ހަބަރު

ސީއެސްސީގެ ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސަތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާގުން ފާސްކުރީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދު އާއި ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި މެންބަރު އިބްރާހިމް ޝަހީގު އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ވަނީ މިނިސްޓްރީތަކުން ކުރާ މަސައްކަތްތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ އެއްބާރުލުން ލިބޭ މިންވަރު ދެނެގަތުމުގެ ގޮތުން ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ ހުރިހާ މިނިސްޓަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މިނިސްޓަރުން ވަނީ ސީއެސްސީގެ އެއްބާރުލުން ނުލިބޭ ކަމަށާއި ބައެއް ކަންކަން ކޮށްދިނުމުގައި މިނިސްޓްރީތަކުން ބޭނުންވާ ސްޕީޑާ އެއް ވަރަށް ވެސް ސީއެސްސީއަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސީއެސްސީގެ ބައެއް މެންބަރުން މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންގެ ނުފޫޒުގައި ތިއްބެވި ކަމަށް ވެސް ބައެއް މިނިސްޓަރުން ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުންގެ ވާހަކަތަކާއި ގުޅިގެން ސީއެސްސީގެ ހަތަރު މެންބަރެއްގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށި އެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ވަކި ކުރަން ފާސްކުރީ އެ ހަތަރު މެންބަރުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސީއެސްސީގެ ހަތަރު މެންބަރަކު ވަކި ކުރަން ފާސްކުރިއިރު، ދެން އެ ކޮމިޝަންގައި އިންނަވަނީ ފާތުމަރު އާމިރާ އެކަންޏެވެ.