ކުޅިވަރު

ބިރުބޮޑުވެ ޔުވެންޓަސް އާއި އިންޓަގެ މެޗު ކެންސަލް

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ނުރައްކާ ބޮޑުވެ، އިޓާލިއަން ލީގްގައި އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ޔުވެންޓަސް އާއި އިންޓަ މިލާންގެ މެޗު ކެންސަލް ކޮށްފި އެވެ.

ކެންސަލްވި އެހެން މެޗުތަކުގެ ތެރޭގައި ހިމެނެނީ އުޑިނޭޒީ އާއި އޭސީ މިލާން ކުޅޭ މެޗާއި ޕާމާ އާއި ސަސުލޯ ކުޅެން ހަމަޖެހިފައިވާ މެޗެވެ. އެންމެ ފުރަތަމަ ނިންމީ އެ މެޗުތައް ސްޓޭޑިއަމް ތަޅުލައިގެން ކުޅުމަށެވެ. ނަމަވެސް އެންމެ ފަހުން ނިންމީ މެޗުތައް ކެންސަލް ކުރާށެވެ.

މިދިޔަ ހަފުތާގައި ވެސް އިންޓަ މިލާން އާއި ސަމްޕްޑޯރިއާ އަދި އެޓަލާންޓާ އާއި ސުސުލޯ ކުޅެން އޮތް މެޗުވެސް ކެންސަލް ކުރި އެވެ. ޔުވެންޓަސްއިން ވަނީ އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ކަރަންޓީން ކޮށްފަ އެވެ.

ޔުެވެންޓަސްއިން އެ ފިޔަވަޅު އެޅީ ސެރީ ސީގައި ވާދަ ކުރާ ޕިއަނޭޒޭގެ ތިން ކުޅުންތެރިޔަކު ވައިރަހަށް ޕޮޒެޓިވް ވުމުންނެވެ.

އިއްޔަ ހެނދުނު ކުއްލިއަކަށް މެޗުތައް ކެންސަލް ކުރުމުން، އިންޓަގެ ޑައިރެކްޓާ ބެޕޭ މޮރާޓާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ ކުއްލިއަކަށް މެޗުތައް ކެންސަލް ކުރުމުގެ ބަދަލުގައި ދުރާލައި އެލޭނެ އެހެން ފިޔަވަޅުތައް ހުންނާނެ ކަމަށެވެ. އޭނާ ބުނީ މުހާލަތާ ސޭރިއޭ ކުރިމަތި ލަނީ ރަނގަޅަށް ނޫން ކަމަށެވެ.

ޗައިނާގެ ހުއާންއިން ފެތުރެން ފެށި، ކޮރޯނާ ކެޓަގަރީގެ ވައިރަސްއަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ދީފައިވާ ނަމަކީ ކޮވިޑް 19 އެވެ. ޗައިނާގެ 75567 މީހުންނަށް ވައިރަސްގެ އަސަރު ކުރި އެވެ. އޭގެތެރެއިން 2200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ޗައިނާގެ އިތުރުން 26 ގައުމެއްގައި މި ވައިރަސް ދަނީ ފެތުރެމުންނެވެ.