ވަނީ ދުސްތޫރީ ހައްލެކެވެ. އެ ހައްލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ދުސްތޫރަށް ލޮޅުމެއް އެރުވުން ނޫން ކަމެވެ.
ޑރ. ދީދީ އާއި ފާއިޒު އަމިއްލައަށް އާންމު ކުރައްވާފައިވާ އެ ދެ ބޭފުޅުންގެ ރައުޔަށް ބަލާއިރު، އެ ދެ ބޭފުޅުން ވެސް ބުރަވެވަޑައިވަޑައިގަންނަވަނީ މި ހާލަތުގައި ފަރުވާ ދޭން ޖެހޭނީ ސުޕްރީމް ކޯޓުން ކަމެވެ. ފާއިޒު ވިދާޅުވާ ގޮތުގައި ދުސްތޫރީ ހުސްކަމާއި، ގާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތަކެވެ. ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެންތަންތަނުގައި ހޯދަނީ ގަޟާއީ ހައްލެކެވެ. ނުވަތަ އިންތިގާލީ އިންތިޒާމްތަކެކެވެ. ދުސްތޫރީ ޑިސްޕިއުޓްތަކުގައި ގަޟާއީ ހައްލު ހޯދައިދިނުމުގެ ބާރު ސްޕްރީމް ކޯޓަށް ގާނޫނު އަސާސީގައި ދީފައިވެއެވެ.
މި މަޖިލީހުން ސުޕްރީމް ކޯޓުން ވަކި ކުރި، ޑރ. ދީދީ ވިދާޅުވާ ގޮތުގައި، އިންތިހާބުތައް ބޭއްވުމުގެ ބާރު ގާނޫނު އަސާސީއިން އިލެކްޝަން ކޮމިޝަނަށް ޑެލިގޭޓްކޮށްފައިވާއިރު، އެ ބޭއްވުމުގައި ޑިސްޕިއުޓެއް އުފެދިއްޖެނަމަ، އެކަން ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށެވެ. ކޮންސްޓިޓިއުޝަނަލް ޑިސްޕިއުޓްތަކަށް ފަރުވާ ދިނުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަކަށްކަން އެއީ ޝައްކެއް ވަސްވާހެއް ނެތް ފަދަ ސާފު ކަމެއްކަން ޑރ. ދީދީ ފާހަގަ ކުރައްވާފައިވެއެވެ.
ޑރ. ދީދީ އެހެން ބޭފުޅުންނާ ތަފާތު ކަމެއް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މި ހާލަތުގައި މި އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމެއް ނޫނެވެ. ނަމަވެސް ދިމާވި ނެސިސިޓީ ނުވަތަ އެމަޖެންސީއެއްގެ ސަބަބުން ކައުންސިލަރުންގެ ދުސްތޫރީ މުއްދަތު ނިމުމެވެ. އެހެން ގޮތަކަށް ބުނާނަމަ "ކޮންޓިނިއުނިޓީ އޮފް ޕަވާ ބިއޯންޑް ދަ އެންޑް އޮފް ދަ ޓާމް"އެވެ. އެހެން ދުސްތޫރީ ނިޒާމްތަކުގައި ވެސް މިފަދަ ހާލަތްތަކުގައި އުފައްދާ ސުވާލަކީ އަދި އާންމު ކުރާ މިންގަނޑަކީ މިއީކަން ޑރ. ދީދީ ފާހަގަ ކުރެއްވީ، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ޟަރޫރަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.
"ކޮންޓިނިއުނިޓީ އޮފް ޕަވާ ބިއޯންޑް ދަ އެންޑް އޮފް ދަ ޓާމް"، މި ހާލަތަކީ މީގެ ކުރިން ރާއްޖެއަށް ވެސް ދިމާވި ކަމެެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މި މިންގަނޑުގެ ދަށުން ވެރިކަމުގައި އިތުރު ހަތް ދުވަހު ހުންނެވިއެވެ. އެއީ އޭރު ދިމާވި ނެސިސިޓީ، އިންތިހާބު ދުވަހަށް ނުބޭއްވެވުމާ ގުޅިގެން އެކަން އެގޮތަށް ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. އެ ހުކުމް ކުރެއްވީ ޑރ. ދީދީ އާއި ފާއިޒުގެ ވެސް ބައިވެރިވަޑައިގެންނެވުން އޮވެގެންނެވެ. އޭރު އެ މައްސަލަ ބެލީ ދުސްތޫރީ ޑިސްޕިއުޓެއްގެ ގޮތުންނެވެ. ހައްލު ވެސް ނެރުނީ އެ ކޯޓުންނެވެ. އޭރު ސުޕްރީމް ކޯޓުން ދެކުން ގޮތުގައި އެކަމުގައި ދުސްތޫރީ ލޮޅުމަކަށް ނުގޮސް ގެނެވެން އޮތް ހައްލަކީ އެއީއެވެ.
އެހެނަސް، 2013ގެ ސުޕްރީމް ކޯޓުގެ ނިންމުމާއި ކުރީގެ ދެ ފަނޑިޔާރުންގެ ރައުޔުއާ މިހާރު އޮތް ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން ވެސް ދެކޮޅެވެ. ފަސް ފަނޑިޔާރުންގެ ރައުޔަކީ މި ހާލަތުގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެއުން ކަމެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ދުސްތޫރީ ހަޔާތަށް ލޮޅުމެއް ނެތެވެ. ނަމަވެސް، އޮތް ހަމައެކަނި ފަރުވާއަކީ އެއީ އެވެ. އެ ބޭފުޅުން އެހެން ވިދާޅުވާ ސަބަބަށް ބަލައިލާނަމެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އެހެން ބޭފުޅުން ތާއިދު ކުރައްވާ މަޖިލީހަށް ފޮނުވާފައިވާ އިސްތިޝާރީ ލަފާގައިވާ ގޮތުގައި ގާނޫނު އަސާސީގައި ވަކި ކަމެއް ނުވަތަ ވަކި އިންތިޒާމްތަކެއް ލިޔެފައިވާއިރު އެއަށް އަމަލު ކުރުމަކީ ލާޒިމް ކަމެކެވެ. މިހާރު ތިއްބެވި ކައުންސިލަރުންގެ އުމުރަކީ ތިން އަހަރު ކަމަށް ލިޔެފައިވާއިރު، އެ މުއްދަތު ހަމަ އެ މުއްދަތަށް ހަމަވާނެއެވެ. އެ މުއްދަތު ބަދަލު ކުރެވޭނެ ހަމައެކަނި މަގަކީ ގާނޫނު އަސާސީއިން ބަދަލުކުރުމެވެ. ގާނޫނު އަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ބަދަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިދީފައިނުވާ ކަމަށެވެ. އެހެންކަމުން ވަކި މުއްދަތެއް ކަނޑައަޅާފައި އޮތް ބައެއްގެ މުއްދަތު އިތުރު ކުރުމަކީ މަޖިލީހަށް ގާނޫނަކުން ނުވަތަ ކޯޓަކަށް ހުކުމަކުން ކުރެވޭނެ ކަމެއް ނޫންކަން ހުސްނުއްސުއޫދު ފާހަގަ ކުރައްވާފައިވެއެވެ.
އެހެންވެ، ފަސް ފަނޑިޔާރުންގެ ލަފާފުޅަކީ، ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނެސް ނޫންނަމަ، 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން، ހާލަތު ރަނގަޅު އިންތިހާބު ބޭއްވޭނެ ހާލަތެއް އައުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ކަމަށް ލިޔުމަށެވެ. އެހެން ނޫން ގޮތަކަށް ގާނޫނީ ހުސްކަން ފޫނުބެއްދޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ ލިޔުއްވާފައިވާ ލަފާއިން އެހެން ވަރަށް ބޮޑު ވާހަކައެއް ވެސް އެބަ އޮތެވެ.
ލަފާގައިވެއެވެ؛ "ރައްޔިތުންގެ މަޖިލީހަށާއި ވެރިކަން ހިންގާ ބާރަށާއި ކޯޓުތަކަށް ބާރު ލިބިދީދައިވަނީ ގާނޫނު އަސާސީއިން ސަރީހަ ބަހުން އެ ފަރާތްތަކަށް އެ ބާރެއް ދިން މިންވަރަކަށެވެ. މިއިން ކޮންމެ ފަރާތަކަށް ވެސް ކަންކަން ހިންގަންވާނީ އެ ފަރާތްތަކަށް ގާނޫނު އަސާސީއިން ދީފައިވާ ބާރުތަކުގެ ތެރޭގައެވެ. އަމިއްލަ ބާރެއް ހޯދުމުގެ ނުވަތަ ބާރެއް ލިބިގަތުމުގެ އިހްތިޔާރު ހަމަ މިއިން އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ އަށް ވަނަ މާއްދާއިން އެނގެއެވެ."
ފަސް ފަނޑިޔާރުންގެ ލަފާގައި މިހެން ލިޔުއްވި އެންމެ ބޮޑު އެންމެ ބޮޑު ބޭނުމަކީ އިންތިހާބުތަކާ ގުޅޭ މިފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތްކަން ދެއްކުމެވެ. ގާނޫނު އަސާސީއިން އެ ބާރު، ސުޕްރީމް ކޯޓަށް ނެތްކަން އެނގުމަށެވެ. އިންތިހާބުތަކާ ގުޅޭ މިފަދަ މައްސަލަތައް ކޯޓުތަކަށް ގެންދިޔުމުގެ ސަގާފަތް ހުއްޓުވުމަށްޓަކައެވެ. ހަގީގަތުގައި މިއަދު ދުސްތޫރީ ހަޔާތަށް އެރި ލޮޅުމަކީ މިއީއެވެ. މިއީ ބޮޑު ލޮޅުމެކެވެ. ބޮޑު ބަދަލެކެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން، މި އިބާރާތް ހުލާސާ ކުރެއްވި ގޮތަކީ "ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތެއް ނެތް" ކަމެވެ. ހަގީގަތުގައި މީގެކުރިން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތް ކަމަށް ދައުވާކޮށް ގިނަ ބާރުތަކެއް ބޭނުން ކުރައްވަމުންނެވެ. މިފަދަ އިންތިހާބީ މައްސަލަތަކުގައި ދިމާވި ދުސްތޫރީ ހިލާފުތަކުގައި ވެސް ގޮތް ނިންމާފައިވަނީ އެ ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތް ކަމަށް ބުނަމުންނެވެ.
ލަފާގައި މިހެން ބުނެ، މިހާރު މި އޮތް ހާލަތަކީ ދުސްތޫރީ ޑިސްޕިއުޓެއް ނޫން ކަމަށް މަނާކުރުމަކީ ކުރީގެ ދެ ފަނޑިޔާރުންނާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމެވެ. ސުޕްރީމް ކޯޓަށް ލިބިގެންވާ އިހްތިސޯސް މާނަ ކުރުމުގައި އެ ބޭފުޅުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތުކަން ވެސް އެނގިގެން ގޮސްފިއެވެ. ސުޕްރީމް ކޯޓުގެ މި ލަފާއާއެކު ބޮޑު ބަދަލަކާ ދިމާއަށް މަޖިލިސް އެ ވަނީ އެނބުރިފައެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ދަންވަރު ވޯޓަށް އަހާނެއެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް ދެކޮޅު ހެއްދެވި މެންބަރުންގެ އެންމެ ބޮޑު ދައުވާއަކަށް ކުރިން ވެގެން ދިޔައީ މިކަމުގައި ރައްޔިތުންގެ ބަހެއް ނެތުމެވެ. ހަގީގަތުގައި މިކަން އޮންނަންވީ ގޮތަކީ އެއީއެވެ. ގާނޫނު އަސާސީގައިވާ ގޮތުން ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންނެވެ. ގާނޫނު އަސާސީއިން އުފައްދާފައިވާ ކޮންމެ މަގާމަކީ ވެސް ރައްޔިތުންގެ ހާދިމުންނެވެ. އެހެންވީއިރު ގާނޫނު އަސާސީއިން އެންމެ ބާރުގަދަ ބަޔަކަށްވީ ރައްޔިތުންނެވެ. އެ ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު ރައްޔިތުންގެ ބަހެއް އޭގައި އޮތުމުގެ މުހިންމުކަން ބޮޑީ ވެސް އެހެންވެއެވެ. އޭރަށް ދުސްތޫރީ ހަޔާތަށް ކިތަންމެ ބޮޑު ލޮޅުމެއް އައި ނަމަވެސް އެ ލޮޅުމެއް އެ އަންނަނީ ރައްޔިތުންގެ ރުހުން އޮވެގެންނެވެ. ރައްޔިތުން އެކަމަށް އާނ ބަސް ބުނެގެންނެވެ.