ރިޕޯޓް

ޓޫރިޒަމަށް ބޭނުމީ ޓޫރިޒަމް ދަންނަ މިނިސްޓަރެއް!

ރާއްޖޭގެ ރިސޯޓެއް ހުޅުވާއިރު ފުރަތަމަ ވެސް ދުނިޔޭގައި ތިބި އެންމެ މޮޅު ޖެނެރަލް މެނޭޖަރުންގެ ތެރެއިން ބޭފުޅަކު ލިބޭތޯ ބަލަ އެވެ. ދެން ހޯދަނީ އެންމެ މީރުކޮށް ކައްކާ ހައި ޕްރޮފައިލް ކައްކާ އެވެ. ބަދިގެ އާއި ކެއުމުގެ ހުރިހާ ކަމެއް ބަލަހައްޓަން އެންމެ މޮޅު ފުޑް އެންޑް ބެވަރޭޖް (އެފްއެންބީ) މެނޭޖަރު ހޯދަނީ ގެސްޓުންނަށް ދެވޭ ހިދުމަތް ޔަގީން ކުރާށެވެ. މުވައްޒަފުން ގެންގުޅުމުގައި އެންމެ ތަޖުރިބާ ކާރު އެޗުއާރު މެނޭޖަރު ހުރި ތަނަކުން "ދަމައި ގަންނަނީ" އެ ފަދަ މީހެއްގެ ބޭނުން ރިސޯޓަށް ބޮޑު ކަމުންނެވެ.

މި ހުރިހާ ގާބިލް މީހުނާއެކު ރާއްޖޭގައި ރިސޯޓެއް ހުޅުވަނީ ކުރަން އުޅެނީ އަދި ކުރެވެނީ ކޮން ކަމެއްކަން ވަރަށް ރަނގަޅަށް އެނގި ތިބެ އެވެ. އެކަމަކު މި ވަރުގަދަ އަދި ރާއްޖޭގެ އިގްތިސޯދު ބަރޯސާ ކޮށްފައިވާ އޮތް ދާއިރާ ބަލައްޓަން ދިވެހި ސަރުކާރުން "ބެލެނިވެރިޔާ" ގެ ގޮތުގައި އަބަދު ވެސް ނަގަނީ "ވީކް" މީހެކެވެ. އަދި ވަރަށް ގިނަ ފަހަރު އެ މީހަކު އަންނަނީ ކޮންމެވެސް ސިޔާސީ ޕޯޑިއަމްއެއްގެ މަތިން ފުންމާލައިގެނެވެ.

އިބްރާހިމް ހުސައިން ޒަކީ އާއި ޑރ. މުސްތޮފާ ލުތުފީ އާއި ޑރ. މަހުމޫދު ޝައުގީއަށް ފަހު ޓޫރިޒަމް މިނިސްޓަރު ކަމަށް ސަރުކާރުން އަބަދު ވެސް ނަގަނީ ޓޫރިޒަމް ސެކްޓާއާ ދުރުގައި އުޅޭ ކޮންމެ ވެސް "ސިޔާސީ ބޮލެ" ކެވެ. މި ވޭތުވެދިޔަ ދިހަބާރަ އަހަރަށް ބެލި ނަމަވެސް މުޅިން ވެސް ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައިވަނީ ޓޫރިޒަމް ދާއިރާއާ ގުޅުމެއް ނެތް "މިނިސްޓަރުން" ނެވެ. -- މީގެ މާނައަކީ އަނެއް ތިން ބޭފުޅުންނަކީ ޓޫރިޒަމް ދަންނަ ބޭފުޅުންނަށް ވުމެއް ނޫނެވެ. އަދި އެއީ ސިޔާސީ ބޭފުޅުންނަށް ނުވުމެއް ވެސް ނޫނެވެ. އޭގެ ތެރެއިން ލުތުފީއަށް ލިބި ވަޑައިގަތީ ވެސް މަދު ދުވަސްކޮޅެކެވެ.

ހަގީގަތުގައި ޓޫރިޒަމް ދާއިރާ އަށް ބޭނުން ވަނީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ. ޒަމާނީ ބޭފުޅެކެވެ. ސިޔާސީ ޕޯޑިއަމް ތަކުން ފެންނަ މޫނަކަށް ވުރެ، މި ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބި ވަޑައިގެން ހުންނެވި ހަރުދަނާ ބޭފުޅަކު ޓޫރިޒަމަށް އެބަ ބޭނުންވެ އެވެ.

ރާއްޖޭގެ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ވަރަށް ސާފުކޮށް ބޮޑު ވެގެންވާ ހަޑިއެއް ހާވައިގެން ހުންނެވި މި ދަނޑިވަޅަކީ އެފަދަ ބަދަލެއް ގެންނަން ސަރުކާރަށް ލިބޭނެ ރަނގަޅު އަދި ރަނުގެ ފުރުސަތެކެވެ. މި ސަރުކާރުގެ ޓޮޕް އެޑްމިނިސްޓްރޭޝަންގައި އެ ހިތްވަރު ހުންނާނީ ކީހަވާރަކަށް ކަމެއް ނޭނގެ އެވެ. އެހެން ލިޔަން ޖެހޭ ސަބަބަކީ މީހުން ބަލައި ނުގަންނަ ވަރަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަގު ވެއްޓިގެން ދިޔައިރު ވެސް މަގާމުން އޭނާ ނުވެއްޓި ހުންނެވުމުންނެވެ.

ޓޫރިޒަމް މިނިސްޓަރެއްގެ މަގާމަށް ޓޫރިޒަމް ދާއިރާ އިން ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅަކު ބޭނުން ވަނީ ކީއް ވެގެން ހެއްޔެވެ؟ ސަބަބަކީ އެއީ ރާއްޖޭގެ "ރަންބިސް އަޅާ ކުކުޅަ" ށް ވުމެވެ. މިކަން ރާއްޖޭގެ މުޅި އިގްތިސޯދަށް ބަދަލުވެފައި އޮތުމެވެ. އެ ބްރޭންޑް ދުވަހުން ދުވަހަށް ބަދަލުވަމުން ދާދިއުމެވެ.

އެހެން ނަމަވެސް މިހާތަނަށް ބެލެވިފަ އޮންނަނީ މިއީ އޮޓަމެޓިކުން ހިނގާނެ ދާއިރާއެއްގެ ގޮތުގަ އެވެ. އަދި މިނިސްޓަރު ކަމަށް ވަޑައިގަންނަވާ ބޭފުޅަކު މުއްސަނދިވާ ކޮށާ މަގެއްގެ ގޮތުގަ އެވެ.

މިހާރު އޮތް އެ ގޮތަކީ ރާއްޖެއަށް އެންމެ ރަނގަޅު ވިސްނުން ނޫންކަން މިހާތަނަށް ދިވެހިން ކުރި ތަޖުރިބާ އިން ފެންނާން އެބައޮތެވެ. ޓޫރިޒަމް ދާއިރާއަށް 48 އަހަރުވީއިރު މި ދާއިރާގެ މައްސަލަތައް ހައްލު ނުވެ އޮތީ އެހެންވެ އެވެ.

ގިނަ ފަހަރު މިނިސްޓަރުގެ މަގާމަށް އަންނަ މީހަކަށް ހަޑި ނަމެއް ނުލިބި ސަލާމަތްވެވިފައެއް ނެތެވެ. އެ ބޭފުޅަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވެ އެވެ. ގިނަ ބޭފުޅުން މި ދާއިރާ އަށް ވަޑައިގަންނަވަނީ ވެސް ފަސްބައިގައި ކޮންމެ ވެސް ހަޑި ކުލައެއް ޖެހިގެންނެވެ. އެ ކުލައާއެކު އޭނާ ދަނީ ރާއްޖެ ޕްރޮމޯޓް ކުރާށެވެ.

ރާއްޖޭގެ ޓޫރިޒަމް މިހާރު ބަދަލު ވަމުންދާ މިސްރާބަށް ބަލާއިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ދާއިރާ ރަނގަޅަށް ދަންނަ ބޭފުޅެއްގެ މުހިންމުކަން މިހާރު ވަރަށް ބޮޑެވެ. ހާއްސަކޮށް ދުނިޔޭގެ ޓޫރިޒަމްގެ "ޓްރެންޑް" ރަނގަޅަށް އެނގި ވަޑައިގަންނަވާ ތަޖުރިބާކާރަށް ނޫނީ ޓޫރިޒަމްގެ ހުންގާނު ދިނުން ހެޔޮ ނުވާނެކަން މި ވަނީ ރަނގަޅަށް ޔަގީންވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ފުރެންދާއިރު މިހާރު ޓޫރިޒަމަށް ގެންނަން ބޭނުންވާ ޒަމާނީ ބަދަލު ގެނައުމުގެ ކުޅަދާނަކަން ހުރި ސިކުނޑިއެއްގެ ބޭނުން ވެއެވެ. އެހެން ނަމަވެސް ޓޫރިޒަމް އިންވެސްޓްމަންޓްތައް ތަރައްގީވެ، ދުނިޔޭގެ އެއް ނަމްބަރުގައި އޮތްއިރު ދާއިރާ ބެލެހެއްޓުން އޮތީ ވަރަށް ދަށުގައި ދެރަ ހާލުގަ އެވެ.

ދިވެހި ޓޫރިޒަމް ބްރޭންޑަކީ ފަހަރުވެރި "ވިޒިޓް މޯލްޑިވްސް" އެވެ. އަބަދު ވެސް ބުނަނީ އެހެން މީހުން ރާއްޖެ އައުމަށެވެ. އަދި ކިޔަނީ މާފަތީގެ މަރުހަބާ އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ރާއްޖެ ބޮއިކޮޓް ކުރަން ގޮވުމާއި ރާއްޖޭގެ ނަން ހަޑި ކުރުން ފަދަ ކަންކަމުގައި ބައިވެރިވެގެން އުޅުއްވާފައި އެ މަގާމަށް ވަޑައިގަތުމަކީ ގަބޫލް ކުރަން ދަތި ކަންކަމަކަށް ވެއެވެ. އެކަން ދުނިޔެއަށް ވަނީ ޖޯކަކަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު ވާން ޖެހެނީ ޓޫރިޒަމް ސެކްޓާގެ ތަޖުރިބާހުރި، ވާނުވާ އެނގިވަޑައިގަންނަވާ ބޭފުޅަކަށެވެ. ކޮންމެ ފަހަރު އައްޔަން ކުރާ މިނިސްޓަރަކީ "އެލްބޯޑް" ޖަހައިގެން ދަސް ކުރަން ޖެހޭ މީހަކަށްވެފައި އޭނާ ނުކުމެގެން ވަޑައިގަންނަވަނީ "ދޮވެލައިގެން" ކަމަށް ވަންޏާ އެވާނީ ވަރަށް ދެރަ ކަމަކަށެވެ.

ދިވެހިންގެ ޒުވާނުންގެ ގިނަ ބަޔަކު މަސައްކަތް ކުރާ ޓޫރިޒަމް ސެކްޓާގައި މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. ރަނގަޅު ކުރަން މައްސަލަތައް ބައިވަރު އެބަހުއްޓެވެ. ހާއްސަކޮށް މިނިމަމް ވޭޖް ދިނުމާއި ސާވިސް ޗާޖު ދިނުން ހަރުދަނާ ކުރުން ފަދަ ކަންކަމަށް ވަކާލާތު ކުރާއިރު އެކަންކަން ރަނގަޅަށް ދަންނަ މީހަކު ބޭނުން ވަނީ އެހެންވެ އެވެ.

ރާއްޖެ ދުނިޔެ އަށް މަޝްހޫރު ވެފައި އޮންނަނީ އެންމެ ސާފު ނޫ ވިލާއި އެންމެ ހުދު ދޮންވެލި ބީޗް އޮންނަ ގައުމުގެ ގޮތުގަ އެވެ. މި ސާފުކަން ދުނިޔެއަށް ދައްކަނީ ޓޫރިޒަމް ސެކްޓާގެ ތެރެއިންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ މީހުންނަށް ހުތުރު ބަހުން މުހާތަބުކޮށް، ޖިންސީ ފުރައްސާރަ ކުރާ ފަރާތަކަށް ވެއްޖެނަމަ އެވާނީ މުޅި ގައުމަށްވެސް އޮތް ހުތުރަކަށެވެ. ޓޫރިމަށް އޮތް ގެއްލުމަކަށެވެ.