ލައިފްސްޓައިލް

ސީރީޒް ބަލަން މާގިނައިރު އިނުމުން ސިއްހަތަށް ނުރައްކާވޭ

ލޯ ކައިރި ކަޅުވުން، ލޯ ދުޅަވުން، އަބަދު ވަރުބަލިވެފައި ހުރުން ފަދަ ކަންތައް ދިމާވާތީ އުޅެން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިކަން މެދުވެރިވަނީ ފޭވަރިޓް ސީރީޒް ބަލަން މާ ގިނަ ވަގުތު ހޭދަ ކުރެވޭތީ ކަމަށް ވުން އެކަށީގެން ވެއެވެ.

ނެޓްފްލިކްސްގެ ފަރާތުން ދާދިފަހުން ކޮށްފައިވާ ސާވޭއަކުން ހާމަވެފައިވާ ގޮތުގައި ޑީޖިޓަލްކޮށް ފިލްމު ބަލާ މީހުންގެ ތެރެއިން 61 ޕަސެންޓް މީހުންނަކީ ގިނަ އިރުތަކެއް ވަންދެން ސީރީޒް ބަލަން ތިބެން އާދަވެފައި ތިބޭ މީހުންނެވެ. މިއީ ވަރަށް މަތީ އަދަދެކެވެ. މީގެ އެންމެ ގޯސް ކަމަކީ އަހަރެމެންގެ ތެރެއިން މިގޮތަށް ސިލްސިލާތައް ބެލުމުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަކަށް މި ކުރެވެނީ ކިހާ ވަރެއްގެ ގޯސް ކަމެއް ކަމާއި މިކަމަށް ދެވި ހިފާފައި ތިބޭ ވަރު އިހްސާސް ނުވާތީ އެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޕީއެޗްޑީ ޕްރޮފެސާ ސައިކޮލޮޖީ، ސޮންޖާ ލިއުބޯމިސްކީ ވިދާޅުވީ މިއީ ނަފްސިއްޔާތުގެ މައްސަލަތަކެއް ކަމަށެވެ.

ވެބް ސީރީޒްގެ ތެރޭގައި ހިމެނޭ "ސެކްރެޑް ގޭމްސް"، "ސްޓްރޭންޖާ ތިންގްސް" "ގޭމްސް އޮފް ތުރޯންސް" ފަދަ އެތައް ސީރީޒް ތަކަކީ ވަރަށް އާ އަދި އެހާމެ ސިކުނޑިއާ ކުޅެލާ ކަހަލަ ސީރީޒް ތަކެއް ކަމަށާއި ވަރަށް ފަސޭހައިން މިފަދަ ސިލްސިލާތަކަށް މީހުން އެޑިކްޓްކޮށްލާނެ ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ހައްދުފަހަނައަޅާ މިންވަރަށް ކުރުމަކީ ގެއްލުން ވާނެކަމެއް ކަން އަމިއްލައަށް ވިސްނާލަން ޖެހޭނެ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

ވަރަށް ފަހުން ޝާއިއުކުރި ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަންގައިވާ ރިޕޯޓެއްގައިވާ ގޮތުން ސީރީޒްތައް ބަލަން މާ ގިނަ ވަގުތު އިށީނދެ އިނުމަކީ ހަކުރުބަލި، ހިތުގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ނުރައްކާ އެތައް ގުނަޔަކަށް އިތުރުވެގެން ދާނެ ކަމެކެވެ. ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތު ކުރިޔަސް ގިނައިރު ފިލްމު ބެލުމުގައި ހޭދަކުރާނަމަ ސިއްހީ މައްސަލަތަކަށް ހައްލެއް ނުލިބޭނެ އެވެ.

އެތައް ތަނެއްގައި މާ ގިނައިރު އިށީނދެ އިނުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބަރުދަން އިތުރުވުން ހިމެނެ އެވެ. އަދި ނެޓްފްލިކްސް އެކައުންޓް ތެރެއަށް ގެނބިގެން މުޅި ދުވަސް އެއްވެސް ހަރަކާތެއް ނެތި ގަނޑުވެފައިވާ މީހެއް ހެން އިނުމުން ލިބޭ ގެއްލުމުގެ ތެރޭގައި ލޭގައި ހުންނަ އޮކްސިޖަން މަދުވުމުން ހިމެނެ އެވެ. މާ ގިނައިރު އެއްތަނެއްގައި އިނުމުން ހަށިގަނޑުގައި ލޭ ދައުރުވާން ހުރަސް އެޅެ އެވެ.

ގިނައިރު ފިލްމު ބަލަން އިނުމަކީ ހަގީގީ ދުނިޔެއާ މީހާ ދުރުކޮށްދޭ ކަމެއް ވެސް މެއެވެ. ދުނިޔެއާ ދުރުގައި އެކަނިމާއެކަނި އިންނަން ލޯބިކުރަން ފަށާނެ އެވެ. މިއީ ޑިޕްރެޝަން އާއި އެންޒައިޓީ އަށް މަގުފަހިވާ ކަމެކެވެ.

ބުރަކަށީގައި ރިއްސުމާއި ލޮލުގެ ފެނުމަށް ވެސް މައްސަލަތައް ދިމާވާނެ އެވެ. ލެޕްޓޮޕް، ފޯން، ޓީވީ ފަދަ އެއްޗެތީގެ ބްލޫ ލައިޓް ނުވަތަ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން އަކީ ލޮލުގެ މަސްތަކަށް ވަރަށް ގެއްލުން ހުރި އެއްޗެކެވެ.

ނިދިމަދުވުމަކީ ވެސް މީގެން ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ބަލަމުންދާ ސިލްސިލާގެ ޝައުގުވެރިކަމުން ގޮސް އަދި އެއް ތަންކޮޅު ބަލާލާފައި ނިދަން މަޑުކޮށްލަމުން ގޮސް ކޮންމެ ރެއަކަށް ބޭނުންވާ ނިދީގެ ބޮޑު ބަޔަކުން މީހާ މަހްރޫމްވާ ގޮތް ވެއެވެ. އަދި އިލެކްޓްރޯނިކް ޑިވައިސްތަކުގައި ހުންނަ ބްލޫ ލައިޓަކީ މެލަޓޯނިން އުފެއްދުން ހުއްޓުވާ އެއްޗެކެވެ. މެލަޓޯނިން އަކީ އިންސާނާގެ ސްލީޕް ސައިކަލް ރެގިއުލޭޓްކުރާ ހޯމޯނެކެވެ.

އެހެންވީމާ މާ ގިނަ ވަގުތު އެ އިންނަ ގޮތަށް ސިލްސިލާތައް ބަލަން އިނުމުގެ ގެއްލުން ވަރަށް ބޮޑުކަން ޔަގީން ވެއެވެ. ވީމާ ދެން އޮތީ މިކަމަށް ހައްލެއް ހޯދުމެވެ. ގެއްލުން ލިބުނަސް ގިނަ މީހުންނަށް ސީރީޒް ނުބަލައެއް ނުތިބެވޭނެކަން ޔަގީނެވެ. އެހެންވީމާ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.

މުޅި ސީޒަން އެއްކޮށް އެއްފަހަރާ ނުބަލާ ދުވާލަކަށް ނުވަތަ ހަފުތާއަކަށް ވަކި ވަރަކަށް އެޕިސޯޑް ބަލަން ހަމަޖައްސާ އެގޮތަށް ކުރިޔަށް ދާށެވެ. ސީރީޒް ބަލަން ހޭދަކުރާނީ ކިހާ ވަގުތެއްކަން ދުރާލާ ކަނޑައަޅާ އެ ވަގުތު ޖެހުމުން ހުއްޓާލާފައި ތެދުވާށެވެ. އަދި މިގޮތަށް އަމަލުކުރުމުގައި ދެމި ހުންނާށެވެ. ހަފުތާ ބަންދުވެސް އެކީގައި ސިލްސިލާ ބަލަން ހުސްނުކޮށް ބޭރުތެރެއަށް ނުކުމެ ރައްޓެހިންނާ ބައްދަލުކޮށް އުޅެން ވެސް ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ.

ސީރީޒް ބަލާއިރު ބޮކިތައް ނިއްވާ ނުލާށެވެ. އަނދިރީގައި ސްކްރީނަށް ބަލަހައްޓައިގެން ސިލްސިލާއަށް ގެނބިގެން އިނުމަކީ ލޮލަށް ވަރަށް ގެއްލުން ވާނެ ކަމެކެވެ. ލޮލުގެ މަސްތައް ސްޓްރެސްވެ ލޯ ދުޅަވެ ތަދުވުމަކީ ވަރަށް ގާތް ކަމެކެވެ.

ސީރީޒްގެ އެޕިސޯޑެއް ވަރު ބަލާފައި ރައްޓެއްސަކަށް ގުޅައިގެން އެ ބެލި ހިސާބު ކިޔައިދީ އެކަމާ ގުޅޭ ގޮތުން ވާޙަކަ ދައްކާށެވެ. މިހެން ވާޙަކަ ދައްކަން ހުންނައިރު ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރުމުން ކޮންމެވެސް ކަހަލަ ހަރަކާތްތަކެއް ހަށިގަނޑަށް ކުރެވޭނެ އެވެ. އަދި ސިކުނޑި ތާޒާ ވާނެ އެވެ.

ކޮންމެ އެޕިސޯޑެއް ބަލާ ނިންމާފައި ތެދުވެ ބުރަކައްޓާއި ފައިގެ ސްޓްރެޗް ހަދާށެވެ. އަދި ތެދުވެގެން ބަދިގެއަށް ގޮސް ފެން ތައްޓެއް ބޯލާށެވެ.