ކުޅިވަރު

ލިވަޕޫލްގެ ފުރަތަމަ ބަލި، ކްލޮޕް ކަންބޮޑެއް ނުވޭ

ވަޓްފޯޑް އަތުން 3-0 ން ބަލިވެ، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގައި ލިވަޕޫލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ވަޓްފޯޑްގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އިސްމާއިލާ ސާރ އެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކުރީ ޓްރޮއީ ޑީނޭ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް، ޔާގަން ކްލޮޕް ބުނީ ވަޓްފޯޑަށް މޮޅު ހައްގުވާ ކަމަށެވެ. އޭނާ ބުނީ ލިވަޕޫލް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާ ނުލެވުނީ ފުރަތަމަ ހާފުގައި އެދެވޭ ފުރުސަތުތައް ތަނަވަސް ނުކުރެވުމުންނެވެ.

ޕްރިމިއާ ލީގްގެ ތާރީހްގައި އެއްވެސް މެޗަކުން ބަލި ނުވެ، ލީގް ކާމިޔާބު ކުރީ 2004 ވަނަ އަހަރު އާސެނަލްއިންނެވެ. އާސެނަލްގެ އެ ރެކޯޑް ލިވަޕޫލަށް ނުހެދުމުން އެކަމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ކްލޮޕް ބުނީ، ރެކޯޑެއް ހެދޭނީ އެކަމަށް ސަމާލުކަން ދީގެން ތިބެގެން ކަމަށެވެ. ރެކޯޑް ހަދާނަމަ އެކަމަށް ހާއްސަކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.

"އެއީ ދެން އެނގޭ ކަމެއް ކޮންމެވެސް ހިސާބަކުން އަހަރެމެން ބަލި ވާނެކަން، އެކަންވީކީ އަހަރެމެން އެކަމަށް ބޭނުންވެގެން ތިބެގެނެއް ނޫން، އެހެންނަމަވެސް (ރޭ) އެކަންވީ، އަހަރެން ދެކެނީ އެއީ ޕޮޒެޓިވް ކަމެއްގެ ގޮތުގައި،" ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ. "އެއީ މިހާ ހިސާބުން ފެށިގެން އަހަރެމެންނަށް ފްރީ ގޭމެއް ކުޅެވޭނެ، މިހާހިސާބުން ރެކޯޑަކާ މެދު ވިސްނާކަށް ނުޖެހޭނެ، އަލުންވެސް ފުޓްބޯޅަ މެޗުތަކުން އަހަރެމެންނަށް މޮޅުވާން ވިސްނޭނެ."