ރާއްޖެ ކުޅިވަރު

ޕޮމިސް ކަޕްގައި ދެން ވާދަކުރާނީ ސިންގަޕޯ ލަޔަންސް

މި މަހު ފެށުމަށް ހަމަޖެހިފައިވާ ޕޮމިސް ކަޕްގައި ބައިވެރިވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިން ދައުވަތު ގަބޫލްކޮށް، މެލޭޝިއާ ލީގުގައި ކުޅޭ ސިންގަޕޫރުގެ ކްލަބެއް ކަމަށްވާ ސިންގަޕޯ ލަޔަންސް މުބާރާތުގައި ބައިވެރިވާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ މުބާރާތުގައި ސިންގަޕޯ ލަޔަންސް ބައިވެރިވާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

ދެހާސް ތިން ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޕޮމިސް ކަޕް އެފްއޭއެމް އިން ބާއްވާއިރު، މި މުބާރާތުގައި ދެން ވާދަކުރާނީ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓާއި އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅޭ މެލޭޝިއާގެ ޕީޑީއާރްއެމް އެވެ.

މެލޭޝިއާ ލީގުގަައި ވާދަކުރާ ސިންގަޕޯ ލަޔަންސް އަކީ ސިންގަޕޫރުގެ ފުޓްބޯލް އެސޯސިއޭޝަން އިން ހިންގާ ކްލަބެކެވެ. ސިންގަޕޯ ލަޔަންސް އަށް ސިންގަޕޫރުގެ ސީނިއާ ޓީމުގެ ކުޅުންތެރިން ބައެއް ފހަރު ކުޅުނު ނަމަވެސް، މި ޓީމު ބިނާވެފައިވަނީ ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. މިއީ ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ޓީމަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސިންގަޕޫރުގެ ފުޓްބޯލް އެސޯސިއޭޝަން އިން އުފެއްދި ކްލަބެކެވެ.  ބިދޭސީ އެއްވެސް ކުޅުންތެރިއެއް ލަޔަންސް ޓީމުގައި ނުހިމެނެ އެވެ.

ޕޮމިސް ކަޕް ކުރިއަށް ދާނީ މި މަހުގެ 22 އިން 28އަށެވެ.