(ދެވަނަ ބައި)
ކާރެއް ނަގައިގެން ގެއަށް އާދެވުނު އިރު، އިރު އޮއްސި ބަންގި ގޮވަނީއެވެ. ގެއަށްވަދެ ފުން ނޭވާއެއް ދޫކޮށްލީމެވެ. ކޮނޑުގައި އޮތް ދަބަސް ސޯފާއަށް ވައްޓާލަމުން ސޯފާއަށް ވެއްޓިގަތީމެވެ. ދެލޯ މަރައިލަމުންނެވެ. އަތުގައި ޖެހުނީ ހަރު އެއްޗެކެވެ. ސިހިފައި ލޯ ހުޅުވާލެވުނެވެ.
ކުޑަކުޑަ ޕާރުސަލެކެވެ. ޕާރުސަލްގެ މަތީގައި ރަތްކުލައިގެ ފިނިފެންމަލެއް އޮތެވެ. އަހަންނަށް ބަލައިލެވުނީ މީހެއްގެ ނަން ޖަހައިފައި އޮތްތޯއެވެ. ޕާރުސަލްގެ ބޭރުގައި އަހަރެންގެ ނަން ޖަހައިފައި އޮތެވެ. ފޮނުވީ ކާކު ކަމެއް ނޭނގެއެވެ. ފިނިފެންމަލުގެ ފިޔަތަކުގައި އިނގިލި ޖައްސާލީމެވެ. ނޭފަތާ ކައިރިކޮށްލެވުނެވެ. އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ހިތްފުރިގެން ދިޔަ ކަހަލައެވެ. މަޑުމަޑުން ސޯފާއިން ތެދުވީމެވެ. ޕާރުސަލް މޭޒުމަތީގައި ބެހެއްޓުމަށްފަހު އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ތަށްޓަށް އަޅައިލީމެވެ.
އެޕާޓުމަންޓުގެ ދޮރު ހުޅުވުނީ އެވަގުތުއެވެ. އެތެރެއަށް ވަނީ ހަމީދެވެ. ހަމީދަކީ އަހަރުމެން އުޅޭ އެޕާޓުމަންޓުގައި ކުއްޔަށް ދީފައި ހުންނަ ކޮޓަރީގައި އުޅޭ ޒުވާނެކެވެ. އަހަރުމެންގެ އެޕާޓުމަންޓުގައި ހުންނަނީ ދެ ކޮޓަރިއެވެ. އެއްކޮޓަރި އެއީ އަހަންނާއި ބައްޕަގެ ކޮޓަރިއެވެ. އަނެއް ކޮޓަރި ހުންނަނީ ކުއްޔަށް ދީފައެވެ.
"ދޮންތިއަށް އޮތް ޕާރުސަލްއެއް އޮންނާނެ ސޯފާގަ." ހަމީދަށް އަހަރެން ފެނުމާއެކު ފެށިއެވެ.
އަހަރުމެން އެޕާޓުމަންޓުގައި އުޅޭ ހުރިހާ އެންމެން ވެސް އަހަންނަށް ކިޔަނީ ދޮންތިއެވެ. އެއީ އެއްފަހަރު ކޮއްކޮމެން މާލެ އައިސް އުޅެނު އިރު، އެމީހުން ދޮންތި ކިޔާ އަޑު އިވުމުން އެންމެން ކިޔާން ފެށިނަމަވެ. އަހަރެންގެ އާއިލީ ނަން ގޭތެރޭގައި ވައިގައި ހިފީއެވެ. އެނަން އަހަންނަށް ހަރުލީއެވެ. ހަމީދުގެ ކޮޓަރީގައި ދެން އުޅޭނީ ޝިޒާނެވެ. ޝިޒާނާއި ހަމީދު ވެސް އަހަންނާ މެދު ދެކެނީ އާއިލާ މީހެއްގެ ގޮތުގައެވެ. އެމީހުން އެކަން ތަކުރާރުކޮށް ހަންދާން ވެސް ކޮށްދޭނެއެވެ.
'ކާކު ދިން އެއްޗެއް؟" އަހަންނަށް އަހައިލެވުނެވެ.
"ނޭނގެ މަށަކަށް ވެސް. ޝިޒާން ބުނީ ދޮންތަ އައީމަ ބުނާށޭ. ކޮންމެ ވެސް ލޫތެކޭ ބުނިހެން ހީވަނީ." ހަމީދު ހަނދާންކޮށްލަމުން ބުނެލިއެވެ.
އެހެން ބުނެފައި އޭނާ ވަނީ ކޮޓަރިއަށެވެ. އަހަރެން ހަނދާންކުރީމެވެ. އެތައް އިރަކު ވިސްނަށް އިނީމެވެ. ރަހުމަތްތެރިންގެ ލިސްޓުގައި ލޫތު ކިޔާ މީހެއްގެ ނަން ހިމެނޭތޯއެވެ. އެއް ގޮތަކަށް ވެސް ނުވިސްނުނެވެ. އެންމެ ފަހުން ޕާރުސަލް ކަނޑައިލަން ނިންމީމެވެ. ކޮންމެ މީހަކު ދިން އެއްޗެއް ކަމުގައި ވިޔަސް މައްސަލައެއް ނެތްކަމަށް ބަލައިގެންނެވެ. އޭރު ނޭނގޭ ގޮތަކަށް އަހަރެންގެ ހިތްތެޅެމުން ދިޔައެވެ. ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ.
ހައިރާންކަމާއެކު އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ޕާރުސަލްގެ އެންމެ މަތީގައި އޮތީ އަހަރެން ފޯނެވެ. އެއީ މިއަދު އަހަރެންގެ އަތުން ވެއްޓި ދެ ފަޅިވި ފޯނެވެ. އެހައި ހިސާބުން ޔަގީންވީ އެއީ ހޫދު ފޮނުވި ޕާރުސަލެއް ކަމަށެވެ. ޝިޒާނަށް އޮޅިގެން ލޫތޭ ބުނެވުނީ ކަމަށް ނިންމަން ޖެހުނެވެ. އަވަސް އަވަހަށް ފޯނު ނަގައި ޕާރުސަލްގެ އެތެރެ ބަލައިލީމެވެ. ލާނެތް ފާޑަކަށް ހިނިތުންވެވުނެވެ. ޕާރުސަލްގައި އޮތީ އެންމެ މިޒަމާނުގެ އައިފޯނެކެވެ. އެއީ އެންމެ ފަހުގެ އައިފޯނެކެވެ. އަހަރެން ގެންގުޅުނު ފޯނާ އަޅައިބަލާއިރު އެތައް ތަނަކުން ރަނގަޅު ފޯނެކެވެ. މޮޅު ފޯނެކެވެ. އަގު ވެސް ބޮޑުވާނޭ ހިތަށް އެރިއެވެ.
"ހިތުން ރުހުމުން ދިން އެއްޗެއް ނަމަ ބޭނުން ކުރުމަކުން މައްސަލައެއް ނެތް." ފޯނު ބޭނުން ކުރުމާމެދު ބައްޕަގެ ޚިޔާލު ވެސް ހިއްސާކުރިއެވެ. "ފޯނު ވެސް އޮތީ ހަލާކު ވެފައެއްނު. އެކަން ދިމާވީ އޭނާގެ އިހުމާލުން ކަމަށް ގަބޫލުކޮށް ބަދަލު ދިނީ ކަމަށް ބައްޕައަށް ވިސްނެނީ."
"އެކަމަކު މާ އަގުބޮޑު މޮޅު ފޯނެއްނު މި." އަހަރެން ބޭނުންވީ ބައްޕަ ދެކޭގޮތެއް ބަލައިލާށެވެ.
"ވީކަމެއް ވެ ނިމުނީ. މާޒީން ހެދުން ފަހައިގެން ގަޔަށް ހެޔޮކުރުމަކުން ވާނެ ކަމެއް އޮވޭތަ؟ ފުރުޞަތު ލިބުނީމަ ބޭނުން ކުރުމަކުން ގޯހެއް ނެތް." އެހެން ބުނެފައި ބައްޕަ ނުކުތީ ބޭރަށެވެ.
އަހަރެން ވިސްނައިލީމެވެ. ބައްޕަގެ ޖަވާބަށެވެ. ޖަވާބު ސާދާ ވެފައި މާނަ ފުންވީމައެވެ. ނުގޮތަކަށް ބައްޕަ އެ ބުނީ ބޮޑު ވާހަކައެއް ވީމައެވެ. ބައެއް މައުޟޫއުތަކުގައި ބައްޕަގެ ރާގު ހުންނާނީ ނުސީދާކޮށެވެ. އެކަމަކު ދޭނީ ހެޔޮ ނަސޭހަތެވެ. އަހަންނަށް ޖެހޭނީ ވިސްނާށެވެ. ވިސްނައިގެން ދޭހަ ކުރާށެވެ. ބައްޕަގެ ސަޅި ކަމަކީ އެއީއެވެ. ދެވަނަ ފިކުރެއް ބޮލަށް ފުންމާލީ ބައްޕަގެ ވާހަކަ ދޭހަވަނިކޮށެވެ. އިރުކޮޅަކު ވިސްނާލަން ޖެހުނެވެ. ހޫދަކީ ކާކުކަން ބައްޕައަށް އެނގެނީ ހެއްޔެވެ؟ އަހަންނަށް ބުނެވުނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ބުނިހާ ވެސް ވާހަކައަކީ ފޯނު ހަލާކުވި ވާހަކައެވެ. މީހަކު ގައިގައި ލައިގަތް ވާހަކައެވެ. އެ މައުޟޫއު ބަންދުކޮށްލީ ފޯނު ދައްކާލަމުންނެވެ.
ފޯނަށް ސިމް ލައްވާލި އިރަށް، ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ދެ ފިކުރެއްގައި އިނދެ ފޯނު ނެގީމެވެ.
"ހައިރާން ވެއްޖެ ދޯ!" އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ.
"އަދި ނޭނގުނު." ކާކުކަން ސާފު ނުވާތީ ވާހަކަދައްކަން ނުކެރިފައި ހުރެ އަހައިލެވުނެވެ.
"ގުޅާ މީހުން ގިނައީތަ؟" އެ ކޮޅުން ވާހަކަދެއްކި މީހާ ލާނެތް ގޮތަކަށް ހޭންފެށިއެވެ.
"އެހެންނެއް ނޫން!" އަހަރެން ބުނަންވީ އެއްޗެއް ނޭނގިގެން ހުރެވުނީއެވެ.
"ހޫދު އޭ މި! އަނެއްކާ ފޯނު ބާއްވާނީއެއް ނޫން އިނގޭ." ހޫދު އަވަސްއަވަހަށް ބުނެލިއެވެ. "އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ކަމަށް."
"ކޮން ވާހަކައެއް؟" އަހަރެން މާ ނޫން ކަމަށް ހަދައިގެން އަހައިލީމެވެ.
"ވަރަށް އުފާވެއްޖެ ހަދިޔާ ބަލައިގަތީމަ." ހޫދު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކިހިނެއް އެނގެނީ ބަލައިގަތް ކަމެއް؟" އަހަރެން އަހައިލީމެވެ.
"ހިތް ބުނަނީ އެގޮތަށް." ހޫދު އުފާވެރި ރާގެއްގައި ބުނެލިއެވެ. "މަގޭ ހިތް ބުނާނީ އަބަދުވެސް ރަނގަޅަށް."
"މިއަދު ރެސްޓޯރެންޓުން ދިމާވި ކަންތަކާ ވަރަށް..." އަހަރެން ނުނިމެނީސް ހޫދު ފެށުމުން ހުއްޓައިލީމެވެ.
"އެދެން އެވަރު ކަމެއް ނޫނޭ. އެއީ މަޖާކުރުމެއްނު. އަހަރެން ވަރަށް އުފާވި. ޔަގީންވީ ނުހާ އަހަރެންގެ މަތިން ހަނދާން ކުރިކަން. ރައްޓެހިންގެ ސިކުނޑިއަށް ވެސް އެ މަންޒަރު ލައިދިންކަން." ހަމަޖެހިލައިގެން ހޫދު ވާހަކަދެއްކިއެވެ.
ހީވަނީ ވަރަށް ތައްޔާރުވެގެން ހުރެ ވާހަކަދެއްކިހެންނެވެ. އޭނާގެ ވާހަކަ ތަރުތީބު ވެފައި އަމާޒު ސީދަލެވެ. ބަސްމަގު ސާދާވެފައި ސާފެވެ.
"އަހަންނާއެކު ކޮފީއަކަށް ދާން ކެރިދާނެބާ؟" ހޫދުގެ ދެވަނަ ދައުވަތު އަހަންނަށް ލިބުނެވެ.
"ވިސްނައިލަން ޖެހޭނީ." އަހަރެން ބޭނުންވ ަނީ ހޫދު ތަޅުވާލާށެވެ.
"އެ ކިހިނެއްވީ؟ އަނެއްކާ ޝަކުވާ ކުރާނެ މީހަކު ހުންނަނީތަ؟"
"ތަނަކުން މީހަކު ފެންނަ އިރަށް ސައިކަލު ފަހަތަށް އަރާ، ކޮފީއަށް ދާން ވެއްޖެނަމަ އަހަރެންގެ ނަމުގެ ކުރިއަށް ދެ އަކުރު އިތުރު ކުރާނީ ވެސް ހަމަ ފިރިހެނުން." އަހަރެން ވާހަކަ ބައްޓަން ކުރީ ބައްޕަގެ ވާހަކަ ހުންނަ މޭރުމުންނެވެ.
"ތި ވަރަށް ނުފެންނަ ސިފައެއް. ތި ގޮތަށް ވާހަކަދެއްކީމަ އަދި މާ ސަޅި. ވަރަށް ސްމާޓް. ދިވެހިބަހުގެ ސްމާޓުކަން ވެސް ފެނޭ." އަހަރެން ހީކުރި ގޮތާ ޚިލާފަށް ހޫދު ތައުރީފު ކުރަން ފެށިއެވެ.
އެރޭ ވެސް ނިމިގެން ދިޔައީއެވެ. އެތައް މައުޟޫއެއްގައި އެތައް އިރެއް ވަންދެން ވާހަކަ ދެކެވުމަށްފަހުގައެވެ. ހޫދު ނުބުންޏަސް އޭނާ އަހަންނާ ގަޔާވާކަން ސީދާ އަހަންނަށް ޔަގީނާ ގާތަށް ކަށަވަރުވެއެވެ. ދެން އޮތީ އަހަރެންގެ ހިތެވެ. މި ހިތް އޮތީ ކިހިނެއްބާ ވައެވެ؟ މިއީ އަމިއްލަ ކޮންޓްރޯލް ކުރެވޭ ވަރުގެ ހިތެއް ބާވައެވެ؟
އެކަން ހިތަށް އެރިޔަސް އަހަރެން ބިރުގަންނަން ފަށައެވެ. ޖެހިލުން ވެވެއެވެ. މޭނުބައި ކޮށް ހޮޑުލަވާ ގޮތްވާން ފަށައެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ހަމަ އެންމެ މައްސަލައެކެވެ. އެއީ ބުނަން ވެސް ކެރޭ ކަހަލަ ވާހަކައެއް ނޫނެވެ. އެ ހިޔާލުތައް ބޮލަށް ސަވާރުވާއިރަށް މިވަނީ ކޮންކަމެއް ހެއްޔެވެ؟ މި ވަނީ ކޮން އުނދަގުލެއް ހެއްޔެވެ؟ މީހާ ތުރުތުރުއަޅަނީ ކީއްވެ ހެއްޔެވެ؟ އަތްފައި ފިނިވެ މޭ ތާށިވަނީ ކީއްވެ ހެއްޔެވެ؟ އަދިވެސް އެ އިހުސާސްވަނީ ހެއްޔެވެ؟ އެ ހަނދާނުން މީހާ ގަބަރާވަނީ ހެއްޔެވެ؟
އަހަރެން ތެދުވީމެވެ. ކުޑަދޮރު ކައިރިއަށް ހުއްޓިލަމުން ދޮރު ހުޅުވާލީމެވެ. ނިވާކަމެއް ނެތް ވައިރޯޅިތައް އަހަރެންގެ މޫނުގައި ބޮސްދޭން ފެށިއެވެ. ފިނިފިނި ވައިރޯޅިތަކުން ސިކުނޑީގައިވާ ޚިޔާލުތައް ފިނިކޮށްލި ކަހަލައެވެ. މޫނުމަތި ތާޒާކޮށްލި ކަހަލައެވެ. ހިތުގައި ހުރި އުދާސްތައް ނެރެ އުކާލި ކަހަލައެވެ. މުޅި މީހާ ތާޒާވެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ބޭރަށް ބަލައިލީމެވެ.
އަހަންނަށް ލޯ މަރައިލެވުނެވެ. ކުރިމަތިން ސިފަވަމުން ދިޔައީ ހޫދުގެ އޮމާން މޫނެވެ. ހިމަދިގު އެ ނޭފަތެވެ. ދަތްދޮޅިއަށް އަޑިވަދެފައިވާ ތަންކޮޅެވެ. އަހަންނަށް އަމިއްލަ ތުންފަތުގައި ދަތް އަޅައިލެވުނެވެ. ހީވަނީ އަހަރެންގެ ގާތުގައި ހޫދު އުޅޭހެންނެވެ. އަހަރެންގެ ބުރަކަށީގައި އޭނާގެ ތަނަވަސް މޭމަތި ޖައްސައިލާ ގައިގާ ބައްދާލިހެންނެވެ. އެ ވަރުގަދަ މުލައްދަނޑި އަހަރެން ވަށައިލިހެންނެވެ. މަޑުމަޑުން އޭނާ އަހަރެންގެ ކަނދުރާއަށް ބޮސްދިންހެން ހީވިއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ލޯ މަރައިލެވުނެވެ. އެ ހޫނު ތުންފަތުގެ އިހުސާސްތައް ކުރެވުނު ހެން ހީވާތީއެވެ.
"ދޮންތީ!"
ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ގޭތެރެއިން މީހަކު ގޮވާލުމުންނެވެ. އެއީ ޝިޒާނެވެ. ޝިޒާންއާ އެކު އެހެން މީހަކު ހުރިހެން ހީވިއެވެ. އަހަންނަށް ދެ ފަހަރަކު ކަޅި ޖަހައިލެވުނެވެ. ޔަގީން ނުކުރެވިގެންނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ ހަމަ ހޫދެވެ. އަނެއްކާ ހިޔާލީ ދުނިޔޭގައި އުޅެވެނީ ބާއޭ ހިތަށް އެރިއެވެ. ހިތުގައި ހުރި އިހުސާސްތަކުން އަވާމެންދުރެއް ކުލަވަނީބާއޭ ހިތްބުނެލިއެވެ.
"ހޫދު؟" ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ހޫދަށެވެ.
"އާން މި ގެއަށް ބަދަލުވީ؟ އަހަރުމެންގެ ކޮޓަރިއަށް." ޖަވާބު ދިނީ ޝިޒާނެވެ. "ހޫދުމެން ގެ މަރާމާތެއް ކުރާތީ ދެ މަހަށް. ހޫދު ބޭނުންވީ މިގެއަށް އަންނަން."
އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރާންވީ އުފާކަމެއް ވާންވީ ދެރައެއް ކަމެއް ވެސް ނުވިސްނިފައެވެ. އެހެން ހުއްޓާ ހޫދު އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ޝިޒާން ވަނީ ކޮޓަރިއަށެވެ.
"ކިހިނެއްވީ؟" ހޫދު ހިނިތުންވެލިއެވެ. "މީތި ކަޑަތަ؟"
އަހަރެން ނޫން ކަމަށް ހަދައިލަމުން ތުންފަތަށް ވައްތަރެއް ޖައްސައިލީމެވެ. އެންމެ ފުރަތަމަ ދުވަހުން ވެސް ބޭނުމަކަށްވީ ހޫދު ތަޅުވާލާށެވެ. އޭނާގެ އިހުސާސްތަކަކީ ކޮބައިކަން ޔަގީންކޮށްލާށެވެ. އޭނާގެ ހިތުގެ ހިނގުމަކީ ހަގީގަތެއްތޯ ބަލައިލާށެވެ.
"ދެން ނުޖެހޭނެއްނު ކޮފީއަށް ދާން ބިރު ގަންނާކަށް. ސައިކަލު ފަހަތަށް އަރަން ޖެހިލުންވާކަށް. މިހާރު މިވީ އެއްގެ އަކަށްނު." ހޫދު އަހަންނާ ކައިރިވެލިއެވެ.
އަހަންނަށް ހުރެވުނީ ނޭވާ ހިފަހައްޓާ ލައިގެންނެވެ. މަޑުމަޑުން ހޫދު ކުރިއަށް ޖެހެމުން ދިޔައެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ލަސްލަހުން ނޭވާ އެތެރެއަށް ދަމާލެވުނެވެ. ހިތްފުރުނު ކަހަލައެވެ. ހޫދުގައި ގައިން ދުވަމުން ދިޔައި ހިތްފުރޭ ކަހަލަ މީރު ސެންޓެއްގެ ވަހެވެ. ހޫދުގެ ނޭވާ އަހަރެންގެ ނޭފަތަށް އެޅެމުން ދިޔައެވެ. އެ ނޭވާތަކުން އަހަރެންގެ އިހުސާސްތައް ހޭލައްވަމުން ދިޔައެވެ. ކުއްލިއަކަށް އެޕާޓުމަންޓުގެ ދޮރަށް ތަޅުދަނޑިއެއް ޖެހި އަޑު އިވުނެވެ. ތެޅި ގަނެފައި އަހަންނަށް ލޯ ހުޅުވާލެވުނެވެ. ހޫދާ ދުރަށް ޖެހިލެވުނެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ބައްޕައެވެ.
"އަހަނ! މިހާރު ބަދަލުވީތަ؟" ބައްޕަ ގެއަށް ވަން ގޮތަށް ހޫދާ ވާހަކަދައްކަން ފެށިއެވެ.
"އިރުއޮއްސުނު އިރު." ހޫދު ހީލަމުން ބުނެލިއެވެ.
"ދަރިފުޅާ މިއީ ހޫދު. ހޫދު ކުޑަ ދުވަސްކޮޅަކަށް މިގެއަށް ބަދަލުވީއެ. ހޫދުމެން ގެ މަރާމާތު ކުރާތީ." ބައްޕަ އަހަންނަށް އޮޅުން ފިލުވާދިނެވެ.
"ހޫދު ހުންނަ ދުވަސްކޮޅު މި އެޕާޓުމަންޓުގެ ކުލި ދައްކަދެނީ ވެސް ހޫދު." ބައްޕަ ސޯފާގައި އިށީނދެލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ.
އަހަރެން ދެ ލޯ ބޮޑުވިއެވެ. ހައިރާންކަމާއެކު ބައްޕަގެ މޫނަށް ބަލައިލީމެވެ. އެއްފަހަރު ބައްޕައަށް އަނެއް ފަހަރު ހޫދަށް ބަލައިލީމެވެ.
"ކިހިނެއްވީ؟ މި ހޫދު ބޭނުންވި ގޮތް. ބައްޕަ ވެސް ހިތްހަމައެއް ނުޖެހޭ އެގޮތަކަށް." ބައްޕަ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"އެ ދެން އެވަރު ކަމެއް ނޫނޭ ބޭބޭ." މޭޒު ކައިރީ ހުރި ގޮނޑީގައި ހޫދު އިށީނދެލިއެވެ. "އެއްކޮޅުން ޝިޒާން، އެ އަހަރެންގެ ބެސްޓު ފުރެންޑް. ދެން ހުރި ހަމީދު. އެ ވެސް ރައްޓެއްސެއް. އަނެއް ކޮޅުން ތި ހުރީ ބޭބެ. ބޭބެ ތިއީ އަހަރެންގެ ބައްޕަގެ ބެސްޓު ފްރެންޑް. އެހެންވީމަ ބެސްޓް ފްރެންޑުންގެ ބެސްޓް ފްރެންޑަކަށް ވާން މިޖެހޭނީ އަހަރެން ނޫންތަ؟ އެހެން ނޫނަސް އެއީ އެވަރު ކަމެއް ނޫން."
"ދެން އަހަރެން ދައްކާނެ މާގިނަ ވާހަކައެއް ނެތް. ތިކަމާ އެއްބަސް ނުވެވިގެން މި ހުރިހާ ދުވަހު ވެސް މި ތިބެވުނީ. މިހާރު ދެން ހޫދު ބޭނުން ގޮތަކަށް ނިންމާ." ބައްޕަ ދިޔައީ ކޮޓަރިއާ ދިމާއަށެވެ.
އަހަންނާ ދިމާއަށް ހޫދު އެނބުރިލިއެވެ. އޭނާ ފާޑަކަށް ބަލައިލިއެވެ.
"މީތި ކަޑަ؟" ހޫދު ހިނިތުންވެލިއެވެ.
"ނޫނޭ! ތީތި ވަރަށް ސަޅި. ހަމަ އޮބި ނޯވޭ." ޖެއްސުމުގެ ރާގުގައި އަހަރެން ބުނެލީމެވެ.
"އެނގޭ ނުހާއަށް ސަޅި ނުވާނެ ކަން. އެކަމަކު މަށަށް ވަރަށް ސަޅި. އެންމެ ސަޅީ ނުހާ. އަހަންނަށް އެނގޭ ނުބުންޏަސް ނުހާ އަހަރެން މަތިން މިސް ވާކަން. ހަނދާން ކުރާކަން. ބުނެބަލަ ދޮގޭ." ހޫދު އަހަރެންގެ މޫނަށް ބަލައިގެން އިނދެ ވާހަކަދެއްކިއެވެ.
އަހަރެން އަނގައިން ނުބުނެ ހުރީއެވެ. ހޫދުގެ ރޭވުންތެރިކަން ފެނިފައި ހައިރާން ވެފައެވެ. އޭނާއަކީ ކުޅަދާނަ މީހެކޭ ހިތަށް އެރިއެވެ. މަކަރުވެރި މީހެކޭ ވެސް ހިތަށް އެރިއެވެ.
"ހިތަށް އަރަނީ އަހަންނަކީ ވަރަށް މަކަރުވެރި މީހެކޭ ދޯ." ހީވީ ހޫދު އަހަރެންގެ ހިތް ކިޔައިލިހެންނެވެ.
"އާން! އެއަށްވުރެ ބޮޑަށް ހިތަށް އެރީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކޭ!" މޫނުމަތިން ނޫންކަމަށް ހެދިގެން ހުރެ އަހަރެން ބުނެލީމެވެ.
"އަސްތާ! ހީވެސް ނުކުރާހާ ފާޓު ފުޅާވާނެ. މި ބުނީ މަގޭ އަމިއްލަ އެދުމުގަ." ހޫދު ހޭން ފެށިއެވެ. "އެކަމަކު އެންމެ ކަމެއްގަ. މި ތިކަމުގަ. މަށަކީ ކަމެއް ހިތުލައިފިތަ އެކަމެއް ކާމިޔާބު ކުރާ މީހެއް."
ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ހޫދު ބަލައިލީ އެ ދިމާއަށެވެ. ކޮޓަރިން ނުކުމެގެން އައީ ޝިޒާނެވެ. އޭނާ ހުރީ ފާޑަކަށް ހެވިފައެވެ.
"ސޮރީ އިނގޭ. ނެތްތަ ކޮފީ ގަނޑެއް ވެސް." ޝިޒާން ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"މި ނުހާ މީ ހާދަ ކަންނެތް އަންހެނެކޭ. މަ ކޮފީއެއް ހަދަން ކިޔާތީ އެ ހުންނަނީ މޫނު ކުނިކޮށްގެން ދެ ބުމަ ގޮށް ޖަހައިގެން." ހޫދު ކޮޅަށް ތެދުވިއެވެ. "ހިނގާ ބޭރަށްދެން ކޮފީއެއް ލިބިދާނެ ދޯ މީނަ ނުދިނަސް."
"ނެތީ ތަ؟" ޝިޒާން ސުވާލުކޮށްލީ އަހަންނަށެވެ. "ދޮންތިއަކީ ކަމެއް ނުބުނެފަ ހުންނަ މީހެއް؟"
އާއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހައިލީމެވެ.
"ކުރިން ބުނެލި ނަމަ ދޯ އެނގޭނީ ކޮފީ ކޮންޓެއިނަރއެއް މިގެއަށް ވައްދަން ވެސް." ހޫދު ދިމާކުރުމުގެ ރާގުގައި ބުނެލިއެވެ.
"ސާބަސް ދޮންތިއަކީ ވަރަށް ހިތްބަލި ކުއްޖެއް. ވަރަށް އަވަހަށް ރޮވޭނެ. ދިމާކުރާކަށް ނުވާނެ." ޝިޒާން އަހަރެންނާ އެއްކޮޅަށް އެރިއެވެ.
"ނުވާނެ. އެ ވަރަށް ގަޓު ހުރި މަންޖެއެއް މި. ވަރަށް ގޮތުގަ ހުންނަ މަންޖެއެއް. މަށަށް ވަރަށް ކަމުދާ ސްޓައިލެއް ގެންގުޅޭ. އެހެންވެ އެކަމާ މި ކެނޑެނީ ވެސް." ހޫދު އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ.
އަހަރުމެންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ނުކުތީ ބައްޕައެވެ. ބައްޕަ ނުކުމެ ބަލައިލީ އެކި މީހުން އެކި ތަނުގައި ތިބީމަ ކޮންމެ މީހެއްގެ މޫނަށް ވަކިވަކީންނެވެ.
"ކިހިނެއްވީ؟ ކޮންމެ މީހަކު ވަކި ތަނެއްގައި ބަހައްޓައިފަތަ ތި ތިބީ؟" ބައްޕަ ސުވާލުކޮށްލިއެވެ.
އަހަންނަށް ވެސް ބަލައިލެވުނެވެ. ޝިޒާން ހުރީ މައިގެ މެދުގައި ކޮޅަށެވެ. ހޫދު ހުރީ މޭޒު ކައިރީގައި ކޮޅަށެވެ. އަހަންނަށް ހުރެވުނީ ކުޑަދޮރު ކައިރީގައި ކޮޅަށެވެ. ބައްޕަ އެބުނީ ތެދެކެވެ. ދުރުން އަންނަ މީހަކަށް އަހަރުމެން ތިބި ގޮތް ފެނިއްޖެ ނަމަ ފުރަތަމަ ވެސް ވިސްނޭނީ އެގޮތަށެވެ. ހީވަނީ އަތުރައިލައިފަ ހުރި ކުޅިބަޔެއް ހެންނެވެ.
"ކޮފީއަކާ މެދު ސައްލާ ކުރެވެނީ މި." ޝިޒާން އިސްނެގިއެވެ.
"ކޮފީ ކޮންޓެއިނާއެއް ވައްދާނެ ދޮރެއް ނުފެނިގެން." ހޫދު ވެސް ޝިޒާންއާ އެއްބައިވެލިއެވެ.
"ދަރިފުޅު ހޫދުމެންނަށް ކޮފީއެއް ހަދައިދޭންވީނު. އަދި ބައްޕަ ހަނދާން ނެތިފަ މިހުރީ. ހޫދު ކެއުމުގެ ކަންކަން އޮންނާނީ ގެއިން. އެހެންވީމަ ހޫދަށް ރަނގަޅު އެއްޗެއް އަހައިގެން އޭނާއަށް ކެވޭ ކަހަލަ އެއްޗެހި ކައްކާތި!" ބައްޕަ ބޭރަށް ނުކުންނަމުން ބުނެލިއެވެ. "ބައްޕަ އެބަ އަންނަށް. ބޭނުން އެއްޗެއް އެބަ އޮތްތަ؟ އަންނަ މަގުމަތީ ގަނެލައިގެން އަންނަން ކަމަށް."
އަހަރެން ނޫނެކޭ ބުނުމުން ބައްޕަ ނުކުތީ ބޭރަށެވެ. ބައްޕަ ހަމަ ނުކުތުމާއެކު ހޫދުމެން ވާހަކަދައްކަން ފެށިއެވެ. ކުރިން ވެސް ވާހަކަދެއްކި ރާގަށެވެ. އެ ގޮތަށެވެ.
"އަލިފުޅަށް ހިޔަލަ ހަދައިދިން ކަހަލަ ބަތާއި ރިހާކުރާ ކަންނޭގެ މަށަށް ކެވޭނީ." ހޫދު ފެށިއެވެ.
"އެ މާ މީރު ބަތަކީތަ؟" ޝިޒާން އަހައިލިއެވެ.
"ކޮންތާކު؟ ދެން ވަކި މީހެއްގެ އަތުން ކައްކާ އެއްޗެއް ނުކާން ހުރިއްޔާ ކޮންމެ އެއްޗެއް ދިނަސް ކެވޭނެތާ ދޯ!" ހޫދު އަމިއްލަ ނަފުސަށް ދިމާ ކުރާގޮތަށް ވާހަކަދެއްކިއެވެ.
އަހަންނަށް ފާހަގަކުރެވުނު އެހެންކަމެއް އޮތެވެ. އާދަޔާ ހިލާފަށް ގިނައިން ހޫދު ވާހަކަދައްކާ ކަމެވެ. އެއްފަހަރު ވެސް ހުއްޓައި ނުލާ ވާހަކަދައްކާ ކަމެވެ. ބައްޕަގެ ކުރިމަތީގައި އެއީ ބީރައްޓެއްސެއް ފަދައެވެ. މަޑު ފުށްކޮޅެއް ކަހަލައެވެ. ނަމަވެސް ލޮލު ކުރިމަތިން ބައްޕަ ގެއްލޭ އިރަށް މޮޅު ވާހަކަދެއްކުންތެރިއެކެވެ.
ނިދަން އޮވެގެން ވެސް އަހަންނަށް ވިސްނެނީ ހޫދާ މެދުގައެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާ ދެއްކި ވާހަކަތަކެވެ. އޭނާގެ ޑައިލޮގުތަކެވެ. ބަސްބުނުމުގެ ރާގެވެ. އެ ހިނިތުންވުމެވެ. އެ ބަލައިލުމެވެ. އެ ހިޔާލުތަކާ އެކު އަނެއްކާ ވެސް އެއްކަލަ ހިޔާލުތައް އުތުރި ގަތެވެ. ހޫދު އަހަރެން ބަލައިގެންފާނެ ބާއޭ ހިތައިހިތައި ކިޔައިލެވުނެވެ. އޭނާއަށް ހުރިހާ ކަމެއް އެނގޭ ދުވަހު އަހަންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަންނަކީ ކާކުކަން އޭނާ ބަލަން ބޭނުންވާނެ ހެއްޔެވެ؟ އަހަރެންގެ ނުފެންނަ ފަރާތުގެ ހަގީގަތް އެނގިއްޖެ ނަމަ އޭނާ ދެކޭނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އޭނާ އަހަރެން ދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އޭނާ އަހަރެންގެ އިހުސާސްތަކާ ކުޅެނީ ހެއްޔެވެ؟
ކުއްލިއަކަށް މެއަށް އުނދަގޫ ވާންފެށިއެވެ. އޯކަށް ދެމޭހެން ހީވަމުން ދިޔައެވެ. މޭބޮޑުކޮށް މޭނުބައި ކުރާހެން ހީވާން ފެށިއެވެ. އަރުތެރެ ހިކެމުން ދިޔައެވެ. ފެން ފޮދެއް ނުބޮއި ނޯވެވޭ ވަރުވިއެވެ. އަހަންނަށް އަތް ޖައްސާލެވުނީ ކަރުގައެވެ. ބައްޕައަށް ގޮވަންވީއޭ ހިތަށް އެރިއެވެ. ނަމަވެސް، ބައްޕަގެ ނިދީގެ ރާގު އިވިފައި އުނދަގޫ ކުރާ ހިތް ނުވީއެވެ.
އެނދުން ތެދުވެ ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދަމު އެއްގަޑި ބައިވަނީއެވެ. މަޑުމަޑުން ކޮޓަރިން ނުކުތީމެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު ތަށްޓަކަށް ފެން ފޮދެއް އަޅައިލަމުން އަވަސް އަވަހަށް ފެން ކޯވަރެއް ބޮއެލީމެވެ. ކުއްލިއަކަށް ސިހުން ލިބުނީ ހޫދުމެން ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. އަހަންނަށް ބަލަން ހުރެވުނީއެވެ. (ނުނިމޭ)